ޓެނިސް ލެޖެންްޑް ފެޑެރާ ކުޅުން ހުއްޓާލަން ނިންމައިފި

ޓެނިސް ލެޖެންްޑް ފެޑެރާ ކުޅުން ހުއްޓާލަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2022 12:04
0

ތަކުރާރުކޮށް ދިމާވަމުން އަންނަ އަނިޔާގެ މައްސަލަތަކާ ހެދި ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ، ސްވިޒަލެންޑްގެ ލެޖެންޑް، ރޮޖާ ފެޑެރާ ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

ވިހި ގްރޭންޑް ސްލޭމް ޓެނިސް ތަށި އުފުލާލާފައިވާ ފެޑެރާ، 41، ޓެނިހުން ރިޓަޔާކުރަން ނިންމާފައިވަނީ އަންނަ ހަފްތާގައި ކުޅޭ ލެވިސް ކަޕަށް ފަހުއެވެ. ފެޑެރާ އެންމެ ފަހުން ކުޅުނު މުބާރާތަކީ މިދިޔަ އަަހަރުގެ ވިމްބަލްޑަންއެވެ. ކެރިއަރުގެ ފަހުކޮޅުގައި ތަކުރާރުކޮށް ކަކުލަށް ލިބިފައިވާ އަނިޔާ އަކަަށް ފަރުވާ ހޯދަމުން އަންނަ ފެޑެރާ، ވަނީ އެ އަނިޔާއިން ރިކަވާވެގެން ކެރިއަރު ކުރިއަށް ގެންދެވޭތޯ އެކި ފަހަރު މަތިން ތިން އޮޕަރޭޝަން ކޮށްފައެވެ.

އެކަމަކު، ކެރިއަރު ކުރިއަށް ނުގެންދެވި، އެންމެ ފަހުން ކުޅުން ހުއްޓާލަން ޖެހުނީއެވެ. އެންމެ ފަހުން 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކުޅުނު ޓެނިހުގެ ގްރޭންޑް ސްލޭމް 11 މުބާރާތުގެ ތެރެއިން ފެޑެރާ އަށް ކުޅެވުނީ ތިން މުބާރާތުގައެވެ. ވާދަވެރި މެޗަކުން ފެޑެރާ ނުފެންނަތާ މިހާރު ވަނީ އަހަރަކަށް ވުރެން ގިނަ ދުވަސްވެފައެވެ.

ފެޑެރާ، ކެރިއަރު ފެށީ 1998 ވަނަ އަހަރު އުމުރުން 16 އަހަރުގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ފެޑެރާ ހޯދި އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް ތަށްޓަކީ 2003 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތެވެ. އޭގެ ފަހުން އޭނާ ވަނީ 20 ގްރޭންޑް ސްލޭމް ތަށި ހަމަކޮށްފައެވެ.

ފެޑެރާ އެންމެ ފަހުން ހޯދި ގްރޭންޑް ސްލޭމަކީ 2018 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންއެވެ. ދުނިޔޭގެ ރޭންކިންގެ އެއް ވަަނަ އަށް ފެޑެރާ އެންމެ ފުރަތަަމަ އެރީ 2004 ވަަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.