ނާޒިމް ސައްތާރަށް މާދަމާ ހުކުމް ކުރަނީ

ނާޒިމް ސައްތާރަށް މާދަމާ ހުކުމް ކުރަނީ

Author
ހުސެއިން
14 ސެޕްޓެމްބަރ 2022 06:44
0

އެއްޖިންސުން ގުޅުން ހިންގިކަމަށް ކޯޓުގައި އިއުތިރާފް ވެފައިވާ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގިކަމުގެ ދައުވާގެ ހުކުމް ކުރުން މާދަމާއަށް ތާވަލް ކޮށްފިއެވެ.

ކުރިމިނަލް ކޯޓުން އާންމު ކޮށްފައިވާ ތާވަލުގައި އޮތްގޮތުން، ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް ތާވަލް ކޮށްފައިވަނީ، އޮންލައިން އަޑު އެހުމެއްގެ ގޮތުގައި، މާދަމާ ހަވީރު 4:30 އަށެވެ.

މިމަހުގެ 11 ވަނަ ދުވަހު ކޯޓުގައި އޮތް އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި އޭބާވަނީ އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައެވެ. އެއާއެކު ކްރިމިނަލް ކޯޓުން ވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މީގެކުރިން ވަނީ، ނާޒިމްގެ މައްޗަށް ކުރި އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާއަށް އިއުތިރާފްވުމާއެކު މި ހަފްތާގައި ހުކުމް ކުރަން ކޯޓުން ނިންމާފައި ވާކަމަށް ވިދާޅުވެފައެވެ. މި މައްސަލާގައި ހިމެނޭ އަލަމްގިރީގެ މައްޗަށް ކުރި ތިން ދައުވާއަށްވެސް އޭބާ ވަނީ އިއުތިރާފް ވެފައެވެ. ދައުވާކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށް ވާތީ، އޭނާގެ މައްޗަށް ކޮށްފައިވަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލާގައި ހިމެނޭ މީހުންނަށް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ޖިންސީ ކުށުގެ ގާނޫނުގައިވެސް އެއްޖިންސުން ގުޅުން ހިންގުން ކުށެއްގެ ގޮތުގައި އޮވެއެވެ. އެ ގާނޫނުގެ ދަށުން ދައުވާކޮށްފި ނަމަ ލިބޭ އަދަބު އެތައް ގުނައެއް ބޮޑުވާނެ އެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ނަމަ ދެ މީހަކު ރުހުމުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގައިފި ނަމަ އަދަބަކީ 5-7 އަހަރަށް ޖަލަށް ލުމެވެ. ނުރުހުމުގައި ނަމަ އެކަން ކުރި މީހަކަށް 7-10 އަހަރުގެ ޖަލު ހުކުމެކެވެ.

އަލަންގިރި އާއެއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އެހެން ބައެއް މީހުންގެ މައްޗަށްވެސް ދައުވާ އުފުލާފައިވެއެވެ. އޭގެތެރެއިން ބައެއް މީހުންގެ ޝަރީއަތް ވަނީ ކްރިމިނަލް ކޯޓުގައި ފަށާފައެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އަލަމްގިރީގެ މައްޗަށް ދައުވާނުކޮށް، ކުޑަ އަދަބެއް އަންނަ، ގާނޫނުލް އުގޫބާތުގެ ދަށުން އޭނާގެ މައްޗަށް ދައުވާ ކުރީ، ނާޒިމް ސައްތާރުގެ މައްޗަށް މިމައްސަލާގައި ކުޑަ ހުކުމެއް އިއްވުމުގެ މަގުފަހި ކުރުމުގެ ގޮތުންނެވެ. އަދި މިމައްސަލާގައި، ފުލުހުންނާއި، ޕީޖީ އަދި ޝަރުއީ ދާއިރާއަށްވަނީ ގިނަ ބައެއްގެ ނުރުހުމް އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.