ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު, އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު، ކުރިޔަށް ނުގެންދަންދާން ނިންމާ އެޖެންޑާ ނިންމައިފިއެވެ.
މިއަދު ކުރިޔަށްދާ ކޮންގްރެސްގައި، އެންމެ ފަހު ދަންފަޅީގައި ކުރިޔަށްދިޔަ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހަށް އަހާ ނިމުމާއެކު، ޗެއަރ ޕާސަަން ފުރުސަތު ދެއްވީ ނަޝީދުގެ ގަރާރު ހުށަހެޅުއްވުމަށެވެ.
އެއަށްފަހު ނަޝީދު ގަރާރު ހުށަހެޅުއްވުމަށް ތެދުވެ ވަޑައިގެން ވިދާޅުވީ ބޭނުންފުޅުވަނީ އިތުރަށް މަޝްވަރާ ކުރުމަށް ގަރާރު އޮތްގޮތަށް ކުރިޔަށް ނުގެންގޮސް ބޭއްވުމަށް ކަމަށެވެ. އަދި އެއަށްފަހު ރައީސް ސާލިހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ގަރާރު އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނަޝީދު ނިންމެވުމަކީ މަޝްވަރާކޮށްގެން ހައްލު ހޯދޭންކަމުގެ އުއްމީދު އޮތްކަން ރަމްޒު ކޮށްދޭ ކަމެއް ކަމުގައެވެ.
އެއްފަހު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިއަދު ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ކުރިޔަށް އޮތް ތަނުގައި ހުރި ޚިޔާލުތަފާތުވުންތައް ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަމުގެ އުއްމީދު އޮތްކަމުގައެވެ.
ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޗެއަރޕާރސަންއަށްވެސް އިތުބާރު ކުރައްވާ ކަމަށާއި، ފައްޔާޒުގެ ޒައާމަތުގައި، ހުރި ޚިޔާލުތަފާތުވުންތައް ހައްލު ކުރެއްވޭނެކަމަށް ޔަގީންކަންވެސް އޮތް ކަމުގައެވެ.
އަދި ނަޝީދުވަނީ އެޕާޓީގެ ޗެއަރޕާސަންކަން ކުރެއްވި ހުރިހާ ބޭފުންނަށްވެސް ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވެފައެވެ.
ކޮންގްރެސް ފެށުމުގެ ކުރިން ނަޝީދު ވިދާޅުވެފައިވަނީ ބަރުލަމާނީ ގަރާރަށް ކޮންގްރެސްއިން ތާއީދު ނުކުރައްވާނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީއާއެކު ނުނިކުންނަވާނޭކަމަށް ވިދާޅުވެފައެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވިއްޖެނަމަ އެމްޑީޕިއަށް ވެރިކަމަށް ނާދެވޭނެކަމަށްވެސް ނަޝީދު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ