އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު ކުރީގެ ރައީސް ޔާމީނާއި މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ރަމްޒީ ރިޔާސީ ޓިކެޓެއް އަރުވައިފިއެވެ.
ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ހަވާލުކުރީ މުޅި ރާއްޖެ ތަމްސީލްވާ ގޮތަށް ކޮންމެ ރަށަކުން ބޭފުޅެއްގެ ބައިވެރިވުމާއި އެކު ޕާޓީގެ ލީޑަޝިޕް ހިމެނޭ ގޮތަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގައެވެ.
"ހަވާލޭ ވަތަން"ގެ ނަމުގައި މިޖަލްސާ ކުރިއަށްދާއިރު މުޅި އެ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. އެގޮތުން ކުލަބޮތްކާ ފިޔާތޮށި ފޮތިން ޒީނަތްތެރި ކޮށްފައިވާ މިޖަލްސާގައި ބައިވެރިވުމަށް އަތޮޅުތެރެއިން ގިނަ އަދަދެއްގެ ޕީޕީއެމް މެންބަރުން ވަނީ އިއްޔެއާއި މިއަދު މާލެއަަށް އައިސްފައެވެ.
ޔާމީނަށް ސެނެޓުން ރިޔާސީ ޓިކެޓު ދިނުމަށް ނިންމުމުން އެމަނިކުފާނު ވަނީ އެކަން ގަބޫލު ކުރައްވައި، "ހަވާލުކުރެއްވި ބުރަ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނަވާނެ ކަމަށް" ވިދާޅުވެފައެވެ.
ރައީސް ޔާމީނާ އިދިކޮޅުގެ ރިޔާސީ ޓިކެޓު މިރޭ ހަވާލު ކުރި ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެއްވޭނެކަން ޔަގީނެއް ނޫނެވެ. އެއީ ވެރިކަމުގައި ހުންނެވިއިރު ހިންގެވި ކަމަށް ބުނާ ކޮރަޕްޝަންތަކުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކޯޓުގައި ކުރާ ދައުވާތަކެއް ކުރިއަށްދާތީއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވާއިރު އެމަނިކުފާނުގެ މައްޗަށް ކުރީން އޮތް ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން އިންތިހާބުގައި ވާދަކުރުމަށް އޮތް ހުރަސް ވަނީ ނެތިގެން ގޮސްފަ އެެވެ. ނަމަވެސް އަދިވެސް ދަށު ކޯޓްގައި އެމަނިކުފާނުގެ މައްޗަށް ދެ މައްސަލައެއްގެ ޝަރީއަތް އެބަ ހިނގައެވެ. އެއިން ދައުވާއެއް ސާބިތުވެއްޖެނަމަ އިންތިހާބުގައި ވާދަ ކުރުމުގެ ފުުރުސަތު ގެއްލޭނެ އެވެ. ނަމަވެސް އިދިކޮޅު ދެ ޕާޓީގެ ވެރީން ވަނީ ރައީސް ޔާމީނަށް ރިޔާސީ ރޭހުން ދެން ފުރުސަތު ގެއްލުވާ ނުލެވޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ