ލަދުވެތި ގޮތަކަށް ބަލިވެ ޔުނައިޓެޑް ލީގުގެ ފުލަށް

ލަދުވެތި ގޮތަކަށް ބަލިވެ ޔުނައިޓެޑް ލީގުގެ ފުލަށް

Author
މުޙައްމަދު ޝަޒައިމް
14 އޮގަސްޓް 2022 12:20
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ންޗެސްޓާ ޔުނައިޓެޑް ދެ ވަނަ މެޗުން ވެސް ބަލިވެ، ލީގުގެ އެންމެ ފުލަށް ވެއްޓިއްޖެއެވެ.

ބްރެންޓްފަޑުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ބްރެންޓްފަޑުން ހަތަރު ލަނޑު ޖަހާފައިވަނީ މެޗުގެ ފަށައިގެން 35 މިނެޓުގެ ތެރޭގައެވެ.

އެގޮތުން މި މެޗުގައި ބްރޭންޓްފަޑުން ލީޑު ނެގީ މެޗުގެ 10 ވަނަ މިނެޓުގައި ޖޯޝް ޑެސިލްވާ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ އަށް މިނެޓު ފަހުން މެތިއަސް ޔެންސެން ވަނީ ލަނޑެއް ޖަހައި، ބްރެންޓްފަޑުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ބްރެންޓްފަޑުގެ ތިންވަނަ ލަނޑު މެޗުގެ 30 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެ ޓީމާ އަލަށް ގުލުނު ބެން މީއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ބްރަޔަން އެމްބެއުމޯ ވަނީ ބްރެންޓް ފަޑުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.

މި މޮޅާއެކު ބްރެންޓްފަޑް ވަނީ ކުޅުނު ދެ މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މި ނާކާމިޔާބީއާއެކު ޔުނައިޓެޑް ވަނީ އެ ޓީމު އެންމެފަހުން ރަށުން ބޭރުގައި ކުޅުނު ހަތް މެޗުން ބަލިވެފައެވެ. މިއީ އެ ޓީމުގެ ތާރީޚުގައި 1936 ވަނަ އަހަރަށް ފަހު މިގޮތަށް ހަތް މެޗުން ރަށުން ބޭރުގައި ބަލިވި ފުރަތަމަ ފަހަރެވެ.

އަދި ޔުނައިޓެޑުގެ އައު ކޯޗު އެރިކް ޓެން ހާގުގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އެއާއެކު ޔުނައިޓެޑް މި ވަގުތު އޮތީ ކުޅުނު ދެ މެޗުންވެސް ބަލިވެ ތާވަލުގެ އެންމެ ފުލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.