ނ.އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، ނ.އަތޮޅުން ފުރާގެން މާލެ އަށް ދަތުރު ކުރަމުންއައި "ލަންދޫ ބޯޓު" ވަނީ ދިޔަވެ ކ.ގާފަރު ފަރަށް އަރާފައިކަމަށެވެ. ފަރަށް އެރި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރު ރައްޔިތުންގެ އިތުރުން، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައްވެސް ދަނީ ހަރަކާތްތެރިވަމުންކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ 10:55 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. އެބޯޓުގައި ތިބީ ކިހާ ބަޔަކުކަމެއް އަދި ސާފުނުވާކަމަށާއި، ބޯޓުގައި ތިބި ބަޔަކު، މިހާރު ގާފަރަށް ގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ކޯސްޓްގާޑު އެ ސަރަހައްދަށް ދަތުރުކުރަމުން އަންނަކަމަށެވެ.
މިދުވަސްވަރަކީ މޫސުން ގޯސްވެ، ކަނޑުގަދަ ދުވަސްވަރެއްކަމުން، މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ