ސިޔާސީ ޗަރުކޭސް ކުޅުމުގައި އެއްވަނަ ލިބެނީ އެމް.ޑީ.ޕީ އަށްކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓިގެ އަންހެނުންގެ ގޮފީގެ ރައީސާ އަދި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. އެކަމަނާމިހެން ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސްގައި ހިގައިދިޔަ ކަންކަމަށް އިޝާރާތްކުރައްވައެވެ.
ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ ވިދާޅުވީ، ސިޔާސީ ޗަރުކޭސް ކުޅުމުގައި އެއްވަނަ ލިބެނީ އެމް.ޑީ.ޕީ އަށްކަމަށާއި، މިއީ ޑްރާމާ ކުޅެންވީ ވަގުތެއް ނޫންކަމަށެވެ. އެކަމަނާ މިހެން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގައި އެޕާޓިގެ އިސް ލީޑަރު ރައީސް ޞާލިޙާއި، އެމްޑީޕީގެ ރައީސް ނަޝީދުއާއި، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލްގެ ފޮޓޯއަކާއެކުއެވެ.
ސިޔާސީ ޗަރުކޭސް ކުޅުމުގައި އެއްވަނަ ލިބެނީ އެމް.ޑީ.ޕީ އަށް.
މިއީ ޑްރާމާ ކުޅެންވީ ވަގުތެއް ނޫން
—
📸 : Mihaaru News pic.twitter.com/k7ZqSw4gLi
— Dunya Maumoon (@dunyamaumoon) August 23, 2022
ދުންޔާ މިހެން ވިދާޅުވިއިރު، އެމްޑީޕީ ކޮންގްރެސް ފެށުނުއިރު، އެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށައެޅުއްވި ބަރުލަމާނީ ގަރާރާއި ގުޅިގެން އޮތީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދި، ޕާޓީ ބައިބައިވެފައެވެ. ރައީސް ޞާލިޙްވެސް ވަނީ ކޮންގްރެސް ފެށުމުގެ ކުރިން އެ ގަރާރު ނެންގެވުމަށް ގޮވާލައްވާފައެވެ.
ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ނިމުނު ކޮންގްރެސްގެ ފަހު ދުވަހު، ރައީސް ނަޝީދު ވަނީ ރައީސް ޞާލިހާއި މަޝްވަރާކުރެއްވުމަށްފަހު ބަރުލަމާނީ ގަރާރު ކުރިއަށް ނުގެންދިއުމަށް ނިންމާފައެވެ. މިއާއެކު ގިނަ ބަޔަކު ބުނަމުން ދިޔައީ މިއީ އެމްޑީޕީން ކުޅުނު ޑްރާމާއެއްކަމަށެވެ.
ކޮމެންޓު ފޮނުވާ