ރައްޖޭގައި ހަރުކަށި ފިކުރު އުފެއްދުމަށް ފުރުސަތުދީ އެކަން ކުރުމަށް ޖާގަ ދެނީ މިއަދުގެ ހޯމް މިނިސްޓަރ އިމްރާން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހަރުކަށި ފިކުރާއި އަނިޔާވެރި އަމަލުތައް އިތުރުވަމުންދަތީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށަހަޅުއްވާފައިވާ މައްސަލާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވަނީ މިނިސްޓަރ އިމްރާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ބޮންޑޭ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ ކަންކަންވެސް އެންމެ ރަނގަޅަށް ބަލަމުން ނުދާކަމަށެވެ. ގައުމުގައި ހުރި ޓެރަރިޒަމްގެ އެތައްކަމެއް ނުބެލި އަތުން ދޫވެގެންދާއިރު ފެނިގެން ދަނީ އެކަމަށް ހޯމް މިނިސްޓަރު ޖާގަ ދެއްވާތަން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
މޭ6 ގައި ހިނގި ހަމަލާ ނުއެއް ބަލާ އެމީހުންނެއް. ތި ނެޝަނަލް ކައުންޓަރ ޓެރަރިޒަމު ސެންޓަރުގައިވެސް ފާހަގަ ކުރި ކަންކަމަށް ބަލާއިރު މިތަނުގައި ޤާނޫނެއް ތަންފީޒެއް ނުކުރޭ. ދެން އެވަރު ބަޔަކާއި ގައުމު ހަވާލުކޮށްގެން މިހާރުވެސް ތިބި ޒުވާންޖީލަށް މަސްތުވާތަކެތި ބޯން ދީގެން ޖަލުތަކުގައި މިހަރުކަށި ފިކުރު އުފައްދާ މެޝިނެއް ހޯމް މިނިސްޓަރަކީ މިހާރު. ހަރުކަށި ފިކުރު އުފައްދާ މެޝިނެއް އެއީ.
– ބޮންޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިނިސްޓަރ އިމްރާނަކީ ޑރ.އަފްރާޝީމްގެ މަރާއި ގުޅިގެންވެސް އެކި ފަހަރު އެކިގޮތަށް ވާހަކަ ދައްކަވާފައިވާ ބޭފުޅެއްކަމަށެވެ. އެވަރުގެ ބޭފުޅަކު ޤައުމުގެ ހޯމް މިނިސްޓަރަކަށް ލުމުން ކަންކަން ހިނގާދާނެ ގޮތަކަށް މިއަދު ކަންކަން މިވަނީކަމަށް ބޮންޑޭ ވިދާޅުވިއެވެ.
މިއަދު ސިޔާސީ ކަންކަމުގައި ތިބި ފަރާތްތަކަކީ ބަޢާވާތެއްގެ ތެރެއިން އައިސަތިބި ބައެއް. އެމީހުންނަކީ ރަށު ތެރޭގައި މިވޮނި މީހަކު އަފުރާޝީމް ގަތުލުކުރީ މިވޮނި ބައެކޭ ބުނެފަ އަނެއްކާ ދެވަނަ ފަހަރަށް އެއީ އެބައެއް ނޫނޭ އެހެން ބައެކޭ ކިޔާފަ ވާހަކަ ދެއްކި މީހުން މިހާރު ހޯމް މިނިސްޓަރުކަން ކުރަންތިބީ.
– ބޮންޑޭ ވިދާޅުވިއެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި މި ގަރާރުގައި ބުނެފައި ވާނީ ދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ އަދި މީހުން މަރަން ފަސް ނުޖެހޭ 1400 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވެފައިވާ ކަމަށާއި "ސަރުކާރުގެ މީހެއް" ކަމަށް ބުނުމަށް ފަހު އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ވެސް ހަމަލާ ދީފައިވާ ކަމަށެވެ.
އެ ނުރައްކާތެރި އަމަލުތައް ފެތުރުމުގެ މަސައްކަތް ވަރަށް ފުޅާވެ އިންތިޒާމް ވެގެން ހިނގާކަން އެކި މުއައްސަސާތަކުންނާއި ރިޔާސީ ކޮމިޝަންތަކުން އެއްކޮށްފައިވާ މައުލޫމާތުން އެނގޭ ކަމަށާއި ނަމަވެސް އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް މުއައްސަސާތަކުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
އެފަދަ ކަންކަމުން ސަލާމަތްވުމަށް ފުލުހުންނާއި ސިފައިން އަދި ސަލާމަތީ ކަންކަމާއި ތަންފީޒީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އޮތް އިދާރާތަކުގެ މައްޗަށް އެކުލެވޭ ކޮމާންޑެއްގެ ދަށުން އެކުލެވޭ ހާއްސަ ފައުޖެއް އުފެއްދުމަށާއި ނުރައްކާތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް މިސްކިތްތަކާއި ތައުލީމް ދޭ ތަންތަން ބަލަހައްޓަން ފަށަން ޖެހޭ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.