ސޮނީ ޓީވީގެ އެންމެ ކާމިޔާބު އެއް ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް"ގެ 13 ވަނަ ސީޒަން ދައްކަން ފަށަން ތައްޔާރުވެ، ޝޯގެ ޖަޖުންގެ ޕެނަލުން ފެނިގެންދާނީ ކުރީގެ ޖަޖުން ކަަމަށް ރިޕޯޓްތައް ބުނެފިއެވެ.
ނިމިގެން ދިޔަ 12 ވަނަ ސީޒަންވެސް ހިޓްވެފައިވާ މި ޝޯގެ އާ ސިޒަންގެ ޕްރޮމޯތައް މިހާރު އަންނަނީ ދައްކަމުންނެވެ. ޝޯ ފަށާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. އެކަމަކު އެ ޝޯ ފަށާނީ "ސުޕަސްޓާ ސިންގާ 2″ ނިންމާލުމަށް ފަހުގައި ކަމަށް ބެލެވެއެވެ.
މިދިޔަ ސީޒަންގައި ޖަޖުންގެ ގޮތުގައި ތިބީ އަނޫ މާލިކް އާއި ނޭހާ ކައްކަރު އަދި ހިމޭޝް ރޭޝަމިޔާއެވެ. ނޭހާގެ ބަދަލުގައި ދުވަސްކޮޅަކު ސޯނޫ ކައްކަރު ވެސް ފެނިގެން ދިޔައެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ސީޒަންގެ ޖަޖުންގެ ޕެނަލުން ފެންނަ ތިން ޖަޖުންނަކީ ހިމޭޝް ރޭޝަމިއާ އާއި ނޭހާ ކައްކަރްގެ އިތުރުން ވިޝާލް ދަދްލާނީއެވެ. މިއީ އެންމެ ފަހުގެ ދެތިން ސީޒަނުން ވެސް ފެނުނު ޖަޖުންނެވެ. ހިމޭޝަކީ ސޮނީން މިހާރު ދައްކާ "ސުޕަސްޓާ ސިންގާ 2″ގެ ވެސް ޖަޖެކެވެ.
"އިންޑިއަން އައިޑަލް 13″ ގެ ޖަޖުންގެ ޕެނެލާ ވެސް ނޭހާ ގުޅޭ އިރު، އޭނަ އަކީ މި ޝޯގެ 10 ވަނަ ސީޒަނުން ފެށިގެން ފެންނަމުން އަންނަ ހަމައެކަނި އަންހެން ޖަޖެވެ.
"އިންޑިއަން އައިޑަލް" ގެނެސްދޭން ފެށީ 2004 ވަނަ އަހަރުއެވެ. މިދިޔަ އަހަރުގެ އޮގަސްޓް 15 ގައި ނިންމާލި "އިންޑިއަން އައިޑޮލް 12″ ކާމިޔާބުކުރީ ޕަވަންދީޕް ރަޖަން އެވެ.
އާ ސީޒަން ވެސް ހޯސްޓްކުރާނީ ސީޒަން 12 ވެސް ހޯސްޓްކުރި އަދިތިޔާ ނާރަޔަން އެވެ. އޭނަ އަކީ "ސުޕަސްޓާ ސިންގާ 2″ ގެ ވެސް ހޯސްޓެވެ.