އިންޑިއާގެ އެފްކޯންސް ކުންފުންޏާއި ހަވާލުކޮށްގެން، އެންމެ ކުޑަމިނުން މިދައުރުގައި މާލެއާއި ވިލިމާލެ ގުޅުވާލުމަކީ މިސަރުކާރުގެ ވަރަށްވެސް ބޮޑު ހުވަފެނެކެވެ.
ރައީސް ޔާމިންގެ ސަރުކާރުގައި ހުޅުމާލެއާއި މާލެއާއި ބުރިޖަކުން ގުޅުވާލި ފަދައިން، އެ ބުރިޖަށްވުރެ 3 ގުނަ ދިގު ބުރިޖެއް އެޅުމަށް ވައުދުވެ، 6 ކިލޯ މީޓަރުގެ މި ބުރިޖްގެ ފުތަމަ ފިޔަވަހީގެ ގޮތުގައި، މޭލެއާއި ވިލިމާލެ ގުޅުވާލުމުގެ އަމަލީ މަސައްކަތް ފެށުމުގެގޮތުން މިމަޝްރޫޢު އިފްތިތާހު ކޮށްފައިވަނީ މީގެ ތިން ހަފްތާކުރިން، ރައީސް ސާލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގައެވެ.
މި މަޝްރޫއުގެ ބިންގާ އިންޑިއާގައި އެޅިގެން ދިއުމާއެކު، މިމަސައްކަތް ކުރުމަށް ހަވާލުވެފައިވާ، އިންޑިއާގެ އެފްކޯންސް ކުންފުނިން ބުނެފައިވަނީ، މި އޮގަސްޓުމަހު ބިންގާ އެޅިގެންދިޔަ ތިލަމާލެ ބުރިޖް، މާލެ ކައިރީގައި އޮތް ވިލިގިއްޔާއި ގުޅުވާލާ ސެގްމެޓް އަންނަ އަހަރުގެ ޖުލައި 23 އަށް ނިންމައި، މާލެ އާއި ވިލިމާލެއާ ދެމެދުގައި އާންމު ދަތުރުތައް ކުރަން އަންނަ އަހަރު އޮގަސްޓް 15 ގައި ފެށިގެން ދާނެއެވެ.
އޭގެ ކުރިން ޕްލޭނިންގ މިނިސްޓްރީން ބުނެފައިވަނީ، އެއްބަސްވުމުގައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ. މިގޮތުން ފުރަތަމަ ބައިގައި ހިމެނޭ މާލެއިން ގުޅީފަޅާ ހަމައަށް ގުޅާލުމުގެ ހުރިހާ މަސައްކަތެއް އަންނަ 2023ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާނެ ކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި މި މަސައްކަތް އެކަަށައެޅިފައިވާ ޕްލާނޭ އެއްގޮތަށް ނިންމުމަށްޓަކާ، ވިލިމާލެ ކަނޑުއޮޅި ބަންދު ކޮށްފައިވަނީ މީގެ ދެހަފްތާކުރިން، މިމަހުގެ 16ވަނަ ދުވަހުއެވެ. އެހެންނަމަވެސް، ބްރިޖްގެ މަސައްކަތް ފެށުމުގެ ގޮތުން ކަނޑު އޮޅި ބަންދުކުރިތާ އެއްދުވަސް ފާއިތުވެގެން ނުދަނީސް ފެނިގެން ދިޔައީ ބުރިޖު އެޅުމަށް ބޭނުންކުރަން ތައްޔާރު ކޮށްފައިއޮތް ޕްލެޓް ފޯމު އޮޔާގަސް، ކައިރީގައި އޮތް ވިލިމާލޭގެ ފަރަށް އެރި މަންޒަރެވެ.
އަދި ފަރުމައްޗަށް ބިންދަމުންދާ ބިޔަ ރާޅުތަކާއެކު، މި ބިޔަ ޕްލޓްު ފޯމު ވިލިމާލޭގެ ފަރަށް އަރާފައި އޮންނަތާ ހަފްތާއެއް ފާއިތުވެގެން ގޮސްފައިވާއިރު، ފުއްޓަރުފަރާތު ފަރުގައި ޕްލެޓްފޯމު ޖެހޭ އަޑާއެކު ރަށަށް ލޮޅުން އިހްސާސް ކުރެވޭކަމަށްވެސް ވިލިމާލޭ ދިރިއުޅެމުންދާ ރައްޔިތުން ބުނަމުން ދެއެވެ.
އެހެންނަމަވެސް، 6 ކިލޯ މީޓަރުގެ ބިޔަ ބުރިޖެއް އެޅުމަށް ރާއްޖެ އައިސް އޮތް އިންޑިއާގެ އެފްކޯންސް ކުންފުންޏަށް ބުރިޖް ޕްލެޓްފޯމު ފަރުމަތިން އެހެލެވޭ ގޮތެއް ނުވިއެވެ. އެކަމަށް އެކަށީގެންވާ މެޝިނަރީތަކާއި ވަސީލަތްތައް ރާއްޖެއިން ލިބެންހުރި ނަމަވެސް، ފަރަށް އަރާފައިވާ ޕްލެޓްފޯމު ފަރުމަތީގައި ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް، މި ނާޒުކު ފަރު، މިކާރިސާއިން ސަލާމަތް ކުރެވޭނެ މަގެއް ފަހި ކުރެވިފައެއް ނުވެއެވެ.
ތިމާވެށިން މެޑަލް ޖަހަމުންދާ ފަރާތްތައް ހަނު!
ދިވެހިރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމުގެ ވާހަކަތަކާއި، އަދި ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކާ ކުރާން ހުރި މަސައްކަތްތަކާއި، ވާންޖެހޭ ގުރުބާނީތަކުގެ ވާހަކަތަކަކީ އެ ވާހަކަތައް ޒީނަތްތެރިކޮށްގެން، ފާއިތުވެދިޔަ ތަނުގައި ބަޔަކު މީހުން އެ ވާހަކަތަކުން މެޑަޖަހަމުން އައިިސްފައިވާ ވާހަކަތަކެވެ.
ވަކީން ޚާއްސަކޮށް، ރާއްޖޭގެ ވެރިކަން ކުރެއްވި ބައެއް ފަރާތްތަކަކީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ވާހަކަތައް ބޭރުގެ ފޯރަމްތަކުގައި ދައްކަވައިގެން އެވާހަތަކުން އެތަކެއް މަޝްހޫރުކަމެއް ހޯއްދަވާފައިވާ ފަރާތްތަކެވެ. މީގެތެރެއިންވެސް އެންމެ ކުރީގައި ހުންނެވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މިގޮތުން ފާއިތުވެދިޔަ ކޯޕް26 ސަމިޓުގައިވެސް ނަޝީދުވަނީ ބައިނަލްއަގުވާމީ އެތަކެއް ފޯރަމްތަކެއްގައި ބައިވެރިވެ ވަޑައިގެން، ރާއްޖޭގެ ތިމާވެށީގެ ނާޒުކު ކަމުގެ ވާހަކަދައްކަވާފައި ވެއެވެ. އަދި ކްލައިމެޓް ވަންލަރަބަލް ފޯރަމް CVFގެ އެމްބެސެޑަރ ފޯރ އެމްބިޝަންގެ މަގާމްވެސް ނަޝީދު ފުރުއްވަމުން ގެންދަވައެވެ. މިއީވެސް ދުނިޔެއަށް ކުރިމަތިވެފައިވަ ތިމާވެށީގެ ނާޒުކު މައްސަލަތަކާއި ގުޅޭގޮތުން ވަކާލާތުކުރާ ޖަމިއްޔާއެކެވެ. އޭގެ އިތުރުން، މޯލްޑިވްސް ކޮރަލް އިންސްޓިޓީއުޓްގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވާ، ފަރުތައް ރައްކާތެރި ކުރުމާއި، އަދި ދިރުވާ އާލާކުރުމުގެ މަސައްކަތްވެސް މި ޖަމިއްޔާ މެދުވެރިކޮށް ނަޝީދު ގެންދަވަނީ ކުރައްވަމުންނެވެ.
އެހެންނަމަވެސް، މާލެ ކައިރީގައި އޮތް، ވިލިމާލޭގެ ފަރަށް ބްރިޖް ޕްލެޓްފޯމު އެރިތާ ހަފްތާއެއް ފާއިތުވެ، މި ނާޒުކު ފަރުގެ ހާލަތާމެދު އެތައް ބައެއްގެ ކަންބޮޑުވުން ސޯޝަލް މީޑިއާއި އަދި އެނޫން ވަސީލަތްތަކުގައިވެސް ފާޅު ކުރަމުންދާއިރު، މިމައްސަލައާއި ގުޅެގޮތުން ކުޑަމިނުން، ރާއްޖޭގެ ތިމާވެށީގެ ހާލަތާއިމެދު ނުހަނު ކަންބޮޑުވެ ވަޑައިގެން އެމަނިކްފާނުގެ ވެރިކަމުގައި މޫދު އަޑީގައި ކެބިނެޓް ޖަލްސާއެއްވެސް ބޭއްވެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިމައްސަލާގައި ކަންބޮޑުވެ ވަޑައިގެން ކުޑަމިނުން މިހާތަަނަށް ޓުވީޓެއްހާ މިންވަރުވެސް ކުރައްވާފައެއް ނުވެއެވެ.
އޭގެ އިތުރުން، ދެން ހުންނެވީ، ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފަ ހުންނެވި ސްޕެޝަލް އެންވޯއި ފޯރ ކްލައިމެޓް ޗޭންޖް ސަބްރާ ނޫރައްދީންއެވެ. ބްރިޖް ޕްލެޓްފޯމު ފަރަށް އުރިފައި އޮންނަތާ ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް، ސަރުކާރުގެ ކްލައިމެޓް އެންވޯއިއަށް މި ބޮޑު، ތިމާވެށީގެ ކާރިސާގެ ހިލަމެއްވެސް ނުވެއެވެ. އަދި ސަރުކާރުން ތިމާވެއްޓާބެހޭ ވަޒީރުވެސް މިމައްސަލައާއި ގުޅޭގޮތުން ކަންބޮޑުވެ ވަޑައިގަންނަވާކަމެއްވެސް ނުވަތަ ނޫންކަމެއްވެސް ހާމަކުރައްވާފައެއް ނުވެއެވެ. ހުރިހާ ބޭފުޅުންވެސް ތިއްބެވީ ހަނުއެވެ.
އެހެންނަމަވެސް މިއީ ފާއިތުވެދިޔަ ތަނުގައިވެސް، އަދި މިސަރުކާރުގައިވެސް، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކާ ދުލާއި ގަލަމުން އެންމެ ބޮޑަށް އެއަޑުތައް އުފުއްލަވަމުން ގެންދަވާ ބޭފުޅުންކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. ބައެއް ބޭފުޅުން ފާއިތުވެދިޔަ ތަނުގައި ސޯޝަލް މީޑިއާގައެވެ. އަނެއްބައި ބޭފުޅުން ބައިނަލް އަގުވާމީ ފޯރަމްތަކުގައެވެ.
އެހެންނަމަވެސް، ބްރިޖް އަޅާ އިންޑިއާގެ ކުންފުންޏާއި ހަމައިން މިބޭބޭފުޅުންނަށް ވެގެން ދިޔަގޮތެއް ދަންނަވާން އެގިލައްވާ ބޭފުޅަކު ނެތެވެ. ތިމާވެށީގެ ހިމާޔަތުގައި މި ބޭބޭފުޅުން އަޑު އުފުއްލަވަމުން މިގެންދަވަނީ ކޮންގޮތަކަށް ބައްޓަންކުރެވިފަ އޮތް، ކޮން ސިޔާސަތެއްގެ ދަށުންކަމާމެދު މިއަދު ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. އަދި މިކަންކަމުގެ ގާނޫނީ ޒިންމާ އުފުއްލަވަންޖެހިވަޑައިގެން ތިއްބަވާމެ، މި ބޭބޭފުޅުން މި މިންވަރަށް ހަނު ތިއްބެވުމުން، އުފައްލަވަން ޖެހިވަޑައިގެންފައިވާ ގާނޫނީ ޒިންމާއަކީ ކޮބައިތޯވެސް ގިނަ ބަޔަކަށް މިއަދު މިވަނީ ސުވާލު ކުރަން ޖެހިފައެވެ.
ބޮޑު ޖޫރިމަނާއެއް!
ބްރިޖް ޕްލެޓްފޯމު ފަރަށް އެރުމާއެކު، އެޗްޕީއޭއިން ބުނެފައިވަނީ މި ހާދިސާގެ ސަބަބުން ވިލިމާލޭ ފަރަށް ލިބެމުންދާ ގެއްލުން ދިރާސާ ކުރަމުންދާ ކަމުގައެވެ.
މީގެ އިތުރުން ފަރުމަށްޗަށް ބިންދަމުންދާ ރާޅުތަކާއި ޕްލެޓްފޯމް ވިލިމާލޭގެ ފުއްޓަރުފަރާތު ފަރުގައި ޖެހޭ ގަދަ އަޑުތަކާއެކު ރަށަށްވެސް ލޮޅުން އިހްސާސް ކެރެވެމުން ދިއުމާއި ގުޅިގެން، ރާއްޖޭގެ ތިމާވެށި ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާ "ސޭވް ދަ ބީޗް މޯލްޑިވްސް" އާއި ވިލިމާލޭގެ އާންމުން ތަމްސީލް ކުރާ "ވިލިޖޯލި" ޖަމިއްޔާއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ފަރާތްތަކުން ބުނެފައިވަނީ، ބްރިޖް އެޅުންފަދަ ބޮޑެތި މަޝްރޫއުތައް ކުރިޔަށް ގެންދާ ކުންފުނިތަކުގައި މި ޕްލެޓްފޯމު ފަރުމަތިން ނެގުމުގެ ގާބިލަކަން ހުނާންޖެހޭ ކަމަށާއި، ފަރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށްފަހު އެކުލަވާލެވޭ ރިޕޯޓު ވިލިމާލޭގެ ރައްޔިތުންނާ ހިއްސާކުރެވެން ޖެހޭނެ ކަމަށެވެ.
ހަމައެއާއެކު ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، އިހުމާލުން ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުންތަކަކަކީ، އިހުމާލުވާ ފަރާތްތަކުން ބޮޑު އަދަދުތަކުން ޖުރިމާނާ ދައްކާން ޖެހޭ ސީރިއަސް މައްސަލައެއް ކަމެވެ. އިހުމާލުން ރާއްޖޭގެ ނާޒުކު ފަރުތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާންޖެހޭގޮތަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަނީ ވަރަށް ބޮޑެތި ޖުރިމާނާ ތަކެވެ.
މިގޮތުން، އީޕީއޭއިންވަނީ، މިއަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު ވ. މާގުޅީ ފަރަށް އެރި ބާޖެއް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި، ސަރުކާރުން އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ރިލަޔަންސްގެ ޖިއޯ ކުންފުންޏާ ހަވާލުކޮށްގެން އަޅާ ސަބްމެރިން ކޭބަލްގެ ސާވޭގެ މަސައްކަތް ކުރަމުންދަނިކޮށް ހުޅުމާލޭ ފަރަށް ގެއްލުންވެ، ދެ ލައްކައެއްހާ ރުފިޔާއިން އެކުންފުނި މިއަހަރުގެ މޭމަހު އީޕީއޭއިން ޖޫރިމަނާކޮށްފައި ވެއެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރު ށ. ނޫމަރާ ފަރަށް އެރި ބާޖު 61 މިލިއަނަށްވުރެ ގިނަ ރުފިޔާއިން، ފާއިތުވި އަހަރުގެ ޑިސެމްބަރުމަހު އީޕީއޭއިން ޖުރިމަނާ ކޮށްފައި ވެއެވެ. ކ. ރަސްފަރި ފަރަށް، 2021ވަނަ އަހަރު އެރި "އެމް.ވީ ނެވިއޯސް އެމެރައިލިސް" ބަލްކް ކެރިއާ އާގު ބޯޓު އެ ފަރަށް އުރުނު މައްސަލައިގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 100 މިލިއަން ރުފިޔާއިން އެ ބޯޓުގެ ވެރިފަރާތް އީޕީއޭއިން ޖޫރިމަނާ ކޮށްފައި ވެއެވެ.
މި ހުރިހާ ހާދިސާތަކަށް ބަލާއިރުވެސް، ފާއިތުވެދިޔަ ތަނުގައި ރާއްޖޭގެ ފަރުތަކަށް، އިހުމާލުން ލިބިފައިވާ ގެއްލުންތަކަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އެޗްޕީއޭއިން ބަލާފައިވާކަން، މި މައްސަލަތަކުގައި ކޮށްފައިވާ ޖޫރިމަނާތަކަށް އެކަނި ބަލާލުމުންވެސް ސާފުވާން އެބަ ހުއްޓެވެ.
އެހެންކަމުން މިހާރު ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިހުރީ، ބްރިއަޅަން އައި އިންޑިއާގެ ކުންފުނީގެ އިހުމާލުން، ވިލިމާލޭގެ ނާޒުކު ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ގޮސްފައިވާއިރު، މި ކުންފުނި ޒިންމާދާރު ކުރުވުމަށް އީޕީއޭއިން އަޅާނޭ ފިޔަވަޅުތަކަށެވެ. އަދި ގިނަބަޔަކު ތިބީ މިމައްސަލާގައި، ތިމާވެށިން މެޑަލް ޖަހަމުން އައި ފަރާތްތަކުގެ އަގަ ބަންދުވެފައި ވާފަދައިން، އެޗްޕީއޭގެ ދެއަތް ބަނދެވިގެން ނުދާނޭކަމުން އުންމީގައެވެ.