ޕީ.އެން.ސީ ގެ ރައީސް ޢަބްދުއްރަޙީމާއި ރައީސް ޔާމީނާއިމެދު މައްސަލަތަކެއް ޖެހި ޕާޓީގެ ހަރަކާތްތަކުން އެކަހެރިކޮށްފައިވާކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތައް ޕީޕީއެމްއިން ދޮގުކޮށްފިއެވެ.
އޮންލައިން ނޫހެއްގައި ރައީސް ޔާމީނާއި، އަދުރޭއި ދެމެދު ޚިޔާލްތަފާތުވުން އުފެދި ޕާޓީގެ ހަރަކަތްތަކުން އެކަހެރި ކޮށްފައިވާކަމަށްބުނެ ލިޔެފައިވާ ޚަބަރާއި ގުޅިގެން ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ޚަބަރުތަކުން އެޕާޓީ ބައިބައިކޮށް ބަލި ކުރެވޭނެކަމަށް ޤަބޫލު ކުރުމަކީ ކުށްހީއެއްކަމަށެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރައީސް ޢަބްދުއްރަޙީމާއި ގުޅުވާ އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރު މިކޯލިޝަންގެ ފަރާތުން ދޮގު ކުރަން. މިކޯލިޝަންގެ ލީޑަރ، ޕީ.ޕީ.އެމް ގެ ރައީސް، ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުބާރު ޢަބްދުއްރަޙީމަށް ގެއްލި ޕާޓީގެ މަސައްކަތްތަކުން އެކަހެރިކޮށްފައި ވާކަމަށް ބުނެ އެ ނޫހުގައި ލިޔެފައިވާ ޙަޤީޤަތާއި ޚިލާފު ވާހަކަތައް މިކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން.
– ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެކޯލިޝަނުން އޮތީ ރައީސް ޔާމީން އާއެކު ވަރަށް ބަދަހިކޮށް ކަމަށާއި، އަދި މިޕާޓީގެ އެންމެ ބޮޑު އަމާޒަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން އަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ސާބިތުކަމާއި ބަދަހިކަމާއެކު ކުރުމަށް ކަމަށް ވަނީ ބުނެފައެވެ. އަދި އެފަދަ ޙަޤީޤަތެއް ނެތް ބޭކާރު ވާހަކަތަކުން ޕާޓީގެ ލީޑަރޝިޕް ބައިބައިކޮށް ޕާޓީ ބަލިކޮށްލެވިދާނެކަމަށް ޤަބޫލުކުރެވޭނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއްކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.
މިވަގުތުވެސް ޕީ.އެން.ސީ ގެ ރައީސް ޢަބްދުއްރަޙީމް ހުންނެވީ ރައީސް ޔާމީންގެ ޚާއްޞަ މަސައްކަތްޕުޅެއްގައި ލ. އަތޮޅުގަ.
– ބަޔާނުގައި ބުނެފައިވެއެވެ.
ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުން އެކުރަނީ ބޭކާރު އެއްވެސް ތާކުން ތާކު ނުޖެހޭ މަސައްކަތެއް ކަމުގައި ޕީޕީއެމްއިން ވަނީ ބުނެފައެވެ. އެފަދަ ޙަޤީޤަތެއް ނެތް ވާހަކަތަކުން ފިތުނަ އުފައްދަން މަސައްކަތް ކުރާ ނޫސްވެރިނާއި ނޫސް މަޖައްލާތައް ޖަވާބުދާރީ ކުރުވުމަށް އެކުލަވާލާފައިވާ މުއައްސަސާތަކުން، މިމައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށްވެސް ވަނީ ގޮވާލާފައެވެ. އަދި ނޫސްވެރިންވެސް ޒިންމާދާރުކަމާއެކު ޙަޤީޤަތާއި އެއްގޮތަށް ޚަބަރުތައް ރިޕޯޓު ކުރެއްވުމަށްވެސް އެކޯލިޝަނުން ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ