ކުރީ ސަރުކާރުން ތައުލީމީ ދާއިރާއަށް ހިންގި މަޝްރޫއުތަކަށްވުރެ މި ސަރުކާރުން ހިންގި މަޝްތޫއުތައް އެތައް ގުނައެއް އިތުރު ކަމަށް އެޑިޔުކޭޝަން މިނިސްޓަރު އައިޝަރު އަލީ ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިއްސާވާ މައި ޕާޓީ، އެމްޑީޕީ އިން މިހާރު ކުރިއަށް ގެންދާ އެޕާޓީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ތައުލީމީ ދާއިރާއަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލުތަކާއި ކުރިއެރުންތައް އެޑިޔުކޭޝަން މިނިސްޓަރު ވަނީ ހިއްސާކުރައްވާފަ އެވެ.
މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ކުރިއަށް ގެންދިޔައީ 135 ކްލާސްރޫމުގެ މަސައްކަތާއި 15 މަލްޓިޕާޕަސްހޯލުގެ މަސައްކަތް ކަމަށެވެ. އަދި އެހެނިހެން މަޝްރޫއުތަކުގެ ތެރޭގައި ނިންމާލީ 64 މަޝްރޫއެއްގެ މަސައްކަތް ކަމަށެވެ. އަދި މިއީ ތައުލީމީ ދާއިރާއަށް އެންމެ ގިނަ މަޝްރޫއުތައް ހިންގި ސަރުކާރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކުރީ ސަރުކާރުގެ މަޝްރޫއުތައް:
މަސައްކަތް ފުރިހަމަ ކޮށްފައި ވަނީ 135 ކްލާސްރުމު
މިދިޔަ ދައުރުގައި އެޅުނީ 15 މަލްޓިޕާޕޯޒް ހޯލު
2014 އިން 2018 އަށް ކުރިއަށް ގެންދިޔަ އެހެނިހެން މަޝްރޫއުގެ ތެރޭގައި ހިމެނެނީ 64 މަޝްރޫއުއެއް
މި ސަރުކާރުން މިހާތަނަށް ހިންގާ މަޝްރޫއުތައް:
މި ސަރުކާރުން މި ވީ ހަތަރު އަހަރުގެ ތެރޭގައި 1،288 ކްލާސްރޫމުގެ މަސައްކަތް ކުރިއަށްދޭ
މި ސަރުކާރުން 81 މަލްޓިޕާޕޯޒް ހޯލުގެ މަސައްކަތް ކުރިއަށްދޭ
މި ސަރުކާރުން މިހާތަނަށް ދަނީ 338 މަޝްރޫއު ކުރިއަށް ގެންދަމުން
މިނިސްޓަރު ވިދާޅުވީ ވަށާ ޖެހޭ ތައުލީމުގެ ސިޔާސަތުގެ ދަށުން ސްކޫލުގައި ކިޔަވާ ވަގުތުގެ އިތުރުން ދަރިވަރުންނަށް ޖިސްމާނީ، އިޖުތިމާއީ އަދި ޖަޒުބާތީ ތަރައްގީ ގެނެވޭނީ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކޮށްގެން ކަމަށެވެ. އެގޮތުން ރާއްޖޭގައި ހުރި 216 ސަރުކާރު ސްކޫލުގެ ތެރެއިން 155 ސްކޫލު އެއްދަންފަޅިއަށް ކިޔަވައިދޭ ކަމަށް ފާހަގަކުރައްވާފައިވެއެވެ.
މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޢަލީ ވާހަކަފުޅު ދެއްކެވުން.
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ކުރިއަށްދަނީ pic.twitter.com/7yQBbAX2dQ
— MDP Secretariat (@MDPSecretariat) August 20, 2022
އައިޝަތު އަލީ އިތުރަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ބާކީނުކޮށް އެކުދިންނަށް އިތުރު ހުނަރުތަކާއެކީ ތައުލީމީ ނިޒާމު ބައްޓަންކޮށްފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ޑިޕާޓްމެންޓެއް ވެސް ގާއިމްކޮށްފައިވާ ކަމުގައި ވިދާޅުވި އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްކްރީން ރީޑިން ސޮފްޓްވެއާއެއް ގާއިމްކޮށް ހަބް ސްކޫލްތަކެއް ވެސް ހުޅުވައިފައިވާ ކަމަށް ފާހަގަކުރެއްވި އެވެ. އަދި އެފަދަ ކުދިންނަށް "ފަންނު ވެށި" ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމްގެ ދަށުން ފެހުމާއި ކެއްކުމާއި އާންމު ދިރިއުޅުމުގައި ކުރެވޭނެ އެކި ހުނަރުތައް ދަސްކޮށްދޭ ކަމަށް ވިދާޅުވިއެވެ.
ކުދި ރަަށްރަށުގައި ތިބޭ މަދު ކުދިން އެއް ރަށުން އަނެއް ރަށަށް ތައުލީމު ހާސިލް ކުރުމަށް ކަނޑު ހުރަސްކުރަން ޖެހޭ މައްސަލައަށް ވެސް މި ސަރުކާރުން ނިމުމެއް ގެނެސް "ސެޓްލައިޓު ސްކޫލު" އެ ރަށްރަށުގައި ގާއިމް ކޮށްދީފައިވެއެވެ. އެކަމަށް އަލި އަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ "އަމިއްލަ ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ތައުލީމެއް މިހާރު ވަނީ ގާއިމް ކޮށްދީފައި. ސެޓްލައިޓް ނިޒާމު މެދުވެރިކޮށް ކިޔެވުން ވަނީ ފަހިކޮށްދީފައި،" ކަމަށެވެ.
ކޮމެންޓު ފޮނުވާ