ޗާރލްސް ފިލިޕް އަރުތޫރު ގޯޖް، ރާނީ އަވަހާރަވުމުގެ ކުރިން ޕްރިންސް އޮފް ވޭލްސް، މިހާރު ވެވަޑައިގެންފައިވަނީ، ދުނިޔޭގެ އޮތް އެންމެ ވަރުގަދަ އެއް ޝާހީ އެއް ޚާންދާނުގެ ފަރާތުން އިނގިރޭސިވިލާތުގައި ރަސްކަން ކުރައްވަމުން ގެންދަވާ، ކިންގ ޗާރލްސް III ކަމުގައެވެ.
ޗާރލްސް އުފަންވެ ވަޑައިގެންފައިވަނީ 1948 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 14ވަނަ ދުވަހުއެވެ. އެއީ އެލިޒަބަތުއާއި ފިލިޕްއަށް ލިބިވަަޑައިގެންނެވި ފުރަތަމަ ދަރިފުޅެވެ.
އިނގިރޭސި ރަސްގެފާނުގެ ހައިސިއްޔަތުން، 5 ކާފަ ދަރިންވެސް މިހާރު ތިއްބެވި، އުމުރުން 73 އަހަރުގެ ޗާރލްސް، އިނގިރޭސިވިލާތުގެ ރަސްގެފާނަށް ވެވަޑައިގަތުމުގެ އިތުރުން ކޮމަންވެލްތުގެ 14 ގައުމަކަށްވެސް އެމަނިކްފާނު ޚިދުމަތް ކުރައްވާނެއެވެ.
ޗާރލްގެ ހަޔާތުގެ އެންމެ ކުރިޔަށް ބަލާއިރު، ގަނޑުވަރުގައި ހުންނަވަައިގެން ތައުލީމު ހާސިލް ކުރެއްވުމުގެ އިތުރުން ޗާރލްސްވަނީ އެންމެ ކުޑައިރުއްސުރެ ތައުލީމު ހާސިލް ކުރުމަށް ސްކޫލަށް ވަޑައިގެންފައެވެ. އެންމެ ޅަފަތުގައި ކިޔަވާ ވިދާޅުވުމަށް ވަޑައިގެންނެވި ސްކޫލަކީ ބައްޕާފުޅުވެސް ތައުމީލު ހާސިލް ކުރެއްވި، އިރުމަތީ ލަންޑަންގައި ހުންނަ ގޯޑޮންސްޓައުން ބޯރޑިން ސްކޫލެވެ. އެއަށްފަހު ކޭމްބްރިޖް ޔުނިވަރސިޓީން 1967ވަނަ އަހަރު ތާރީޚީ އިލްމުން ތައުލީމު ހާސިލް ކުރައްވާފައި ވެއެވެ.
މިހާރު އުމުރުން 73 އަހަރުގައި އިނގިރޭސި ރަސްގެފާނަށް ވެވަޑައިގަންނަވާއިރު، ޗާރލްސް ވެވަޑަިގެންފައިވަނީ، އުމުރުން އެންމެ ދުވަސްވެފައި ވަނިކޮށް ރަސްކަން ލިބިވަޑައިގަންނަވާ ބޭފުޅާ ކަމުގައެވެ. ހަމަ އެއާއެކު، އިނގިރޭސި ތާރީޚުގައި ވަލީ އަހުދުގެ މަގާމުގައިވެސް އެންމެ ގިނަ ދުވަސް ވަންދެން ހުންނެވީ ބޭފުޅާ ކަމުގައިވެސް މެއެވެ.
އެހެންނަމަވެސް އަވަހާރަވެދިޔަ ރާނީގެ ސިއްޙީ ހާލުކޮޅު، ފަހުގެ އަހަރުތަކުގައި ދަށަށް ގޮސްފައި ވުމާއުގުޅިގެން ޗާރލްސްވަނީ ފަހަކަށްއައިސް ރާނީގެ ރަސްމީ ބައެއް މަސައްކަތްތައް ކުރައްވަމުން ވަޑައިގެންފައެވެ.
ރާނީ އިނގިރޭސި ތަޚުތަށް ވަޑައިގެންފައިވަނީ އުމުރުން އެންމެ 25 އަހަރުގައި 1942 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭރު ޗާރލްސްގެ އުމުރަކީ އެންމެ 3 އަހަރެވެ.
ލިބިވަޑައިގެންނެވި ލަގަބުތައް
ބަނކިމްހަމް ޕެލަސްއިން އިއުލާން ކޮށްފައިވާ ގޮތުގައި، ޗާރލްސް ވެވަޑައިގަންނަވާނީ "ކިންގ ޗާރލްސް III" ކަމުގައެވެ. އޭނާ ވެވަޑައިގަންނަވާނީ "ކިންގ ޗާރލްސް އޮފް ވޭލްސް" އަކަށް ނޫނެވެ. ޗާރލްސް ރަސްކަމާއި ރަސްމީކޮށް ހަވާލުވެ ވަޑައިގަތުމުގެ ކުރިން، އޭނާ ބޭނުން ކުރައްވާނޭ ލަބަގަކީ "އަރުތޫރު" ނުވަތަ "ޖޯޖް" ކަމުގައިވެސް މީޑިއާގައި އަޑު ފެތުރިގެން ދިޔައެވެ.
އިނގިރޭސި ރަސްކަމާއި ހަވާލުވެ ވަޑައގަތުމާއެކު، ޗާރލްސްއަށް އޭގެ ޒާތުގައި ލިބިގެންދާނެ އިތުރު ހައިސިއްޔަތުތަކުގެ ތެރޭގައި ޗާރޗް އޮފް އިންގްލޭންޑުގެ އެންމެ އިސްވެރިޔާގެ ލަގަބުގެ އިތުރުން އޭނާ ވެވަޑައިގަންނަވާނީ ކޮމަންވެލްތު ޖަމިއްޔާގެވެސް އެންމެ އިސްވެރިޔާ ކަމުގައެވެ.
ރާނީ އަވަހާރަވެ ވަޑައިގަތުމުގެ ކުރިން ޗާލްސްގެ ލަގަބަކީ ޕްރިންސް އޮފް ވޭލްސްއެވެ. ރަސްކަމަށް ވަޑައިގަތުމަށްފަހު އެ ލަގަބު ޗާރލްސްވަނީ، އޭނާއަށްފަހު އިނގިރޭސި ތަޚުތާއި ހަވާލުވެ ވަޑައިގަންނަވާ، ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްއަށް އަރުވާފައެވެ.
ޕްރިންސް ޗާރލްސްއަށް ޕްރިންސް އޮފް ވޭލްސްގެ ލަގަބު އަރުވާފައިވަނީ އުމުރުން އެންމެ 20 އަހަރުގައި، 1969 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހު، އިނގިރޭސިލާތުގެ ވޭލްސްގެ ކާނަރފޮން ކާސަލްގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ޗާރލްސް އިނގިރޭސި ރަސްކަމާއި ރަސްމީކޮށް ހަވާލުވެ ވަޑައިގަތުމުގެ ކުރިން އޭނާގެ ދޮށީ ދަރިކަލުންނަށްވަނީ ޑިއުކު އޮފް ކޭމްބްރިޖްގެ ލަގަބު އަރުވާފައެވެ. އަދި މިހާރު ރަސްމީކޮށް ޕްރިންސް ވިލިއަމްއަކީ ރަސްކަމަށް ވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ހުންނެވި ވަލީ އަހުދުކަމަށް ވުމާއެކު، އޭނާވަނީ ޑިއުކް އޮފް ކޯރންވޯލްގެ ލަގަބާއިވެސް ހަވާލުވެ ވަޑައިގެންފައެވެ.
މި ލަގަބަކީ، 1337 ވަނަ އަހަރު، ކިންގ އެޑްވަރޑް IIIގެ ޗާޓަރުގެ ދަށުން އުފައްދާފައިވާ، އޭރަކު ހުންނަވާ ރަސްކަލެއްގެ އެންމެ ދޮށީ ދަރިކަލުންނަށް ޚާއްސަ ކޮށްފައި އޮންނަ ލަގަބެކެވެ. މި ލަގަބު ކުރިން ބޭނުންކުރައްވަމުން ވަޑައިގެންނެވީ ޕްރިންސް ޗާރލްސްއެވެ.
އިނގިރޭސި ރަސްކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ހުކުރުދުވަހު ޗާރލްސްވަނީ ވިލިއަން އާއި އޭނާގެ އަނބިކަބަލުން ކެތެރިންއަކީ، އާ ޕްރިންސް އަދި ޕްރިންސެސް އޮފް ވޭލްސްކަން އިއުލާން ކުރައްވާފައެވެ.
ޗާރލަސްގެ އަނބިކަބަލުން ކާމިލާއަށް ޚާއްސަކުރެވޭ ލަގަބު
ޗާރލްސްގެ މިހާރުގެ އަނބިކަބަލުން ކާމިލާ ޕާރކަރ ބޯވްލްސްއާއި ކާއިވެނި ބައްލަވައިގަތީ 2015ވަނަ އަހަރުއެވެ. އެއީ ޗާރލްސްގެ ފުރަތަމަ އަނބިކަބަލުން ޕްރިންސެސް ޑަޔާނާ 1996 ވަނަ އަހަރު ވަރި ކުރެއްވުމަށްފަހު، އަދި އޭގެ އެއް އަހަރުފަހުން ޑަޔާނާ އަވަހާރަ ވެފައި ވަނިކޮށެވެ.
ޑަޔާނާގެ އަވަހާރަވުން ވެގެންދިޔައީ އިނގިރޭސި ޝާހީ ރަސްކަމުގެ އިތުރުން މުޅު ދުނިޔެއަށްވެސް ލިބިގެން ދިޔަ ބޮޑު ހައިރާން ކަމަކަށެވެ. އަދި ކުއްލި ސިހުމެއް ކަމުގައިވެސް މެއެވެ.
ޗާރލްސްއާއި ކާމިލާ ކައިވެނި ބައްލަވައިގަތުމަށްފަހު އޭރު އިއުލާން ކޮށްފައިވާ ގޮތުގައި، ޗާރލްސް އިނގިރޭސި ރަސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ކާމިލާ އިނގިރޭސީ ރާނީއަށް ވެވަޑައެއް ނުގަންނަވާނެއެވެ. ވެވަޑައިގަންނަވާނީ "ޕްރިންސެސް ކޮންސޯޓު" ކަމުގައެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެން ދިޔައީ، ޑަޔާނާގެ ވަކިވެ ދިއުމާއެކު، އަދި ޗާރލްސް ކާމިލާ އާއި ކައިވެނި ބައްލަވައިގެންނެވިއިރު، އިނގިރޭސި އާންމުންގެ ތެރޭގައި އޭނާއަށް މާބޮޑު ރުހުމެއް ލިބިވަޑައިގެންފައި ނެތުމެވެ.
އެހެންނަމަވެސް، ރާނީގެ ރަނިކަމަށް 70 އަހަރު ފުރުނު މުނާސަބަތުގައި، ތަޚުތުގެ ޕްލެޓިނަމް ޖުބުލީގައި ރާނީވަނީ، ޗާރލްސް ރަސްކަމާއި ހަވާލުވެ ވަޑައިގަތުމާއެކު، "ކުއީން ކޮންސޯޓު"ގެ ލަގަބު ކާމިލާއަށް ލިބިވަޑައިގަންނަވާނޭކަން އިއުލާން ކުރައްވާފައެވެ.
ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ރާނީ އަވަހާރަވުމަށްފަހު ބަކިމްހަމް ޕެލަސްއިން ނެރުނު ބަޔާނުގައި ކާމިލާއާއި މުޚާތަބް ކޮށްފައިވަނީ "ޑަޗެސް އޮފް ކޯންވޯލް"ގެ ބަދަލުގައި "ކުއީން ކޮންސޯޓު"ގެ ލަގަބުންނެވެ.
ޗާލްސް I އަދި ޗާރލްސް II އަކީ ކޮންބައެއް؟
ޗާރލްސް I އިނގިރޭސި ރަސްކަމަށް ވަޑައިގަތީ އޭނާގެ ބައްޕަ ޖޭމްސް I އަށްފަހު 1625 ގައެވެ. އޭނާގެ ރަސްކަމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، އިނގިރޭސި އަހުލީ ހަނގުރާމަ ފެށިގެން ދިޔައެވެ. އޭނާ ކައިވެނި ބައްލަވައިގަތީ، ރޯމަން ކުރިސްޓިއަން ފައްޅިތަކުގެ ބަދަލުގައި، އިނގިރޭސިވިލާތުގެ ހުޅަނގުގެ ފައްޅިތަކަށް ނިސްބަތްވާ ކުރިސްޓިއަނަކާއެވެ. އަދި އޭނާވަނީ ރަސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، ގިނަ ބައެއްގެ ދެކޮޅު ހެދުންތަކާއެކުވެސް އެތައް ފަހަރެއްގެ މަތިން އިނގިރޭސި ގާނޫނުހަދާ މަޖިލިސްވެސް އުވާލައްވާފައެވެ.
އެއާއެކު، އެގައުމުގައި ބޮޑު އަހުލީ ހަނގުރާމައެއް ހިނގާ، އެ ހަނގުރާމާގައި ގާނޫނުހަދާ މަޖިލިހާއި ވާދަކޮށް ޗާރލްސް I ބަލިވެ، އަދި ގައުމަށް ޚިޔާނާތްތެރިވުމުގެ ކުށުގައި އޭނާ ޖަލަށް ލެވުނެވެ. އެހެންނަމަވެސް، މި އަދަބަށް އޭނާ ދެކޮޅު ހެއްދެވިއެވެ. އެއަށްފަހު 1649 ވަނަ އަހަރު އޭނާއަށް މަރުގެ އަދަބު ދެވުނެވެ. އެއަށްފަހު ކުޑަ ދުވަސްކޮޅަކަށް، އޮލިވަރ ކްރޮމްވެލް ވެރިކަމުގައި އިނގިރޭސިވިލާތުގައި ޖުމުހޫރީ ވެރިކަމެއް އޮތެވެ.
ޗާރލްސް Iގެ ބޯ ކަނޑާލާ، އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާއެކު، ސްކޮޓްލޭންޑުގެ ރައްޔިތުން ޗާރލްސް Iގެ ދަރިކަލުން ޗާރލްސް II އަށް ސްކޮޓްލޭންޑަށް ވަޑައިގަތުމަށް ދައުވަތު ދިނެވެ. އެއާއެކު އޭނާއަކީ ރަސްގެފާނު ކަމުގައި ހަމަޖެއްސިއެވެ. ޗާރލްސް IIއާއި ރަސްކަމުގެ ތަޚުތު ހަވާލު ކޮށްފައިވަނީ 1651 ވަނަ އަހަރުއެވެ.
އެހެންނަމަވެސް، އެއާއެކު ބަދަލު ހިފުމަށް އިނގިރޭސި ސިފައިން ހިންގި ހަރަކާތްތަކާއެކު، ޗާރލްސް II އިނގިރޭސިވިލާތް ދޫކޮށް ފްރާންސަށް ހިޖުރަ ކުރެއްވިއެވެ. އެއާއެކު، އިނގިރޭސި ސަރުކާރުންވަނީ އިންގްލޭންޑާއި ސްކޮޓްލޭންޑަކީ ކޮމަންވެންތުގެ އެއް ގައުމުކަމުގައި އިންލާންކުރިއެވެ. މި ނިންމުން ރަސްމީވެގެން ގޮސްފައިވަނީ 1952 ވަނަ އަހަރުއެވެ.
އެއަށްފަހު ޗާރލްސް II ގައުމުން ބޭރަށް އަރުވާލެވިގެން 9 އަހަރު ދިރިއުޅުއްވާފައި ވެއެވެ. އޭގެ ފަހުން، 1660 ވަނަ އަހަރު، ކްރޯންވެލް އަވަހާރަ ވުމަށްފަހު، ޗާރލްސް IIއަށް އަލުން ލަންޑަނަށް ވަޑައިގަތުމަށް ދައުވަތު ދެވުނެވެ. އަދި އޭނާއާއި އަލުން ރަސްކަން ހަވާލުކުރެވުނެވެ.
ރަސްކަމަށް ވަޑައިގަތުމަށްފަހު، އޭނާގެ ހިތުގައި އޮތް ބަދަލު ހިފުމުގެ ރޫހުގައި، ޗާރލްސް II ވަނީ އޭނާގެ ބައްޕަ މެރުމަށް ކުރެވުނު އަމުރުގައި ސޮއި ކުރެއްވި ހުރިހާ އެންމެގެ މައްޗަށް މަރުގެ ހުކުމުން ތަންފީޒު ކޮށްފައެވެ. އަދި، އަވަހާރަވެފައިވާ ކޮރޯންވެލްގެ ހަށިގަޑު ވަޅުލާފައިވާ ވަޅުން ނަގާ އޭނާގެ ހަށިގަޑާއި ބޯ ވަކިކޮށްފައިވެސް ވެއެވެ.
އޭނާގެ ރަސްކަމުގެ ފަހު ދުވަސްތައް ހޭދަ ކޮށްފައިވަނީ ދީނީ ގޮތުން އިނގިރޭސިވިލާތުގައި އުފެދިގެން ދިޔަ ބޮޑެތި ޚިޔާލުތަފާތުވުންތަކަށް ހައްލެއް ހޯއްދެވުމުގައެވެ. އެނާ އަވަހާރަވެފައިވަނީ 1685ވަނަ އަހަރު، ގާނޫނީ ގޮތުން ރަސްކަން ނަކަލުވާނެ ދަރިއަކު ނެތިއެވެ.
ޝައުގުވެރިކަން ހުންނަ ކަންކަން
ޗާރލްސްގެ ހަޔާތާއި ބެހޭގޮތުން ލިޔުއްވާފައިވާ ގިނަ ފަރާތްތަކުން އޭނާ ސިފަ ކުރައްވާފައިވަނީ، ކަންކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި އޭނާއަކީ ބަގީޗާ ހައްދަވަން ލޯބި ކުރައްވާ، ވަކީން ޚާއްސަކޮށް އަމިއްލަފުޅު ގޭގައި އޮންނަ ހުސްތަނުގައި ފެންދީގެން ބަގީޗާ ހައްދަވަން ގަޔާވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.
އޭނާއަކީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. މިގޮތުން އޭނާ މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާ ނުވަތަ އޭނާ ރައީސްކަން ކުރައްވާ 400 އަށްވުރެ ގިނަ ޖަމިއްޔާ ޖަމާއަތްތައް ވެއެވެ. މީގެ ތެރޭގައި ގޯލްފް ކްލަބްތަކާއި އޮޕެރާ އަދި އަސްކަރީ ގުރޫޕްތައްވެސް ހިމެނެއެވެ.
އޭގެ އިތުރުން، ތިމާވެށީގެ ކަންކަމަކީ ނޫސް މީޑިއާތަކުގައި އާންމުކޮށް ދެކެވެމުންދާ ވާހަކައަކަށް ވެގެން ދިއުމުގެ އިތުރުންވެސް ޗާރލްސްއަކީ ތިމާވެށީގެ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވަމުން ގެންދެވި ބޭފުޅެކެވެ.
އޭނާއަކީ އިލެކްޓްރިކް އުޅަދުތައް ދުއްވުމަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އަދި މަންމާފުޅު ފަދައިން ގަސް އިންދެވުމަށް ލޯބި ކުރައްވައެވެ.
ފާއިތުވެދިޔަތަނުގައި ޗާރލްސްވަނީ، ކާބަން މާއްދާ ޖައްވަށް ބޭރުވުން މަދުކުރުމަށް އެހީތެރިވެދޭ، ޓެކްނޮލޮޖީއާއި ސައިންސްގެ އާ ހޯދުންތަކަށް ހިތްވަރު ދިނުމުގެ ގޮތުން، މި ރޮގުން އާ ހޯދުންތައް ހޯދާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމް ދިނުމަށް ކުރައްވާފައެވެ.
އޭގެ އިތުރުންވެސް ޗާރކްސްއަކީ އޯގަނިކް ފާމްއެއް (ބޭސް ބޭނުން ނުކޮށް ތަރުކާރިއާއި މޭވާ ހައްދާ ފާމް) ހިންގަވާ ބޭފުޅެކެވެ. މިތަނުގެ ބާވަތްތައް މިހާރުވެސް އިނގިރޭސި ފިހާރަތަކުގައި ލިބެން ހުރެއެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނުގެ ގޮތުން އަލަށް ގައުމާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ރަސްގެފާނު ޗާރަލްސް III ވިދާޅުވެފައިވަނީ، އަލަށް ހަވާލުވި ޒިންމާތަކާއެކު އެމަނިކްފާނުގެ މުޅި ހަޔާތްވެސް ބަދަލުވެގެން ދާނެ ކަމަށާއި، މިއަދަށްފަހު ކުރިން ވަރަށް ގިނަ ކަންކަމަށް ދެއްވަމުން އައި ވަގުތުތައް ދެން އެ ގޮތުގައި ހޭދަކުރައްވަމުން ނުގެންދެވޭނެ ކަމުގައެވެ. އޭގެ ތެރޭގައި އެހީދޭ ބައެއް ޖަމާއަތްތަކަށް ދެއްވަމުން އައި ވަގުތުތައްވެސް ދެން އެގޮތުގައި ހޭދަ ނުކުރެއްވިދާނެކަމުގައި ރަސްގެފާނު ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް އަހަރެން އިތުބާރު ކުރާ ފަރާތްތަކުގެ އެހީތެރިކަމާއެކު މި މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިޔަށް ދާނެ.
ޗާރަލްސް ވިދާޅުވެފައި ވެއެވެ.