ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށިތާ 7 މަސްފަހުން، ހިފާފައިވާ ސަރަހައްދު ތަކުގައި، އެ ސަރަހައްދުތަކުގެ އާންމު ރައްޔިތުން ރަޝިއާއާއި ގުޅެން ބޭނުންތޯ ބެލުމުގެ ނަމުގައި، ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން އެ ސަރަހައްދުތައް އެގައުމާއި ގުޅުމަށް ބޮޑު އައުލަބިއްޔަތެއް ވޯޓު ދީފައިވާކަމަށް ރަޝިއާއިން ބުނެފިއެވެ.
ޔޫކުރެއިން ސަރުކާރުގެ އިތުރުން ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުންވެސް، ރަޝިއާއިން ލަދުވެތިވާން ޖެހޭނޭ ކަމެއްގެ ގޮތުގައި ސިފަ ކުރަމުން އައި މި ވޯޓު، ރަޝިއާއަށް ތާއީދުކރާ ފަރާތްތަކުން ބާއްވާފައިވަނީ ބައިނަލްއަގުވާމީ އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތި، އަދި މިނިވަން އެއްވެސް ފަރާތަކުން މޮނިޓަރ ކުރުމަކާވެސް ނުލައެވެ.
"ފެންނަ ނުފެންނަ ވޯޓު"ގެ ނަމުގައި ބޭއްވުނު މި ވޯޓުލުން ބާއްވާފައިވަނީ ޔޫކުރެއިންގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ޑޮނެސްކް އަދި ލުހާންސްކު ސަރަހައްދުގެ އިތުރުން، ކުރިޔަށްދާ ހަނގުރާމާއިގައި ރަޝިއާއިން ހިފާފައިވާ ޔޫކުރެއިންގެ ދެކުނުގެ ސަރަހައްދުތައް ކަމުގައިވާ ޚާސަން އަދި ޒެޕްރިއްސިއާ ސަރަހައްދުގައެވެ.
މީގެ އިތުރުން ރަޝިއާގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ރެފިއުޖީންގެ އިތުރުން 2014ވަނަ އަހަރު އެގައުމުން ހިފާފައިވާ ޔޫކުރެއިންގެ ސަރަހައްދެއް ކަމަށްވާ ކްރައިމިއާ ސަރަހައްދުގައިވެސް މި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމަށް ފޮށިތައް ބެހެއްޓިފައި ހުއްޓެވެ.
ރަޝިއާއަށް ތާއީދުކުރާ ނިއުސް ޗެނަލްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޑޮނެސްކް އަދި ލުހާންސްކް ސަރަހައްދުގައި 99.23 އިންސައްތަ މީހުންވަނީ ރަޝިއާއާއި ގުޅުމަށް މި އިންތިޚާބުގައި ވޯޓު ދީފައެވެ.
ޔޫކުރެއިންގެ ސަރަހައްދުތައް ރަޝިއާއި ގުޅުވާލުމަށް އަމާޒުކޮށް ބޭއްވިގެންދިޔަ "ގާނޫނާ ޚިލާފް" މި ވޯޓަށްފަހު ރަޝިއާއާއި ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނޭކަމުގެ އިންޒާރު އީޔޫއިން ވަނީ ދީފައެވެ. އަދި ޔޫކުރެއިންގެ ރައީސް ޒެލެންސްކީވަނީ އެގައުމުގެ ހުރިހާ ސަރަހައްދެއްވެސް ހިމާޔަތް ކުރުމަށް ހަގުރާމަ ކުރަމުންދާނޭކަމުގެ އިންޒާރު ދީފައެވެ.
ރަޝިއާއިންވަނީ 2014ވަނަ އަހަރުން ފެށިގެން ޔޫކުރެއިންގެ ކްރައިމިއާ ސަރަހައްދަކީ އެގައުމުގެ ބައެއްކަމަށް ހަމަޖައްސާފައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް ބައިނަލްއަގުވާމީ މުޖުތަމަޢުން މިސަރަހައްދަކީ ރަޝިއާގެ ސަރަހައްދެއްގެ ގޮތުގައި ބަލައިގެންފައެއް ނުވެއެވެ.
ބައިނަލްއަގުވާމީ މުޖުތަމަޢުން ދެކޭ ގޮތުގައި ރަޝިއާގެ މަގުސަދަކީ، މިހާރު ކުރިޔަށްދާ ހަގުރާމާގައި އެގައުމުން ހިފާފައިވާ ޔޫކުރެއިންގެ ސަރަހައްދުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން ރަބަރ ސްޓޭމްޕް ޖެހުމަށެވެ.
ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޑިމިޓްރީ މެޑްވެޑޭވް ފާއިތުވެދިޔަ ހަފްތާގެ އަންގާރަދުވަހު ވިދާޅުވެފައިވާ ގޮތުގައި، ޑޮންބަސްގެ ނަމުން މުޚާތަބް ކުރެވޭ ޑޮނެސްކް އަދި ލުހާންސްކްގެ ސަރަހައްދުތަކުގައި އާންމު ފެންނަ ނުފެންނަ ވޯޓެއް ނެގިގެން ދިއުމުން "ތާރީޚީ ގޮތުން އަރާފައިވާ އޮޅުން" ރަގަޅު ކުރެވިގެން ދާނެއެވެ. އަދި މި ނިންމުމަމީ ދެން ބަދަލު އަންނާނޭ ނިންމުނެއް ނޫންކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ފާއިތުވެދިޔަ މަސްތަކުގައިވެސް ރަޝިއާއިންވަނީ އެގައުމުން ހިފާފައިވާ ޔޫކުރެއިންގެ ސަރަހައްދުތަކުގައި މިފަދަ ވޯޓުތައް ނެގުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް މި ވޯޓުތައް މިހާތަނަށް ނެގިފައި ނުވަނީ ހިގަމުންދާ ހަގުރާމައިގެ ސަބަބުންނެވެ.
އަދި ޔޫކުރެއިންއިން ދެމުންދާ ކައުންޓަރ ހަމަލާތަކުގެ ސަބަބުން މިފަދަ ވޯޓެއް ނެގުންވަނީ އިތުރަށް އުދަގޫކަމަކަށް ވެގެން ގޮސްފައެވެ.
ކޮމެންޓު ފޮނުވާ