ފަރު ސާފުކޮށް ނިމިއްޖެ، ދެން އޮތީ ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރުން: އެފްކޮންސް

ފަރު ސާފުކޮށް ނިމިއްޖެ، ދެން އޮތީ ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރުން: އެފްކޮންސް

Author
ހުސެއިން
05 ސެޕްޓެމްބަރ 2022 07:40
0

ތިލަމާލެ ބްރިޖް އަޅަމުންދާ އެފްކޮންސްއިން ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓް ޕްލެޓްފޯމް އެރި ފަރު މިހާރު ސާފްކޮށް ނިންމާފައިވާ ކަމަށާއި، ދެން އޮތީ ފަރަށް ލިބުނު ގެއްލުން ދިރާސާކުރުން ކަމުގައި، ބްރިޖް މަޝްރޫޢު ކުރިޔަށް ގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފިއެވެ.

އެފްކޮންސް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފާއިތުވެދިޔަ އޮގްސްޓްމަހުގެ 28ވަނަ ދުވަހު ޕްލެޓްފޯމް ފަރުމަތިން ނަގާ، ފަރު ސާފުކުރުމުގެ މަސައްތް ނިންމާލެވިފައިވަނީ އިއްޔެގެ މެންދުރު ފަހު ކަމަށެވެ.

އެފްކޮންސްގެ ބަޔާނުގައި ބުނެފައިވަނީ، ފަރށް އެރިސާމާނު ފަރުމަތިން ނަގާ، އެސަހައްދު އެކީ ސާފު ކުރުމުގެ މަސައްކަތްތަކަށް މޫސުމް ގޯސްވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ. އެހެންނަމަވެސް، ފަރުގެ ސަރަހައްދު އެކީ ސާފުކޮށް، އެކުންފުނިން ދެން ފަށާނީ ފަރަށް ލިބުނު ގެއްލުންތައް، އިޕީއޭއާއި ގުޅިގެން ދިރާސާކުރުމަށް ކަމަަށެވެ.

ބްރިޖް ޕްލެޓްފޯމް ފަރުމަތިން ނުނެގި ގިނަ ދުވަސް ވަމުގެ ސަބަބުން އީޕީއެއަށާއި އަދި ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުންދާ އެފްކޮންސްއަށްވެސް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ.

އިހުމާލުން ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުންތަކަކަކީ، އިހުމާލުވާ ފަރާތްތަކުން ބޮޑު އަދަދުތަކުން ޖުރިމާނާ ދައްކާން ޖެހޭ ސީރިއަސް މައްސަލައެއް ކަމެވެ. އިހުމާލުން ރާއްޖޭގެ ނާޒުކު ފަރުތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާންޖެހޭގޮތަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަނީ ވަރަށް ބޮޑެތި ޖުރިމާނާ ތަކެވެ.

މިގޮތުން، އީޕީއޭއިންވަނީ، މިއަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު ވ. މާގުޅީ ފަރަށް އެރި ބާޖެއް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި، ސަރުކާރުން އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ރިލަޔަންސްގެ ޖިއޯ ކުންފުންޏާ ހަވާލުކޮށްގެން އަޅާ ސަބްމެރިން ކޭބަލްގެ ސާވޭގެ މަސައްކަތް ކުރަމުންދަނިކޮށް ހުޅުމާލޭ ފަރަށް ގެއްލުންވެ، ދެ ލައްކައެއްހާ ރުފިޔާއިން އެކުންފުނި މިއަހަރުގެ މޭމަހު އީޕީއޭއިން ޖޫރިމަނާކޮށްފައި ވެއެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރު ށ. ނޫމަރާ ފަރަށް އެރި ބާޖު 61 މިލިއަނަށްވުރެ ގިނަ ރުފިޔާއިން، ފާއިތުވި އަހަރުގެ ޑިސެމްބަރުމަހު އީޕީއޭއިން ޖުރިމަނާ ކޮށްފައި ވެއެވެ. ކ. ރަސްފަރި ފަރަށް، 2021ވަނަ އަހަރު އެރި "އެމް.ވީ ނެވިއޯސް އެމެރައިލިސް" ބަލްކް ކެރިއާ އާގު ބޯޓު އެ ފަރަށް އުރުނު މައްސަލައިގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 100 މިލިއަން ރުފިޔާއިން އެ ބޯޓުގެ ވެރިފަރާތް އީޕީއޭއިން ޖޫރިމަނާ ކޮށްފައި ވެއެވެ.

އެހެންނަމަވެސް، ވިލިމާލެ ފަރަށް ލިބުނު ގެއްލުންތަކާއި ގުޅޭގޮތުން، އެފްކޮންސް ކުންފުންޏާމެދު އަޅާނީ ކޮން ފިޔަވަޅެއްކަމެއް އަދި އީޕީއޭއިން ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.