މަހުލޫފްއާއި ޝަމީމް ނިހާންގެ ދިފާއީ ހެކިންގެ ގޮތުގައި، ރައީސާއި ނާއިބު ރައީސް ހެކިންގެ ގޮތުގައި ބަލައި ނުގަތް

މަހުލޫފްއާއި ޝަމީމް ނިހާންގެ ދިފާއީ ހެކިންގެ ގޮތުގައި، ރައީސާއި ނާއިބު ރައީސް ހެކިންގެ ގޮތުގައި ބަލައި ނުގަތް

Author
ހުސެއިން
15 ސެޕްޓެމްބަރ 2022 05:08
0

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިންމަނިކްގެ ފަރާތުން ހެކިންގެ ގޮތުގައި ހުށެޅުއްވި، ރައީސް އިބުރާހިމް މުހައްމަދު ސާލިހާއި، ނާއިބު ރައީސް ފައިސަލް ނަސީމް ހެކިންގެ ގޮތުގައި ބަލައި ނުގަތުމަށް މިއަދު ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.

ނިހާނުގެ ފަރާތުން މި ދެބޭފުޅުންގެ ނަން ހެކިންގެ ގޮތުގައި ހުށަހެޅުއްވީ ދެބޭފުޅުންނަކީ އޭނާއާއެކީ މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވި ދެބޭފުޅުންނަށް ވާތީއެވެ. އެހެންނަމަވެސް ގާޒީ ނިންމަވާފައިވަނީ މި ދެހެކިންނަކީ މައްސަލައާއި ގުޅުންހުރި ހެކިން ނޫންކަމަށް ނިންމާފައެވެ.

އެހެންނަމަވެސް، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ، ނިހާން ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވި، މިހާރުގެ ޕީޖީ ޝަމީމް ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައެވެ. ނިހާންގެ ދިފާޢީ ހެއްކެއްގެ ގޮތުގައި ޕީޖީ ޝަމީމްގެ ނަން ބަލައިނުގަތުމަށް ދައުލަތުން އެދިފައި ވީނަމަވެސް، ގާޒީ ނިންމަވާފައިވަނީ ދިފާއީ ހެއްކެއްގެ ގޮތުގައި ޝަމީމް ބަލައި ނުގަތުމަށް އެކަށީގެންވާ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާކަމަށް ނިންމާފައެވެ.

އޭގެ އިތުރުން، ނިހާންގެ ދިފާއީ ހެކިންގެ ގޮތުގައި، 18 ވަނަ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ކުރެއްވި އަހުމަދު މަހުލޫފާއި، ކުރީގެ މެމްބަރު އަލީ ވަހީދުގެ ނަންވެސް ހުށަހަޅުއްވާފައި ވެއެވެ. ނިހާންގެ ފަރާތުން ހުށަހަޅުއްވާފައިވަނީ، މަހުލުފަކީ ނިހާންއާއެކު އޭރު ޕީޕިއެމްގެ ޕާލަމެންޓްރީ ގުރޫޕުގައި މަސައްކަތް ކުރެއްވި މެމްބަރަކަށް ވުމާއެކު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގައި އޭރު ނިންމުންތައް ނިންމަމުން އައި ގޮތްތައް ޝަރީއަތަށް ސާބިތު ކޮށްދިނުމަށެވެ. އަލީ ވަހީދުގެ ނަން ހުށަހަޅުއްވާފައިވަނީ އަދީބުގެ ފޯނުގެ މޮބައިލް ފޮރެންސިކް ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފެދޭކަން ސާބިތު ކޮށްދިނުމަށެވެ.

މި ދެބޭފުޅުންގެ ނަންވެސް ދިފާއީ ހެކިންގެ ގޮތުގައި ބަލައި ނުގަތުމަށް ދައުލަތުން އެދުނުނަމަވެސް، ގާޒީ ނިންމެވީ މި ދެބޭފުޅުންގެ ނަންވެސް ބަލައިގަތުމަށެވެ.

މީގެ އިތުރުންވެސް އޭރު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބައެއް މެމްބަރުންވެސް ނިހާންގެ ދިފާއީ ހެކިންގެ ގޮތުގައި ބަލައިގަތުމަށް ގާޒީ ނިންމެވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ ތިރީގައި މިވާ މެމްބަރުންނެވެ.

  • އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް)
  • ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
  • ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ
  • ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު
  • އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހް
  • ކ. ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާ
  • ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް

މީގެ އިތުރުން، ދައުލަތުން ނިހާންއާއި ދެކޮޅަށް ހުށަހަޅާފައިވާ ހެއްކެއް ކަމުގައިވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ހެއްކެއްގެ ގޮތުގައި ބަލައި ނުގަތުމަށް ނިހާންގެ ފަރާތުން ހުށަހެޅުއްވި ނަމަވެސް، އަދީބުގެ ހެކިބަހަށް ބާރުދޭން ދައުލަތުން ޝަފައީ 15 ހެކި އަދި ކިތާބީ 35 ހެކި ހުށަހަޅާފައިވާތީ، އަދީބު ހެއްކެއްގެ ގޮތުގައި ބަލައި ނުގަތުމަށް ނިހާންގެ ފަރާތުން ހުށަހެޅި ހުށަހެޅުން ގާޒީ ބަލައިގެންފައެއް ނުވެއެވެ.

ނިހާންގެ ބޭންކް ސްޓޭޓްމަންޓުގެ މައުލޫމާތު ދައުލަތުން ހޯދާފައިވަނީ ބޭންކިންގެ ގާނޫނާއި ޚިލާފަށްކަމަށް ނިހާންގެ ފަރާތުން ހުށަހަޅާފައިވި ނަމަވެސް، ދިފާއުން ހުށަހެޅި މި ހުށަހެޅުންވެސް ދައުލަތުން ބަލައިގެންފައެއް ނުވެއެވެ.

މި މައްސަލާގައި ހެކިބަސް ނެގުން އޮންނާނީ ޝަރީއަތުގެ މަރުހަލާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.