އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ގޭ ބަންދުގެ ހުކުމެއް ތަންފީޒު ކުރަމުންދާ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރަށް ވަކާލާތު ކުރުމުގެ ފުރުސަތު ލިބިފައި އޮންނާތީ ބައެއް ވަކީލުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ، ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގައި މިހާރު ޖަލަށް ލާފައިވާ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް އަމިއްލައަށް އިއުތިރާފް ވުމާއި ގުޅިގެން ނާޒިމް ސައްތާރު 3 މަހާއި 16 ދުވަހު ގޭބަންދުކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ބައެއް ވަކީލުން މައުލޫމާތު ދީފައިވާ ގޮތުގައި ގޭ ބަންދުގައި ހުރެގެންވެސް ބައެއް ޝަރީއަތްތަކުގައި ނާޒިމް ވަނީ ބައިވެރި ވެފައެވެ. އަދި މިކަމުގެ ކަންބޮޑުވުން ބައެއް ވަކީލުން މިހާރުވަނީ ބާކައުންސިލަށް ހުށަހަޅާފައިކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ނާޒިމް، އެއްޖިންސުން ގުޅުން ހިންގިކަމަށް އަމިއްލައަށް އިއުތިރާފްވެސް އޭނާ ގޭ ބަންދުކުރުމަށް ކޯޓުން ހުކުމް ކޮށްފައިވި ނަމަވެސް ބާ ކައުންސިލުން އޭނާއަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ނާޒިމްގެ މައްސަލަ ޝަރީއަތަށް ފޮނުވިހިސާބުން އޭނާގެ ވަކީލު ކަމުގެ ހުއްދަ ބާތިލް ކުރަން އެދި ބާ ކައުންސިލަށް ހުށަހެޅި ސުލޫކީ މައްސަލަ ބެލެން ނެތް ކަމަށް އެ ކައުންސިލުން ކުރިން ވަނީ ނިންމާފައެވެ.
ނާޒިމްގެ ޝަކުވާ ބާ ކައުންސިލަށް ހުށަހެޅުއްވި ގާނޫނީ ވަކީލު އަހުމަދު ތޯލިބަށް އެ ކައުންސިލުން ދިން ޖަވާބުގައި އޭރު ބުނެފައިވަނީ ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގެ ދަށުން ގާނޫނީ ވަކީލަކާ މެދު ބާ ކައުންސިލަށް ފިޔަވަޅެއް އެޅޭނީ "ގާނޫނީ ވަކީލަކާ ހަވާލުކުރާ މަސައްކަތަކާ ގުޅިގެން" އެ ވަކީލަކު އަމަލުކުރާ ގޮތެއްގެ ސަބަބުން ކަމަށެވެ.
އަދި ބަންދުގައި ހުރެގެން ނާޒިމް ވަކާލު ކުރަމުންދާ މައްސަލާގައިވެސް، ބާކައުންސިލްގެ ރައީސް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ގާނޫނީ ފަންނުގެ ގާނޫނު އޮތް ގޮތުން، ކޯޓުގައި އޭނާ ވަކާލާތު ކުރަމުން ދިޔަނަމަވެސް އޭނާއާމެދު އެޅޭނެ ފިޔަވަޅެއް ނެތްކަމުގައެވެ.
އަދި އޭނާ ވިދާޅުވެފައިވާ ގޮތުގައި މިމައްސަލަ ކުރިމަތިވުމުގެ ކުރިން، ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް ބައެއް ވަކީލުން ގަބޫލުކުރާ ގޮތުގައި، ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ބަންދުގައި ހުރެގެން ވަކާލާތު ނުކުރެނޭ ސުލޫކީ ފިޔަވަޅެއް އަޅަންޖެހޭނެއެވެ. ސަބަބަކީ، އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވާ ވަކީލުންނަކީ ފިޒިކަލީވެސް ކޯޓަށް ހާޒިރު ވެވޭ ހާލަތުގައި ތިބޭ ބަޔަކަށް ވާތީއެވެ.
ލިވާތުގެ މައްސަލާގައި ނާޒިމް ސައްތާރުގެ މައްޗަށް އެންމެ 3 މަސް ދުވަހުގެ ގޭބަންދު ހުކުމެއް ކޯޓުން އިއްވުމުން ޝަރުޢީ މަރުހަލާއަށް ވަނީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވެފައެވެ. މިގޮތުން ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި، ކުޑަ ހުކުމެއް އަންނަ ގޮތަށް އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ، މި މައްސަލާގައި އިސްބައެއް ފަރާތްތަކުން ސިޔާސީ ނުފޫޒު ފޯރުވައިގެންނެވެ.
ލިވާތުކުރިކަމަށް އެއްބަސްވުމުން ނާޒިމް ސައްތާރުގެ މައްޗަށް 3 މަސްދުވަހުގެ ގޭބަންދު ހުކުމެއް އިއްވި ނަމަވެސް، އަލަމްގިރިއާއެކު ލިވާތު ކުރިކަމަށް އެއްބަސްވި މ.ރަތްމަންދޫ, ޖަވާހިރުވާދީ، އަބްދުއްރަހްމާނު ރަފީއު (ދޮންދިގު) މައްޗަށް ކޯޓުން އިއްވާފައިވަނީ، އެއް އަހަރާއި ދެމަހުގެ ޖަލު ހުކުމެކެވެ.
ކޮމެންޓު ފޮނުވާ