ޔޫކުރެއިންގެ މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއި ޔޫކުރެއިންގެ ރައީސް ވޮލޮޑޮމިރު ޒެލެންސްކީ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުމުގައި ބޮރިސް ޖޯންސަންވަނީ ޔޫކުރެއިން އިތުރު އަސްކަރީ އެހީތެރިކަން ފޯރުކޮށްދެއްވާނޭކަން ހާމަ ކޮށްފައެވެ.
މިގޮތުން އިނގިރޭސިވިލާތުން ފޯރުކޮށްދޭ %63.5 މިލިއަން ޑޮލަރުގެ އަސްކަރީ އެހީގައި ހިމެނެނީ 2,000 ޑްރޯންގެ އިތުރުން އެގައުމަށް އަރައިގެންފައިވާ ރަޝިއާ ސިފައިންނަށް ހަމަލާ ދިނުމަށް ބޭނުންވާ ހަތިޔާރު ކަމަށް ޖޯންސަންގެ އޮފީހުން ހާމަ ކޮށްފައި ވެއެވެ.
ބޮރިސް ޖޯންސަން މަގާމުން ވަކިވުމަށް ތައްޔާރު ވެފައިވާއިރު، ދެން އަގައުމުގެ ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް ވާދަ ކުރައްވަމުން ގެންދަވާ ދެ ކެނޑިޑޭޓުން ކަމަށްވާ މިހާރުގެ ފޮރިންގ ސެކެޓްރީ ލިޒް ޓްރަސްއާއި ކުރީގެ ފިނޭންސް މިނިސްޓަރ ރިޝީ ސުނަކްވެސް ވަނީ، އިނގިރޭސިވިލާތުން ޔޫކުރެއިންއަށް ފޯރުކޮށްދެމުންދާ އަސްކަރީ އެހީތެރިކަމަށް ހުއްޓުމެއް ނުގެންނަވާނެކަމަށް ވިދާޅުވެފައެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނޭ ބޭފުޅަކު ކަނޑައެޅިގެން ދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.
މި ރޭހުގެ ކުރީގައި ވާދަކުރައްވާ ޓްރަސް ބުދަ ދުވަހު ވިދާޅުވެފައިވަނީ، ބޮޑުވަޒީރަކަށް ވަޑައިގެންނެވިއްޖެނަމަ އޭނާ ވެވަޑައިގަންނަވާނީ ޔޫކުރެއިންގެ އެންމެ ގާތް ރަހުރިމަތްތެރިޔާއަށް ކަމުގައެވެ.
ބޮރިން ޖޯންސަން މިހާރު ކީވްއަށް ކުރައްވާ ދަތުރުފުޅަކީ މީހެ 6 މަސްކުރިން ހަނގުރާމަ ފެށުނުފަހުން އޭނާ ކީވްއަށް ކުރައްވާ 3 ވަނަ ދަތުރުފުޅެވެ. އަދި މިއީ އިނގިރޭސި ބޮޑުވަޒީރުކަމުގައި އޭނާ ޔޫކުރެއިންއަށް ކުރައްވާނެ ފަހު ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ޔޫކުރެއިންވަނީ، ހަނގުރާމައަށް އޭނާ ދެއްވި އެހީތެރިކަން ފާހަގަކޮށް، ޔޫކުރެއިންއިން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެ މަތީ ޝަރަފް އަރުވާފައެވެ.
އެމެރިކާއިންވެސް ވަނީ ޔޫކުރެއިން އިތުރު 3 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދޭނެކަން މިހަފްތާގަ އިއުލާން ކޮށްފައެވެ.