އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުގެ ރަނިންމޭޓަކަށް ފާތުމަތު ޝީރީން ހަމަޖައްސަވައިފިއެވެ.
ފުވައްމުލަކު ސިޓީގައި ބޭއްވި ޑީއާރްޕީ ކައުންސިލްގެ ހާއްސަ ބައްދަލުވުމެއްގައި ވަނީ ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓަކީ ޖާބިރު ކަމަށް ކަނޑައަޅާފައެވެ. އޭނާ ވަނީ އެކަން ގަބޫލުކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު ރަނިން މޭޓެއްގެ ގޮތުގައި އިހްތިޔާރު ކުރާނީ އަންހެންބޭފުޅެއް ކަމަށް މީގެ ކުރިން ޖާބިރު ވަނީ ވިދާޅުވެފައެވެ. ރަނިންގމޭޓަކަށް ކަނޑައަޅުއްވާފައިވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މަސައްކަތްކުރައްވާ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ކުރިން ރައްޔިތުންގެ މަޖިލީހުގެ ގއ އަތޮޅުގެ މެމްބަރުކަންވެސް ގިނަ ދުވަސްތަކެއްވަންދެން ކުރައްވާފައިވާ މ.ސެރީން ފާތުމަތު ޝީރީން ކަމަށެވެ.
ޑީއާރްޕީގެ ކެބިނެޓްވެސް ޖާބިރު މިހާރު ވަނީ އެކުލަވާލާފައެވެ. އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ކަންކަން ހަމަ މަގުން ކުރިޔަށްދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވާނީ އޭނާ ކަމަށެވެ.
ޖާބިރުގެ ކެބިނެޓްގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނަކީ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއަށް ޝިހާމް، ފޮރިން މިނިސްޓަރަކަށް ދިޔާނާ، ބަންޑާރަ ނައިބަކަށް އިޝްރާގް ތައުފީގު، ހޯމް މިނިސްޓަރަކަށް މުހައްމަދު ޖާބިރު، ޑިފެންސް މިނިސްޓަރަކަށް އައިމިނަތު ޖާބިރު، ކެބިނެޓް ސެކެޓްރީއަކަށް އައްޒާމް، އިސްލާމިކް މިނިސްޓަރަކަށް އަފީފް، ޖެންޑަރ މިނިސްޓަރަކަށް ރިސާލަތު، ޕްލޭނިންގ އަދި ހައުސިން މިނިސްޓަރަކަށް ރިޝްފާ، ފިޝަރީޒް މިނިސްޓަރަކަށް އެންސިސް ވަސީމް، އެޑިއުކޭޝަން މިނިސްޓަރަކަށް މަސްއޮޑި ނައީމް އަދި ޓްރާންސްޕޯޓް ސިވިލް އޭވިއޭޝަން އެންޑް ހެރިޓޭޖް މިނިސްޓަރަކަށް މުއާޒް ޖާބިރު އައްޔަން ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ