ނެދަލަންޑްސްގެ އަޔަކްސްއަށް ކުޅެމުން އަައި ބްރެޒިލުގެ އެންތަނީ، މެންޗެސްޓާ ޔުނައިޓެޑަށް ސޮއި ކުރިއިރު، ޖަރުމަން ލީގުގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އައި ސްވިޓްޒަލަންޑުގެ ޑިފެންޑަރު މަނުއެލް އަކަންޖީ، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ.
ރިޕޯޓުތަށް ބުނާގޮތުންއެންތަނީ ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ 82 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިއެއްބަސްވުމުގެ ދަށުން އިތުރު އެހެން ކަންތައްތަކަށް އެޑް އޮންސްގެ ގޮތުގައި ފަސް މިލިއަން ޔޫރޯ ހިމެނިފައިވާއިރު މިއީ ޕްރިމިއަރ ލީގުގައި ހަތަރު ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އުމުރުން 22 އަހަރުގެ މިކުޅުންތެރިޔާ މިވަނީ 2027 ގެ ނިޔަލަށް ޔުނައިޓެޑްގައި މަޑުކުރަން އެއްބަސްވެފައެވެ. އަދި އިތުރު އެއް އަހަރު އިތުރު ކުރުމުގެ ފުރުސަތުވެސް މިއެއްބަސްވުމުގައި ހިމަނާފައިވެއެވެ.
އެންތަނީގެ އިތުރުން ޓްރާންސްފަރ ވިންޑޯގެ ފަހު ދުވަހު ޔުނައިޓެޑުން މިވަނީ ނިއުކާސްލްގެ ކުރީގެ އެއް ނަންބަރު ކީޕަރ މާޓިން ޑުބްރަވްކާވެސް އެޓީމަށް ލޯން އެއްބަސްވުމެއްގެ ދަށުން ގެންގޮސްފައެވެ. ސްލޮވާކިއާގެ ކީޕަރވަނީ ޕްރިމިއަރ ލީގުގައި މިހާތަނަށް 125 މެޗް ކުޅެފައެވެ. އަދި މިއެއްބަސްވުމުގެ ދަށުން މިފަހަރުގެ ސީޒަން ނިމުމުން ޔުނައިޓެޑުން ބޭނުންނަމަ ޑުބްރަވްކާ ދާއިމީކޮށް އެކްލަބަށް ސޮއިކުރުވުމުގެ އިހްތިޔާރު ލިބިގެންދެއެވެ.
ރިޕޯޓުތަށް ބުނާގޮތުން އަކާންޖި ސިޓީއަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަކާންޖީ ވެގެން ގޮސްފައިވަނީ މިސީޒަންގައި ޑޯޓްމުންޑުން ސިޓީއަށް ގެންދިޔަ ދެވަނަ ކުޅުންތެރިޔާއަށެވެ. މީގެކުރިން ސިޓީއިންވަނީ ޑޯޓްމަންޑް އަށް ކުޅެމުންދިޔަ ނޯވޭގެ ފޯވަޑް އަރލިންގ ހާލަންޑް އެޓީމަށް ގެންގޮސްފައެވެ. އުމުރުން 27 އަހަރުގެ އަކާންޖީ ޑޯޓްމުންޑަށް ބަދަލުވެފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި މިހާތަނަށްވަނީ 158 މެޗް ޑޯޓްމުންޑަށް ކުޅެދީފައެވެ. އަދި ސްވިޓްޒަލަންޑް ޤައުމީ ޓީމަށް 41 މެޗް ކުޅެދީފައިވެއެވެ. އަދި މިފަހަރުގެ ވަރލްޑް ކަޕަށް ސްވިޓްޒަލަންޑް ކޮލިފައިކޮށްދިނުމުގައި އަކާންޖީވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ސިޓީއަށް ސޮއިކުރުމަށްފަހު އަކާންޖީ ބުނީ ސިޓީއަށް ބަދަލުވެވުމުން ހިތްހަމަ ޖެހިފައިވާކަމަށާއި އަދި ސިޓީއާއެކު އާސޮފްހާއެއް ފެށުމަށް ކެތް މަދުވެފައިވާކަމަށެވެ. އަދި ސިޓީއަކީ ވޭތުވެދިޔަ ދެތިން އަހަރު ޔޫރަޕްގައިވެސް އެންމެ ފާހަގަ ކޮށްލެވޭ އެއްޓީމް ކަމަށެވެ. ސިޓީ ކުޅޭތަން ފޫހިކަމެއް ނެތި ބަލަން އިދެވިދާނެކަމަށާއި އެޓީމުން ކުޅޭ ފުޓްބޯޅައަކީ އެންމެންގެ ޝައުގުވެރިކަން ދަމައިގަންނަ މޮޅު ކުޅުމެއް ކަމަށެވެ.
ހަމައެއާއެކު ޕެޕް ގާޑިއޯލާއަކީ ފާހަގަ ކޮށްލެވޭ މޮޅު ކޯޗެއް ކަމަށާއި ޓީމްގައި ތިބީވެސް ފާހަގަ ކޮށްލެވޭ މޮޅެތި ކުޅުންތެރިންކަމުން މިއީ އޭނާއަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށްވެސް އަކާންޖީ ގަބޫލް ކުރެއެވެ. އަދި ޕްރިމިއަރ ލީގުގައި އޭނާއަށް ކިހާފެންވަރެއްގައި ކުޅެވޭތޯ ބަލާލަން ލިބިގެން ގޮސްފައިވާ މިފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން ބޭނުންވާކަމަށް އަކާންޖީ ހާމަކުރިއެވެ. އަކާންޖީ ވެގެން ގޮސްފައިވަނީ މިސީޒަނަށް ސިޓީއަށް ގެންދިޔަ ފަސްވަނަ ކުޅުންތެރިޔާއަށެވެ.