ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި ރެއާލް ސޮސިއެޑާޑް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް ސޮސިއެޑާޑް ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ރޭގެ ވަގުތެއްގައި އަވަހާރަވެފައިވުމާއި ގުޅިގެން މިމެޗް ކުޅެފައިވަނީ އިންގްލަންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ޔުއޭފާގެ މެދުގައި މަޝްވަރާ ކުރުމަށްފަހުއެވެ. އަދި މިމެޗް ފެށުމުގެ ކުރިން އެއްވެސް މިޔުޒިކެއް ކުޅެފައިނުވާއިރު ދެޓީމްގެ ކުޅުންތެރިންވެސް ކުޅެފައިވަނީ ކަޑު ބޭންދް އަޅައިގެންނެވެ. އަދި މެޗް ފެށުމުގެ ކުރިން އެއް މިނެޓްގެ ހަމަހިމޭންކަމުގެ ސުކޫތެއްވެސް ގެނެވިފައިވެއެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް މިހުރިހާ ކަމަކާއެކުވެސް އެޓީމަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި ސޮސިއެޑާޑްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 59 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބްރައިސް މެންޑޭޒްއެވެ. މިމެޗްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެއް ވަނީ އޮފްސައިޑް ކަމަށް ދައްކާފައެވެ. މިއީ 2002 ވަނަ އަހަރަށްފަހު ރޮނާލްޑޯ ޗެމްޕިއަން ލީގު ނޫން ޔޫރަޕްގެ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
މިގްރޫޕްގައި ޝެރިފް ޓިރަސްޕޯލް އާއި އޮމޯނިއާ ނިކޯސިއާ ބައްދަލުކުރިމެޗް ރަށުން ބޭރުގައި ތިންލަނޑު ސުންލަނޑުން ކާމިޔާބުކުރީ ޓިރަސްޕޯލްއެވެ.