ބިލަތްދޫގައި ބުދެއް ހިފައިގެން ރަށު ތެރޭގައި ހިންދޫ ދީނުގެ އަޅުކަމެއް ކުރުމުގެ ތުހުމަތުގައި ތިން ބިދޭސީން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ބިލެތްދޫގައި މަސައްކަތްކުރ ބިދޭސީންތަކެއް އެ މީހުން އަޅުކަންކުރުމަށް ބުދެއް ހަދައިގެން އުޅޭ ކަމުގެ މައުލޫމާތު މި މަހު އެއްވަނަ ދުވަހު ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ތިން ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެއީ 27 އަހަރުގެ މީހަކާއި 37 އަހަރުގެ މީހަކާއ 39 އަހަރުގެ މީހެއް ކަމަށާއި އެ މީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންނެވެ. ބިލެތްދޫގައި ބުދަށް އަޅުކަންކުރަމުން މަގުމަތީގައި ހިނގި މައްސަލަ ވަނީ ހޫނުވެފައެވެ. އެ ރަށު ބަޔަކު ވަނީ ބިދޭސީން އުޅޭ ގެޔަށް ވަދެ ބުދު ހޯދަން ކަމަށް ބުނެ ބިދޭސީންގެ ފޮށިތަންމައްޗާއި އެ މީހުން އުޅޭތަން ހޯދައި ބަލައިފައެވެ.
ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ބިލަތްދޫގައި ބިދޭސީންތަކެއް ބުދެއް ގެންގުޅެ އަޅުކަމެއް ކުރިކަމަށް ރަށު ތެރޭގައި ހަބަރު ފެތުރުމާއެކު ބިލަތްދޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އެ ރަށުގައި ބިދޭސީ އުޅޭ ތަނަކަށް ވަދެ އެތަނުގައި ބުދެއް ހުރިތޯ ބަލައި ހަދާފައެވެ.
އަޅުކަންކުރާ ބުދު ރާއްޖެއަށް އެތެރެކުރުމަކީ މަނާ ކަމެކެވެ.
އަދި ރާއްޖެ އަންނަ އިސްލާމް ދީން ނޫން އެހެން ދީންތަކުގެ މީހުން އެ މީހެއްގެ ދީނީ އަޅުކަމެއް ކުރި ނަމަވެސް އާންމުކޮށް ފެންނަހެން އެފަދަ ކަންކަން ކުރުމަކީ މަނާ ކަމެކެވެ.
ކޮމެންޓު ފޮނުވާ