ހުޅުމާލޭ ކައިރީގައި އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލާގަތް މައްސަލާގައި ހައްޔަރުކުރި ޝަހީބް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ޢަމުރުކޮށްފިއެވެ.
ހައިކޯޓުން މިޢަމުރު ނެރެފައިވަނީ އޭނާ ދޫކޮށްލުމަށް ދަށުކޯޓުން ކުރި ހުކުމް ހައިކޯޓްގައި އިސްތިއުނާފްކުރުމުންނެވެ. އެމައްސަލާގައި މއިަދު ހައިކޯޓުން ނިންމީ ޝަރީޢަތް ނިމެންދެން ޝަހީބް ބަންދުގައި ބެހެއްޓުމަށެވެ. މިމައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.
130 ކިލޯގެ މަސްތުވާތަކެތި އެތެރުކުރުމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ ޝަހީބް އިބްރާހީމް މިދިޔަ މަހު ފަހުކޮޅުއެވެ. ހުޅުމާލޭ ކައިރީގައި އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލާގަތް މައްސަލާގައި 7 މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އޭތެރޭގައި ހިމެނޭ 6 މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންކަމަށާއި، ދެން މިމައްސަލާގައި ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުދިންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުން ވިދާޅުވީ، ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރުމުން، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި އޮޕަރޭޝަނުގައި ހޯދި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 130 ކިލޯހުރިކަމަށާއި، ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށްވެސް ފުލުހުން ބުނެއެވެ. މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި މީހަކީ ގއ. ވިލިނގިލި، ލައިޓްހައުސް، ޢުމުރުން 42 އަހަރުގެ ޝަހީބް އިބްރާހިމާއި، ހއ. ހޯރަފުށި، ވައިލެޓްވިލާ، ޢުމުރުން 48 އަހަރުގެ އަހްމަދު މޫސާކަމަށް ފުލުހުން ބުނެއެވެ. މި ދެމީހުންގެ ތެރެއިން ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއްކަމަށް ފުލުހުން ބުނެއެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމްއާއި އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައިވާކަން ފުލުހުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ