"މިއީ ހަނގުރާމައިގެ ޒަމާނެއް ނޫން" ކަމަށް ވިދާޅުވެ، އުޒަބަކިސްތާނުގައި ކުރިޔަށްދާ SCOގެ ބައްދަލުވުމުގެ ހަވާސާގައި ޕުޓިންއާއި ބައްދަލު ކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ވާހަކަ ދައްކަވާފައިވަނިކޮށް، ރަޝިއާއިން ޔޫކުރެއިންގެ ހަތަރު ސަރަހައްދެއް އަމިއްލަ ކުރުމާއި ދެކޮޅަށް ސެކިއުރިޓީ ކައުންސިލަށް ހުށަހެޅުނު ގަރާރުގައި އެއްވެސް އަތަކަށް ވޯޓު ނުދޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނިއްޖެއެވެ.
މިހާރު ހިނގަމުންދާ ޔޫކުރެއިން ހަނގުރާމާގައި ރަޝިއާއިން ހިފާފައިވާ ޑޮނެސްކް، ލުހާންސްކް، ޚާސަންގެ އިތުރުން ޒެޕޯރިޒިއާ އަކީ ރަޝިއާގެ ސަރަހައްދުތައްކަމަށް ރަސްމީކޮށް އެގައުމުން ވަނީ ކަނޑައަޅާފައެވެ.
މި ސަރަހައްދުތަކަކީ ރަޝިއާގެ ސަރަހައްދުތަކުގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައިވަނީ ރަޝިއާގެ ކްރެމްލިންގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާޓުގައި މި ސަރަހައްދުތަކަށް ރަޝިއާއިން އައްޔަންކުރި އިސްވެރިންނާއި ރަޝިއާގެ ރައީސް ޕުޓިން ވަނީ، މި 4 ސަރަހައްދަކީވެސް ރަޝިއާގެ ބައެއްގެ ގޮތުގައި ނިންމުމަށްޓަކާ ލިޔެކިޔުންތަކުގައި ސޮއިކުރައްވާފައެވެ.
ރަޝިއާއިން ޔޫކުރެއިންގެ ހަތަރު ސަރަހައްދެ "ފޭރިގަތް" މައްސަލަ ކުށްވެރިކޮށް، އަދި ރަޝިއާގެ ސިފައިން މި ސަރަހައްދުތަކުން ފޭބުމަށް ގޮވާލާ ޔޫއެންގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ސްޕޮންސަރ ކޮށްފައިވަނީ އެމެރިކާއިންނާއި އަލްބޭނިއާއިންނެވެ.
އެމެރިިއިކާއާއި އަލްބޭނިއާއިން ސްޕޮންސްރ ކުރި މިގަރާރަށް ސެކިއުރިޓީ ކައުންސިލްގެ ގިނަ ގައުމުތަކުން ވޯޓު ދީފައިވާއިރު، އިންޑިއާ، ޗައިނާ، ބްރެޒިލްގެ އިތުރުން ގަބޮންއިން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.
ރަޝިއާއިން އެންމެ ފަހުން ވީޓޯކުރި މި ގަރާރުގައިވަނީ، ޔޫކުރެއިންގެ 4 ސަރަހައްދެއް އަމިއްލަ ކުރުމަށް ރަޝިއާއިން ނެގި ވޯޓު ކުށްވެރި ކުރުމުގެ އިތުރުން، އަދި މިއީ ސައްހަ ނިންމުމެއް ނޫންކަމަށް ނިންމާ، ދުނިޔޭގެ އެއްވެސް ގައުމަކުން މި ސަރަހައްދުތައް ބަލައި ނުގަތުމަށް ގޮވާލާފައެވެ.
މި ވޯޓަށްފަހު، ނިއު ދެލްހީގެ ޔޫއެން އެންވޯއި ރުޗިރާ ކަމްބޯޖް ވަނީ، ރަޝިއާ ޔޫކުރެއިންގެ މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރުމަށް ގޮވާލައްވާފައެވެ. އަދި އޭނާވަނީ، ޔޫއެންގެ ޗާޓަރަށް ބޯލަބާ، ގައުމުތަކުގެ މިނިވަންކަމަށް އެހެން ގައުމުތަކުން ހުރުމަތްތެރިކޮށް ހިތުމަށްވެސް ގޮވާލައްވާފައެވެ.
ރަޝިއާއިން ޔޫއެންގެ 4 ސަރަހައްދެއް އަމިއްލަކުރުމަށް ނިންމުމާއި ގުޅިގެން ޔޫއެންގެ ސެކެޓްރީ ޖެނެރަލް ވިދާޅުވެފައިވަނީ ރަޝިއާގެ ނިންމުމަކީ ޔުއެންގެ ޗާޓަރާއި ބައިނަލްއަގުވާމީ ގާނޫނުތަކާއިވެސް ޚިލާފް، 7 މަސްވީ ހަގުރާމަ ނުރައްކާތެރި ހާލަތަކަށް ގެންގޮސްދޭނެ ނިންމުމެއް ކަމުގައެވެ.
ޔޫކުރެއިންގެ 4 ސަރަހައްދެއް ރަޝިއާގެ ސަރަހައްދުތައް ކަމަށް ކަނޑައަޅާފައިވަނީ، މި ސަރަހައްދުތަކުގެ ރައްޔިތުންގެ މެދުގައި ބޭއްވިގެން ދިޔަކަމަށް ރަޝިއާއިން ބުނާ "ފެންނަ ނުފެންނަ" ވޯޓަކަށް ފަހުއެވެ. ރަޝިއާއިން ބުނެފައިވަނީ މި ސަރަހައްދުތަކުގެ އާންމު ރައްޔިތުން ރަޝިއާއާއި ގުޅެން ބޭނުންތޯ ބެލުމުގެ ނަމުގައި، ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން އެ ސަރަހައްދުތައް އެގައުމާއި ގުޅުމަށް ބޮޑު އައުލަބިއްޔަތެއް ވޯޓު ދީފައިވާކަމުގައެވެ.
ޔޫކުރެއިން ސަރުކާރުގެ އިތުރުން ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުންވެސް، ރަޝިއާއިން ލަދުވެތިވާން ޖެހޭނޭ ކަމެއްގެ ގޮތުގައި ސިފަ ކުރަމުން އައި މި ވޯޓު، ރަޝިއާއަށް ތާއީދުކރާ ފަރާތްތަކުން ބާއްވާފައިވަނީ ބައިނަލްއަގުވާމީ އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތި، އަދި މިނިވަން އެއްވެސް ފަރާތަކުން މޮނިޓަރ ކުރުމަކާވެސް ނުލައެވެ.
ޔޫކުރެއިންގެ ސަރަހައްދުތައް ރަޝިއާއި ގުޅުވާލުމަށް އަމާޒުކޮށް ބޭއްވިގެންދިޔަ "ގާނޫނާ ޚިލާފް" މި ވޯޓަށްފަހު ރަޝިއާއާއި ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނޭކަމުގެ އިންޒާރު އީޔޫއިން ވަނީ ދީފައެވެ. އަދި ޔޫކުރެއިންގެ ރައީސް ޒެލެންސްކީވަނީ އެގައުމުގެ ހުރިހާ ސަރަހައްދެއްވެސް ހިމާޔަތް ކުރުމަށް ހަގުރާމަ ކުރަމުންދާނޭކަމުގެ އިންޒާރު ދީފައެވެ.
ރަޝިއާއިންވަނީ 2014ވަނަ އަހަރުން ފެށިގެން ޔޫކުރެއިންގެ ކްރައިމިއާ ސަރަހައްދަކީ އެގައުމުގެ ބައެއްކަމަށް ހަމަޖައްސާފައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް ބައިނަލްއަގުވާމީ މުޖުތަމަޢުން މިސަރަހައްދަކީ ރަޝިއާގެ ސަރަހައްދެއްގެ ގޮތުގައި ބަލައިގެންފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ