ޔާމީންގެ ބަލިހާލަތު ހުރިގޮތުން މިއަދުގެ ޝަރީއަތް ކެންސަލް

ޔާމީންގެ ބަލިހާލަތު ހުރިގޮތުން މިއަދުގެ ޝަރީއަތް ކެންސަލް

Author
މުޙައްމަދު ޝަޒައިމް
08 ސެޕްޓެމްބަރ 2022 09:57
0

ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރާ މައްސަލާގެ މިއަދު އަޑު އެހުން ކެންސަލް ކޮށްފިއެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މިމައްސަލައިގައި މިހާރު ކުރިއަށްދަނީ ދިފާއުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުމެވެ. މިއަދުވެސް ތާވަލް ކޮށްފައިވަނީ ދިފައީ ހެކިންގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް ޞިއްޚީ ހާލުކޮޅު ހުރި ގޮތުން މިއަދުގެ އަޑު އެހުން ކެންސަލް ކޮށްދެއްވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސިޓީއަކުން އެދިފައިވާތީ މިއަދުގެ އަޑު އެހުންވަނީ ކެންސަލް ކޮށްފައެވެ.

އިއްޔެ ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްއެވެ. އޭނާ ވަނީ ޔާމީން ދެއްވި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައިމާ ހަވާލުކުރި ކަމަށް ހެކިބަސް ދީފައެވެ.

މި މައްސަލާގައި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ވަނީ ނަގާ ނިމިފައެވެ. ދިފާއުގައި ރައީސް ޔާމިންގެ ފަރާތްޕުޅުން މިމައްސަލާގައި ހުށަހަޅާފައިވަނީ 7 ހެކިންނެވެ. ޝަރީއަތުން މަސައްކަތް ކުރަނީ ހެކިބަސް ނެގުމުގެ މަރުހަލާ ނިންމައި ހުލާސާ ބަޔާން އަންނަ އޮގަސްޓްމަހު ހުށަހެޅުމަށެވެ.

އޭގެ ފަހުން އެއްމަސް ދުވަހުގެ ތެރޭގައި މިމައްސަލައިގައި ހުކުމް އިއްވާނެކަމަށް މިމައްސަލަ ބައްލަވާ ޤާޞީ އަހުމަދު ޝަކީލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.