އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އެލެކްސް ޓެލޭސް، ލޯނު އެއްބަސްވުމެއްގެ ދަށުން ސެވިއްޔާއަށް ސޮއިކޮށްފިއެވެ.
މަޢުލޫމާތުލިބިފައިވާގޮތުގައި ޓެލޭސް ސެވިއްޔާއަށް ބަދަލުވީ އެއް އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ބްރެޒިލްގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ޓެލޭސް ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރު 15 މިލިއަން ޔޫރޯގެ އަގަކަށް އެފްސީ ޕޯޓޯއިންނެވެ. ޔުނައިޓެޑްގެ އާ ކޯޗް އެރިކް ޓެން ހާގްގެ ޕްލޭންގައި ޓެލޭސްއަށް ޖާގައެއް ނެތްކަމަށް ހަބަރު ލިބެއެވެ.
އޭނާ ޕްރީސީޒަންގައި ބޮޑަށް ކޫޅެފައިވަނީ ސެންޓްރަލް ޑިފެންސްގެ މަގާމަށެވެ. އޭނާ އާންމުކޮށް ކުޅޭ ވައަތު ބެކްގެ މަގާމަށް ފެޔެނޫޑްއިން ޓައިރެލް މަލާސިއާ އައުމާއެކު ވަނީ އެޖާގަ ގެންލިގެން ގޮސްފައެވެ. އަދި އަޔެކްސްއިން ލިސާންޑްރޯ މާޓިނޭޒް އައުމާއެކު އޭނާ ކުޅެމުންދިޔަ ސެންޓްރަލް ޑިފެންސްގެ ދައުރުވެސް ވަނީ ގެއްލިގެން ގޮސްފައެވެ. ވޯލްޑް ކަޕް އަހަރެއްގައި ބެންޗްގައިއިނުމަށްވުރެ ފުރަތަމަ އެގާރައިން ޖާގަލިބޭ ޓީމަކަށް ޓެލޭސް ބަދަލުވުމުން އޭނާއަށް ފައިދާ ކުރާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އަދި 14 މަސް ދުވަހުގެ މެދު ކެނޑުމަކަށްފަހު މިއަހަރުގެ ޖެނުއަރީ މަހު އަލުން ބްރެޒިލްގެ ޤައުމީ ޓީމުން ޖާގަ ލިބެން ފަށާފައިވުމުން ސެވިއްޔާގެ މިބަދަލަކީ ރަނގަޅު ބަދަލަކަށް ވެގެންދާނެކަމަށް އޭނާވެސް ގަބޫލް ކުރެއެވެ.