އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެ ބްރިޖް އެޅުމަށް ބޭނުން ކުރަމުންއައި ޕްލެޓްފޯމް ވިލިމާލެ ފަރަށްއަރާ، ފަރުމަތީގައި އޮތް މުއްދަތުގައި ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ގޮސްފައިވާކަން ހާމަވެއްޖެއެވެ.
ފަރަށް ލިބިފައިހުރ ބޮޑތި ގެއްލުންތައް ހާމަވެގެން ގޮސްފައިވަނީ، މި ޕްލެޓްފޯމް ފާއިތުވި އޮގަސްޓްމަހުގެ 28ވަނަ ދުވަހު ފަރުމަތިން ނަގެމާއެކު، ފަރަށް ލިބިފަހުރި ގެއްލުންތައް ދިރާސާ ކުރުމަށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޓީމެއް އެސަރަހައްދަށް ފީނައިގެން ނަގާފައިވާ ފޮޓޯތައް އާންމު ކުރުމާއެކުއެވެ.
ފޮޓޯތަކުން ފެންނާން ހުރިގޮތުގައި، ހެދިފައިވާ ވަޅުގަޑުތަކުގެ ހެދިފައި ހުރީ، މިވަޅުގަޑުތަކަށް އެރިތިބި ޑައިވަރުންގެ އިސްކޮޅަށްވުރެވެސް ފުންކޮށެވެ. އަދި ފެންނަ ފެނުމަށް ބަލާއިރު މި ސަރަހައްދުގެ ފަރުގައި މާބޮޑު ދިރުންތަކެއްވެސް ނެތެވެ.
އީޕީއޭއިން އާންމު ކޮށްފައިވާ ފޮޓޯޓަކަކީ ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން އެފަރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އިއްޔެ ފަރަށް ފީނުމަށްފަހު ނަގާފާއިވާ ފޮޓޯތަކެކެވެ. ފޮޓޯތައް އާންމު ކުރުމުން ކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ ފަރަށް ލިބިފައިވާ ގެއްލުންތައް އަދިވެސް އެ އޭޖެންސީން ދަނީ ދިރާސާ ކުރަމުން ކަމުގައެވެ.
ލަފާކުރެވޭ ގޮތުގައި ފަރުމަތީގައި ހެދިފައިވާ ބޮޑެތި ވަޅުގަޑުތައް ހެދިފައިވަނީ ޕްލެޓްފޯމުގެ ފައިތަށް މުރަކަތަކުގެ އެތެރެއަށް ވަދެގެންނެވެ. އީޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި މިދިރާސާތައް ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެއެވެ.
ބްރިޖް ޕްލެޓްފޯމް ފަރުމަތިން ނުނެގި ގިނަ ދުވަސް ވަމުގެ ސަބަބުން މީގެކުރިން އީޕީއެއަށާއި އަދި ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުންދާ އެފްކޮންސްއަށްވެސް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ.
އިހުމާލުން ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުންތަކަކަކީ، އިހުމާލުވާ ފަރާތްތަކުން ބޮޑު އަދަދުތަކުން ޖުރިމާނާ ދައްކާން ޖެހޭ ސީރިއަސް މައްސަލައެއް ކަމެވެ. އިހުމާލުން ރާއްޖޭގެ ނާޒުކު ފަރުތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާންޖެހޭގޮތަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަނީ ވަރަށް ބޮޑެތި ޖުރިމާނާ ތަކެވެ.
މިގޮތުން، އީޕީއޭއިންވަނީ، މިއަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު ވ. މާގުޅީ ފަރަށް އެރި ބާޖެއް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި، ސަރުކާރުން އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ރިލަޔަންސްގެ ޖިއޯ ކުންފުންޏާ ހަވާލުކޮށްގެން އަޅާ ސަބްމެރިން ކޭބަލްގެ ސާވޭގެ މަސައްކަތް ކުރަމުންދަނިކޮށް ހުޅުމާލޭ ފަރަށް ގެއްލުންވެ، ދެ ލައްކައެއްހާ ރުފިޔާއިން އެކުންފުނި މިއަހަރުގެ މޭމަހު އީޕީއޭއިން ޖޫރިމަނާކޮށްފައި ވެއެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރު ށ. ނޫމަރާ ފަރަށް އެރި ބާޖު 61 މިލިއަނަށްވުރެ ގިނަ ރުފިޔާއިން، ފާއިތުވި އަހަރުގެ ޑިސެމްބަރުމަހު އީޕީއޭއިން ޖުރިމަނާ ކޮށްފައި ވެއެވެ. ކ. ރަސްފަރި ފަރަށް، 2021ވަނަ އަހަރު އެރި "އެމް.ވީ ނެވިއޯސް އެމެރައިލިސް" ބަލްކް ކެރިއާ އާގު ބޯޓު އެ ފަރަށް އުރުނު މައްސަލައިގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 100 މިލިއަން ރުފިޔާއިން އެ ބޯޓުގެ ވެރިފަރާތް އީޕީއޭއިން ޖޫރިމަނާ ކޮށްފައި ވެއެވެ.
އެހެންނަމަވެސް، ވިލިމާލެ ފަރަށް ލިބުނު ގެއްލުންތަކާއި ގުޅޭގޮތުން، އެފްކޮންސް ކުންފުންޏާމެދު އަޅާނީ ކޮން ފިޔަވަޅެއްކަމެއް އަދި އީޕީއޭއިން ހާމަ ކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ