މީޑިއާގައި ގިނައިން ހުރީ ދޮގު ވާހަކަތަކެއް: ރޮނާލްޑޯ

މީޑިއާގައި ގިނައިން ހުރީ ދޮގު ވާހަކަތަކެއް: ރޮނާލްޑޯ

Author
މުޙައްމަދު ޝަޒައިމް
18 އޮގަސްޓް 2022 02:43
0

މީޑިއާތަކުން އޭނާއާ ބެހޭ ގޮތުން ހަދަނީ ދޮގު ކަމަށް ބުނެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރުޅި ގަދަވެއްޖެއެވެ.

ޔުނައިޓެޑުން މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަނުކުރާތީ އާއި އެ ކްލަބް މި ވަގުތު އޮތީ ހުރިހާ މުބާރާތަކަށް ވާދަކުރެވޭ ހާލަތެއްގައި ނޫން ކަމަށް ފެންނާތީ ރޮނާލްޑޯ ވަނީ އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް މެެދުވެރިކޮށް، އެ ޓީމުގެ ސީނިއާ މެނޭޖްމަންޓަށް ކްލަބް ދޫކޮށްލަން ބޭނުންވާކަން އަންގައިފައެވެ.

މިދިޔަ ސީޒަން ފެއްޓުމުގެ ކުރިން ޔުނައިޓެޑަށް ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ރޮނާލްޑޯގެ ކްލަބް ދޫކޮށްލަން ކުރި މަސައްކަތް ކާމިޔާބުނުވެ ކަންކަން ދިގުލައިދާތީވެ، އޭނާ އެންމެ ފަހުން ޔުނައިޓެޑްގެ ޕްރީ ސީޒަނުގައި ބައިވެރިވީ އެ ކްލަބްގެ އޭޝިއާ އާއި އޮސްޓްރޭލިއާ ޓުއާ ނިމުނު ފަހުންނެވެ.

ރޮނާލްޑޯއާ ބެހޭގޮތުން މީޑިއާތަކުން އެކި ވާހަކަ ދައްކަން ފެށީ މި ޓްރާންސްފާގައި ޔުނައިޓެޑު ދޫކޮށް އެހެން ކްލަބަކަށް އޭނާ ބަދަލުވާން އުޅޭ ކަމަށް ބުނެއެވެ. އަދި ބައެއް ރިޕޯޓްތައް ބުނާގޮތުން އޭނާ ގެންނަން އެއްވެސް ކްލަބަކުން ބޭނުމެއް ނުވިއެވެ.

ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލަން ބޭނުމެއް ނުވެއެވެ. މިގޮތުން އެންމެ ފަހުވަގުތު ރޮނާލްޑޯ ވަނީ ޔުނައިޓެޑާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވަންދެން ކްލަބުގައި މަޑުކުރަން ނިންމާފައިވާ ކަމަށެވެ.

ރޮނާލްޑޯ ބުނީ މީޑިއާގައި ގިނައިން ރިޕޯޓްކޮށްފައި ހުރީ ދޮގު ވާހަކަތަކެއް ކަމަށާއި ވަރަށް އަވަހަށް އޭގެ ހަގީގަތް ވެސް ހާމަވެގެންދާނެ ކަމަށެވެ.

ފާއިތުވި މަސްތަކުގައި މީޑިއާތަކުން އަހަންނާ ބެހޭގޮތުން ރިޕޯޓްކުރި 100 ވަރަކަށް ހަބަރު އަހަރެންގެ ނޯޓު ފޮތެއްގައި ހުންނާނެ. އޭގެއިން އެންމެ ފަސް ހަބަރު ތެދަކަށް ވާނީ. ދެން ވިސްނާލާ ބާކީ ހުންނާނެ ގޮތް. ވަރަށް އަވަހަށް ހަގީގަތް އެނގޭނެ.

– ރޮނާލްޑޯ ބުންޏެވެ.

ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބްތަކުން މި ފަހަރު ރޮނާލްޑޯ ގަންނަން ބޭނުންނުވާ ކަމަށް ވަނީ މީޑިއާގައި ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.