ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެ އިތުރުނުވާ ގޮތަށް ގާނޫނުއަސާސީގައި ކަނޑައެޅުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލިހަށް ވެއްދި އިސްލާހަށް މެމްބަރުންގެ ތަރުހީބު ނުލިބި މިއަދު ބޭރުކޮށްލައިފިއެވެ.
އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ބޭރުކޮށްލީ 25 މެމްބަރުންގެ ވޯޓުންނެވެ. ޖަލްސާގައި 40 މެމްބަރުން ހާޒިރުވެ ތިއްބެވިއިރު އެ އިސްލާހާ އެއްކޮޅަށް ވޯޓު ދެއްވީ ހަތް މެމްބަރެކެވެ.
މިއިސްލާހަކީ ޤާނޫނު އަސާސީގައި މެމްބަރުންގެ އަދަދަކީ 87 ކަމަށް ކަނޑައަޅައި އެއަށްވުރެ އިންތިޚާބީ ދާއިރާތައް އިތުރުނުވާނޭ ގޮތަކަށް ޤާނޫނު އަސާސީގައި ކަނޑައެޅުމަށްޓަކައި ހުށަހަޅުއްވި އިސްލާހެކެވެ. އަދި މިއިސްލާހުގައި ވާގޮތުން ކޮންމެ އިންތިޚާބީ ދާއިރާއަކުން އިންތިޚާބު ކުރެވޭނީ އެއް މެމްބަރަކު ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ގާނޫނުއަސާސީގައި މިހާރު ބުނާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެއެވެ.
ޤާސިމްގެ އިސްލާހުގައި ބުނެފައިވަނީ މެމްބަރުންގެ އަދަދު ކޮންމެ 5 އަހަރެއްގެ ދައުރެއް ނިމޭއިރު އިތުރުވާގޮތަށް އޮވެއްޖެނަމަ އެއީ ރާއްޖެފަދަ ކުޑަ ޤައުމެއްގެ ޤާނޫނުހަދާ މަޖިލީހަށް އެކަށީގެންނުވާ އަދަދަކަށް ވެދާނެކަމަށެވެ. އަދި މިގޮތަށް މެމްބަރުންގެ އަދަދު އިތުރުވާނަމަ އެއީ އިޤްތިޞާދީ ގޮތުންނާއި، އެނޫން ގޮތްގޮތުންވެސް ގޮންޖެހުން ކުރިމަތިވެދާނެ ކަމެއްކަމަށް ފެނިވަޑައި ގަންނަވާ ކަމަށް ޤާސިމްގެ އިސްލާހުގައި ވިދާޅުވެފައިވެއެވެ.
އާ ޤާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ކޮންމެ އިންތިޚާބެއްގައިވެސް މަޖިލީހުގެ އިދާރީ ދާއިރާތައް ވަނީ އިތުރުވެފައެވެ. އެގޮތުން 2009ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި 77 މެމްބަރުން އަދި 2014ވަނަ އަހަރުގައި 85 މެމްބަރުން އަދި މިހާރު ކުރިއަށްދާ 19ވަނަ މަޖިލީހުގައި 87 މެމްބަރުން ތިއްބަވައެވެ.