ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށާއި ރ. އަތޮޅުގެ ރަށްތަކުގެ ހެލްތު ސެންޓަރުތަކަށް 100 އަށްވުރެ ގިނަ ސިއްޙީ އެހީތެރިން ހޯދަން އުނގޫފާރު ހޮސްޕިޓަލުން މިއަދުއިއުލާން ކޮށްފިއެވެ.
މީގެ ތެރޭގައި ހިމެނެނީ ނާރސިން ދާއިރާގައި މަސައްކަތްކުރާނެ 82 މީހުންނާއި، ސީނިއަރ މެޑިކަލް އޮފިސަރ ނުވަތަ މެޑިކަލް އޮފިސަރުންގެ މަގާމަށް ހޯދާ 30 މީހެކެވެ. ސީނިއަރ މެޑިކަލް އޮފިސަރ ނުވަތަ މެޑިކަލް އޮފިސަރުންނަކީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ އާއްމު ބަލިތަކާބެހޭ ޑޮކްޓަރުންނެވެ. މީގެ އިތުރުން ދެން އިއުލާން ކޮށްފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ހޯދާ އެސިސްޓެންޓް ބަޔޯމެޑިކަލް ޓެކްނީޝިނަކާއި މެޑިކަލް ލެބޯޓްރީ ޓެކްނީޝަނެއްގެ މަގާމަށެވެ.
މި އިއުލާނުގައި ވާގޮތުން ވަޒީފާތަކަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަން ޖެހެނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ނުވަތަ ރ. އަތޮޅުގެ 14 ރަށުގެ ތެރެއިން ރަށެއްގެ ހެލްތު ސެންޓަރުގައެވެ.
މި މަގާމްތަަކަށް ކުރިމަތި ލުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 20 ވަނަ ދުވަހެވެ.
ސަރުކާރުން ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ހެލްތު މިނިސްޓްރީގެ ދަށުން ވަކިކޮށް، މި ހޮސްޕިޓަލް ހިންގު މިމަހުން ފެށިގެން ޚާއްސަ ބޯޑަކާއި ހަވާލު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ