މާލެ ސަރަހައްދުގައި ދެމުން އަންނަ މިނީ ބަހުގެ ޚިދުމަތުން މާދަމާއިން ފެށިގެން އަގު ނަގަން ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.
މަހެއްހާ ދުވަސް ހިލޭ ދަތުރުކޮށްދިނުމަށްފަހު މާދަމާ ދަތުރުތަކަށް އަގުނަގާނީ 7 ރުފިޔާގެ ރޭޓުންނެވެ. އެމްޓީސީސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، މިނީ ބަހުން ހިލޭ ދަތުރުކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތު ނިމުމާއެކު އާރް.ޓީ.އެލް ޓްރެވަލް އެޕް ބޭނުންކޮށްގެން ކިޔު.އާރް ޓިކެޓް ގަނެގެން ދަތުރުކުރެވޭނެކަމަށެވެ. އަދި މި އެޕް ގޫގަލް ޕްލޭ ސްޓޯރާއި، އެޕަލް ސްޓޯރއިން ހިލޭ ޑައުންލޯޑްކުރެވޭނެކަމަށެވެ. މިގޮތަށް ޓިކެޓް ނަގަން އުނދަގޫވާ ފަރާތްތަކަށް ކަރުދާސް ޓިކެޓް ވިއްކުމާއި، އިތުރު ގޮތްތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ބަހުން ކަރުދާސް ޓިކެޓް ވިއްކާގޮތަށް ނިންމާފައިވީ ނަމަވެސް، ބަހުގެ ތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނުހުންނާނެކަމަށެވެ. މިގޮތަށް ނިންމީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބަލާ، ޚިދުމަތް ދިނުމަށް ނަގާ ވަގުތު ސަލާމަތްކުރުމަށާއި، ޝެޑިއުލަށް ބުރުއެރިޔަ ނުދިނުމަށްކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން ކަރުދާސް ޓިކެޓް ނަގައިގެން މިނީ ބަހުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ޓިކެޓުގެ ސީދާ އަގުކަމަށްވާ 7 ރުފިޔާ ހިފައިގެން ބަހަށް އެރުމަށް އާޒިމް އެދިވަޑައިގަތެވެ.
Here is your chance to familiarize with the RTL Website, https://t.co/hhK9CnjHtb. Learn how to plan your trip and book your RTL Bus ticket using this website. We wish you all a very pleasant experience on your RTL journeys.#RTLBus #ConnectingRaajje pic.twitter.com/w4QhlANDxu
— MTCC Plc (@MTCCPlc) September 1, 2022
ކަރުދާސް ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ ހަމައެކަނި އާރް.ޓީ.އެލް މާލޭ ބަހުގެ ޚިދުމަތަށެވެ. އަދި ކަރުދާސް ޓިކެޓްތައް ވިއްކާނީ ސީދާ ބަހުންކަމަށާއި، ޓަރމިނަލްތަކުން ކަރުދާސް ޓިކެޓް ލިބެން ނުހުންނާނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އާޒިމް ވިދާޅުވީ، ކަރުދާސް ޓިކެޓް ވިއްކުމުގެ އިތުރުން މިމަހުގެ ތެރޭގައި އީ.އެމް.ވީ ކާޑު ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި ޚިދުމަތާއެކު ވިސާ، އެމެކްސް އަދި މާސްޓަރ ކާޑު ގެންގުޅުއްވާ ފަރާތްތަކަށް ޓެޕްކޮށްލައިގެން ޓިކެޓަށް ފައިސާ ދައްކާލެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ.
މިނީ ބަހުގެ ޚިދުމަތައް މާލޭގައި ބޭނުންކުރަމުން އަންނަނީ މައިގަނޑު 3 ރޫޓެކެވެ. އެއީ އޯކިޑް ރޫޓާއި، ސޯސަން ރޫޓުގެ އިތުރުން އަމީނީ ރޫޓެވެ. މި 3 ރޫޓު މެދުވެރިކޮށް ޖުމްލަ 40 ތަނަކަށް ބަސްތައް ހުއްޓާނެއެވެ.
ކޮމެންޓު ފޮނުވާ