މޫސުން ގޯސްވުމުގެ ސަބަބުން ރައީސް ޔާމީންގެ ބޮޑުތިލަދުންމަތި ދަތުރުފުޅު ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން ރައީސް ޔާމީންގެ ބޮޑުތިލަދުންމަތި ދަތުރުފުޅު ފަސްކޮށްފި

Author
މުޙައްމަދު ޖިމީ
12 އޮކްޓޯބަރ 2022 12:32
0

އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ބޮޑުތިލަދުންމައްޗަށް ކުރަން ޖހަމަޖެހިފައިވާ ދަތުރުފުޅު މުސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.

ޕީޕީއެމް އިން ބުނީ، މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑުގަދަވުމުގެ ސަބަބުން ރައީސް ޔާމީން ހއ. ގެ 5 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކޮށްފައިވާކަމަށެވެ. މޫސުން ރަނގަޅުނަމަ އަންނަ ހޮނިހިރު ދުވަހު ދަތުރުފުޅު ކުރައްވުމަށްވަނީ ހަމަޖެހިފައިވާކަމަށްވެސް ޕީޕީއެމް އިން ބުންޏެވެ.

ރައީސް ޔާމީން ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ހއ. ކެލާ، ހއ. ބާރަށް، ހއ. ދިއްދޫ، ހއ. އިހަވަންދޫ އަދި ހއ. ތުރާކުނަށެވެ.

ރައީސް ޔާމީން ހއ.ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ވެސް މުހިއްމު އެއް ކަމަކަށް އޮތީ 2023 އަށް ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމެވެ. ޒުވާނުންނާއި އަންހެނުންނާއި މަސްވެރިންނާއި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މި ދަތުރުފުޅުތަކުގައި ހިޔާލު ހޯއްދެވުމަށް ވަނީ ހަމަޖެހިފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ދަތުރުތަކުގައި އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވަން ބޭނުންފުޅުވިޔަސް އެކަން ނުވަނީ ވަގުތާއި ދަތުރުފަތުރުގެ ކަންކަން ހުރި ގޮތުންނެވެ. އެމަނިކުފާނު ހުންނަވާ ރަށަކަށް، ކައިރި ރަށްތަކުން ވަޑައިގެން ބައްދަލުކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ހއ. އަތޮޅުގައި ވެސް ގިނަ މަޝްރޫއުތައް ހިންގަވާފައިވާ ކަމަށެވެ. އިހަވަންދުއަށް ބަލާ ނަމަ 2013 އިން 2018 އަށް 14 ޕްރޮޖެކްޓަކާއި ކެލާގައި 16 ޕްރޮޖެކްޓެއް ހިންގަވާފައިވާ ކަމަށް ވިދާޅުވިއެވެ.

މިއީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން މެމްބަރުންނާ ބައްދަލުކުރައްވަން ރައީސް ޔާމީން ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ ވަޑައިގަތީ ދ. ކުޑަހުވަދު އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދޮންކޮ
ގަޓް ރައީސް ފެންކޮޅެއް ޖަހާލާއިރަށް ކެންސަލް!