އިނރޭސި ރާނީ ކުއީން އެލިޒަބަތު އަވަހާރަ ވެއްޖެކަން ބަކިމްހަމް ޕެލަސްއިން އިއުލާން ކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ތާރީޚުގައި އެންމެ ގިނަދުވަހު ރަނިކަން ކުރެއްވި، ކުއީން އެލިޒަބަތު II އަވަހާރަ ވެފައިވަނީ އިނގިރޭސިވިލާތުގެ ސްކޮޓް ލޭންޑުގެ ބަލްމޯރަލްގައި ހުންނަ އެކަމަނާގެ ގަޑުވަރުގައި، އުމުރުން 96 އަހަރުގައެވެ. ރާނީ އަވަހާރަ ވުމާއެކު، ރާނީގެ ދޮށީ ދަރިކަލުން ޗާލްސް މިހާރު ވެވަޑައިގެންފައިވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނަށެވެ.
ރާނީގެ ޑޮކްޓަރުން އެކަމަނާގެ ސިއްޙީ ހާލުކޮޅު ގޯސްވެއްޖެކަން އިއުލާން ކުރެއްވުމާއެކު، ރާނީގެ ދަރިންނާއި މާމަ ދަރިންގެ އިތުރުން އެބޭބޭފުޅުން އަނބި އަނބިކަބަކުން ވަނީ ރާނީގެ އަރިހަށް ވަޑައިގެންފައެވެ.
ރާނީގެ އަރިހުގައި ތިއްބެވުމަށްޓަކާ، ރާނީގެ އަރިހަށް ވަޑައިގެންނެވީ އެކަމަނާގެ 4 ދަރިންނާއި ދެ މާމަ ދަރިންނާއި އެބޭބޭފުޅުން އަބިންނެވެ. މީގެ ތެރޭގައި ރާނީއަށްފަހު އިނގިރޭސިވިލާތުގެ ރަސްކަމަށް އިސްވެވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގެން ހުންނެވި ޕްރިންސް ޗާލްސްއާއި ޗާލްސްގެ އަނބިކަނބަލުން ކެމިލާ ހިމެނިވަޑައިންނަވާއިރު، ޗާލްސްގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްއާއި އޭނާގެ އަނބިކަނބަލުންވެސް ހިމެނިވަޑައިގަންނަވައެވެ.
އަދި ޕްރިންސް ޗާރލްސްގެ ދެވަނަ މާމަ ދަރިކަލުން ޕްރިންސް ހެރީވެސް ރާނީގެ އަރިހަށް ވަޑައިގެންފައި ވާއިރު، އޭނާގެ އަނބިކަނބަލުން މޭގަމް އަދި ހުންނެވީ ލަންޑަންގައެވެ.
ރާނީ އިނގިރޭސި ތަޚުތަށް އިސްވެވަޑައިގެންފައިވަނީ 1952 ވަނައަހަރުއެވެ. އެއަށްފަހު އިނގިރޭސިވިލާތައް އައި ބޮޑެތި ބަދަލުތައް އައިސްފައިވަނީ އެކަމަނާގެ ރަނިކަމުގައެވެ.
"ރާނީ ވަނީ ހަމަހިމޭން ކަމާއެކު، ބަލްމޯރަލްގައި މިއަދު މެންދުރު އަވަރާވެފަ،" ރާނީގެ ގަނޑުވަރު ބަކިންގހަމް ޕެލަސްއިން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
"ރަސްގެފާނު (ޗާރލްސް) އާއި، ރާނީ ކޮންސޯޓް (ޗާލްސްގެ އަނބިކަނބަލުން ކަމިލާ) މިއަދު ހަވީރު ތިއްބަވާނީ ބަލްމޯރަލްގައި، އަދި ލަންޑަނަށް ވަޑައިގަންނަވާނީ މާދަމާ."
އިނގިރޭސި ރާނީގެ ރަނިކަމުގައި އިނގިރޭސިވިލާތުގައި ވަނީ 15 ބޮޑުވަޒީރުން ވެރިކަން ކުރައްވާފައެވެ. ރާނީގެ ރަނިކަމުގައި އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރައްވާފައިވަނީ ވިސްޓަން ޗާރޗިލްއެވެ. ވިންސްޓަން ޗާޗިލް އުފަންވެ ވަޑައިގަތީ 1874 ވަނަ އަަހަރުއެވެ. ރާނީގެ ރަނިކަމުގައި އެންމެ ފަހުން ބޮޑުވަޒީރުކަމުގައި ހުންނެވީ، ފާއިތުވެދިޔަ ހަފްތާގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނު ލިޒް ޓްރަސްއެވެ.
ލިޒް ޓްރަސް އުފަންވެ ވަޑައިގަތީ ވިންސްޓަން ޗާޗިލް އުފަންވެވަޑަތްތާ 101 އަހަރު ފަހުން 1975 ވަނަ އަހަރުއެވެ.
ކުއީން އެލިޒަބަދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1926 ވަނަ އަހަރުގެ އެޕްރިލްމަހުގެ 21 ވަނަ ދުވަހުއެވެ.
އިނގިރޭސި ރާނީއަކީ އެގައުމުގެ ރަނިކަމަށް ވަޑައިގަންނަވާނެކަމަށް އެންމެ ފުރަތަމަ ބެލެވުނު ބޭކަނބަލެއް ނޫނެވެ. އެހެންނަމަަވެސް އެކަމަނާގެ ބޮޑު ބޭބޭފުޅު އެޑްވާރޑް VIII، ދެފަހަރަށް ވަރިވެފައިވާ، އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ވެލިސް ސިމްޕްސަންއާއި ކައިވެނި ބައްލަވައިގަތުމަށްޓަކާ 1936 ވަނަ އަހަރު އިނގިރޭސި ތަޚުތު ދޫކޮށްލެއްވުމާއެކު، އެގައުމުގެ ރަސްކަމަށް އިސްވެ ވަޑައިގަތީ ރާނީގެ ބައްޕާފުޅު ކިންގ ޖޯޖު VI އެވެ.
އެހާތަނުން، އުމުރުން އެންމެ 10 އަހަރުގައި، އާއިލާގެ ތެރޭގައި ލިލިބެޓްގެ ނަމުން މުކާތަބު ކުރެވޭ، އެލިޒަމަބު ވެވަޑައިގަތީ އެގައުމުގެ ވަލީ އަހުދުކަމުގައެވެ.
74 އަހަރުވަންދެން ރާނީ ކައިވެނި ބައްލަވައިގެން ހުންނެވި، އެކަމަނާގެ ފިރިކަލުން ޕްރިންސް ފިޕިލް އަވަރާވީ 2021 ވަނަ އަހަރު، އުރުން 99 އަހަރުގައެވެ. ޕްރިންސް ފިލިޕްއާއި ރާނީ ކައިވެނި ބައްލަވައިގަތީ 1947 ވަނަ އަަހަރުގެ ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ.