ވިލިމާލެ ބުރިޖް އެޅުމަށް އިންޑިއާގެ އެފްކޮން ކުންފުނިން މަސައްކަތް ކުރުމަށް އަޅާފައިވާ ޕްލެޓް ފޯމު، ނަގިލި ކަނޑައިގެން ގޮސް ވިލިމާލޭ ފަރަށް އަރައިފިއެވެ.
ފުލުހުން ހާމަ ކޮށްފައިވަނީ، މި ޕްލެޓްފޯމު ފަރަށް އަރާފައިވާކަމަށް މިއަދު މެންދުރުފަހު ވިިލިމާލެ ފުލުހުންނަށް ރިޕޯޓު ކުރުމާއެކު ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި 3 މީހަކަށް އަނިޔާވެގެން ދަނީ ފަރުވާ ދެމުންނެވެ.
ވިލިމާލެ ބްރިޖް އެޅުމަށް ބޭނުން ކުރަމުންދިޔަ ޕްލެޓްފޯމު މިއަދު ފަރަށް އަރާފައި ވާއިރު، ބްރިޖްގެ މަސައްކަތަށް، ވިލިމާލެ ކަނޑިއޮޅި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ ބަންދު ކޮށްފައެވެ.
ޓްރާންޕޯޓު މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ، ތިލަފުށި ލިންކްގެ މަޝްރޫޢުގެ މަސައްކަތް މިހާރު ފެށިގެން ކުރިޔަށްދާތީ، ވިލިމާލެއާއި މާލެއާއި ގުޅިވައިދޭ ބްރިޖްގެ މަސައްކަތް މިހާރު ފެށުމަށް ތައްޔާރު ވެފައިވާ ކަމުގައެވެ.
މި ކަނޑުއޮޅި ބަންދު ކުރިކަން ހާމަކޮށް ޓްރާންސްޕޯޓު މިނިސްޓްރީ ކުރި އިއުލާންގައި ވިދާޅުވެފައިވަނީ މި ކަނޑު އޮޅި ބަންދު ކުރެވިފައިވާތީ، ގާދޫކޮލު ހުރަސްކޮށް ދަތުރުކުރާ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ދަތުރު ކުރުމަށް ލުއިފަސޭހަ ކުރުމުގެ ގޮތުން، ސިނަމާލެ ބުރިޖު ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު ހުޅުވާލެވިފައި ވާކަމުގައެވެ.
ތިލަމާލެ ބުރިޖްގެ ބިޔަ މަޝްރޫޢަށް އެފްކޮންސް ކުންފުންޏާއެކު އެއްބަސްވެފައި ވަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށެވެ. މީގެތެރޭގައި ބްރިޖް އަދި ލިންކިން ރޯޑްތައް ހިމެނެއެވެ. ޕްލޭނިން މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި އެފްކޮންސް ކުންފުންޏާ ހަވާލުކޮށްފައިވަނީ އަންނަ އަހަރު ނިމޭއިރު، ގުޅީފަޅާއި ހަމައަށް އަޅަންޖެހޭ ބްރިޖް ކަނެކްޓިވީޓީގެ މަސައްކަތްތައް ނިންމަންޖެހޭ ގޮތަށްކަމަށެވެ. އަދި 2024 ވަނަ އަހަރުގެ މޭމަހަށް މުޅި ބްރިޖްގެ ހުރިހާ މަސައްކަތްތައް ނިންމާގޮތަށްކަމަށެވެ.
އިންޑިއާގެ އެފްކޮންސްއިން ހާމަ ކޮށްފައިވާ ގޮތުގައި، މި އޮގަސްޓުމަހު ބިންގާ އެޅިގެންދިޔަ ތިލަމާލެ ބުރިޖްގެ މާލެއާއި ކައިރީގައި އޮތް ވިލިގިލި ގުޅުވާލާ ސެގްމެޓް އަންނަ އަހަރުގެ ޖުލައި 23 އަށް ނިންމައި، މާލެ އާއި ވިލިމާލެއާ ދެމެދުގައި އާންމު ދަތުރުތައް ކުރަން އަންނަ އަހަރު އޮގަސްޓް 15 ގައި ފެށިގެން ދާނެއެވެ.
ތިލަމާލެ ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ތިލަމާލެ ބްރިޖް ޕްލެޓްފޯމު މިއަދު ފަރަށް އަރާފައިވާއިރު، ފަރަށް އުޅަދު ތަކުގެ ސަބަބުން ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުންތަކަކީ ބޮޑެތި ޖޫރިމާނާތައް ކުރެވޭ ކަމެވެ. މި ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅޭގޮތުން އީޕީއޭއިން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ