ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބްލޫ ރިޖްގެ ނަމުގައި ހަދާފައިވާ ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރި ފްލެޓް ތަކުގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް އިމާރާތް ކޮށްފައިވެއެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމާއެކު ތިން ކޮޓަރި ހިމެނޭ 288 އެޕާޓްމެންޓެވެ.
އޭގެ ތެރެއިން މިހާތަނަށް ނުވިކި ހުރީ 1+2 ގެ 16 ޔުނިޓާއި، 1 ބެޑްރޫމްގެ 16 ޔުނިޓެވެ. އަދި މީގެ ކުރިން 1 ބެޑްރޫމްގެ ޔުނިޓެއް ލިބިފައިވާ ފަރާތަކުން އެ ޔުނިޓް ދޫކޮށްލުމާ ގުޅިގެން، ރޭ ގުރު ނެގި އިރު 1 ބެޑްރޫމްގެ ޖުމްލަ 17 ޔުނިޓަށް ގުރުއަތު ނަގާފައިވެއެވެ.
މިކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "ބްލޫ ރިޖް" ދެ ޓަވަރުގައި މިހާތަނަށް ނުވިކިހުރި އެޕާޓްމަންޓްތަކަށް ޝަރުތުހަމަވާ މުވައްޒަފުންގެ މެދުގައި ގުރުއަތުނެގުން އަންގާރަދުވަހުގެ ރޭ ވަނީ ކުރިއަށްގެންގޮސްފައި. pic.twitter.com/HkQ6I1fdIq
— STELCO (@STELCOMALDIVES) September 28, 2022
ދެ ކޮޓަރީގެ ޔުނިޓްތަކަށް ޝަރުތު ހަމަވާ 235 މުވައްޒަފުން ތިބި ކަމަށާއި ޔުނިޓްތަކަށް ޝަރުތު ހަމަވާ މުވައްޒަފުންނަށް ސާކިއުލާ އަކުން ކުރިން އަންގާފައިވާނެ ކަމަށް ސްޓެލްކޯ އިން މައުލޫމާތުދެއެވެ. ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ޝަރުތު ހަމަވާ ހުރިހާ މުވައްޒަފުންނަށް ދައުވަތު ދީގެން އެ މުވައްޒަފަކު ނުވަތަ އެ މުވައްޒަފެއްގެ ބަދަލުގައި ކަނޑައެޅި މީހެއްގެ ހާޒިރުގައި އެމުވައްޒަފެއްގެ ނަން ޖަހާފައިވާ ކަރުދާސްކޮޅު އަމިއްލައަށް ފޮއްޓަށް ލައިގެންނެވެ. އެކި ސަބަބުތަކާއިހުރެ ހާޒިރު ނުވެވުނު މުވައްޒަފުންގެ ނަން ކަރުދާސްކޮޅުތައް ފޮއްޓަށް ލާފައިވަނީ ގުރުއަތަށް ހާޒިރުވި، ހުރިހާ މުވައްޒަފުންގެ ކުރިމަތީގައި ސްޓެލްކޯގެ ހައުސިން ކޮމިޓީގެ ބޭފުޅުންނެވެ.
ދެ ގިންތީގެ ޔުނިޓްތަކަށް ވެސް ގުރުއަތު ނެގީ ވަކިވަކިންނެވެ. އަދި އެމީހުންނަށް ލިބޭ ޔުނިޓްވެސް ނަގާފައިވަނީ ގުރުއަތުންނެވެ. ގުރުއަތު ނެގިއިރު ކޮންމެ ގިންތިއަކުންވެސް އިތުރު 15 މުވައްޒަފެއްގެ ނަން ވެއިޓިން ލިސްޓްގައި ހިމަނަން ގުރުއަތު ނެގިއެވެ.
އެ ފަރާތްތަކަށް ފުރުސަތު ދެވިގެންދާނީ ރޭ ގުރު ނަގައިގެން ހޮވުނު އެއްވެސް ފަރާތަކުން، އެއްވެސް ސަބަބަކާހުރެ، ލިބިފައިވާ ޔުނިޓް ދޫކޮށްލާކަމުގައިވާނަމަ، ވެއިޓިން ލިސްޓަށް ހޮވުނު ތަރުތީބުން ކަމަށް ސްޓެކްލޯއިން ބުންޏެވެ.