އުމްރާނީ ތަރައްގީގެ 18.44 ބިލިއަން ރުފިޔާގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން، ނާވައިދޫގައި ފެނުގެ ނިޒާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވަނީ ރާއްޖޭގައި އުމްރާނީ ތަރައްގީއަށް މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން މިސަރުކާރުން ބަނދަރު ހެދުމުގެ 44 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާ ކަމަށާއި ބަނދަރު ހެދުމުގެ 37 މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ 3.6 ބިލިއަން ރުފިޔާގެ މަޝްރޫއު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން 5 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ނިމިފައިވާއިރު 21 ރަށެއްގައި މިހާރު ވެސް މަގުހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއީ 3.7 ބިލިއަން ރުފިޔާގެ މަޝްރޫތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ބިން ހިއްކުމުގެ 7 މަޝްރޫއެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އިތުރު 7 މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. މިއީ 4.8 ބިލިއަން ރުފިޔާގެ މަޝްރޫތަކެވެ.
ދަތުރުފަތުރުގެ ނިޒާމު ރާއްޖެ ގުޅުވާލުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން އެއަރޕޯޓް ތަރައްގީކުރުމުގެ 3 މަޝްރޫއެއްގެ މަސައްކަތް މިހާރު ނިމި އިތުރު 3 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ 840 މިލިއަން ރުފިޔާގެ މަޝްރޫތަކެއް ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށްވާ ސާފު ބޯފެނާއި، ނަރުދަމާގެ މަސައްކަތުގެ ތެރެއިން 11 މަޝްރޫއެއްގެ މަސައްކަތް ނިމިފައިވާއިރު 130 މަޝްރޫއެއްގެ މަސައްކަތް މިވަގުތު ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި މަޝްރޫތަކަށް 5.8 ބިލިއަން ރުފިޔާ ޚަރަދުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މިދައުރު ރާއްޖޭގެ ތާރީޚުގައި ލިޔެވިގެންދާނީ ސާފުތާހިރު ދިރިއުޅުމަކަށް މަގުފަހިވި ތަރައްގީއަށް ބާރުއަޅާފައިވާ ރާއްޖޭގެ އެއް ރަށް އަނެއް ރަށާ ގުޅުވާލަދިން ދައުރެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ. ނައިވާދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ސާސްއީ ކޮންސްޓްރަކްޝަނުންނެވެ. މި މަޝްރޫގެ ދަށުން ރައްކާތެރި ސާފުފެން ފޯރުކޮށްދިނުމަށް 5000 މީޓަރުގެ ފެނުގެ ނެޓްވޯކެއް އެރަށުުގައި ވަނީ އަޅާފައެވެ.