އެއްވެސް މީހަކީ އެކަކު އަނެކެއްގެ ދަށުވެގެން އުޅެން ބޭނުންވާ މީހެއް ނޫނެވެ. ނަމަވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންގެ ތެރެއިން އެކަކު އަނެކާ ކޮންޓްރޯލް ކުރަންފަށާ ހިސާބަކީ ގިނަ ފަހަރަށް އެ ގުޅުމުގައި ސިއްކަ ޖެހޭ ހިސާބެވެ.
ކޮންމެ މީހަކީވެސް އެމީހެއްގެ ޒާތުގައި އަމިއްލަ މިނިވަން ކަމާއި އަމިއްލަ ވަންތަކަން ބޭނުން ވާނެމީހެކެވެ. އަދި އަމިއްލަ ގޮތަކަކަށް ދިރިއުޅުން ރާވަފައިވާ މީހެކެވެ.
ނަމަވެސް ލޯބިވެރިޔާ ތިބާ ކޮންޓްރޯލް ކުރަނީ ކަމުގައި ވަނީނަމަ ގުޅުން ގިނަ ދުވަހަށް ދެމި އޮތުމަކީ ވާނެ ކަމެއް ނުނެވެ. ތިބާ ދިރިއުޅެންވީ ގޮތް އަނެކާ ކިޔައިދީ އެގޮތަށް އުޅެން ވެއްޖެ ނަމަ އެމީހަކީ ބުދެކޭ ތަފާތެއް ކޮބައިހެއްޔެވެ؟
މި ކިޔައިދެނީ ބައިވެރިޔާ ތިބާ ކޮންޓޯލް ކުރާނެ ނަމަ ފެންނާނެ 4 އަލާމާތެކެވެ.
އަބަދުވެސް ކައިރީގައި ހުންނަން ބޭނުން ވުން
މިއީ ކޮންމެހެން ތިބާ އާއި ނުލާ ނޫޅެވިގެން ނުވަތަ މާ ވަރުގަދަ ލޮތްބެއް ވާތީ ބުނާ ވާހަކައެއް ނޫނެވެ. އެއީ ތިބާއަށް ފާރަލުމުގެ ގޮތުން ބުނާ ވާހަކައެވެ. އަބަދުވެސް ކައިރީ ހުންނަން ބޭނުން ވުމާއި ދުރުގައި ނުހުރެވޭ ވާހަކަތަކަކީ ތިބާ ކޮންޓްރޯލް ކުރުމުގެ ގޮތުން ދައްކާ ވާހަކަ ތަކެވެ. މިފަދަ ވާހަކަ ތަކަށް ނުހެއްލޭށެވެ.
ލޯބިވާކަމަށް ހެދިގެން އުޅުން
މާ ލޯބިވާކަމަށް ހެދި އެވާހަކަ އިރުއިރު ކޮޅާދެއްކުމަކީ ވެސް ތިބާ ކޮންޓްރޯލް ކުރުމަށް އުކުޅެކެވެ. މިފަދަ ވާހަކަ ތަކުގެ ޖާދޫގައި ނުޖެހޭށެވެ. އެފަދަ މީހުންނަކި ތިބާ ޔޫސް ކުރާ މީހުންނެވެ. އަދި އެމީހުން ބޭނުންވާ ކަންކަން ހާސިލް ކުރުމަށް ތިބާ ޔޫސް ކުރާނެ މީހުންނެވެ. ލޯބިވާ މީހުން އެމީހުންގެ އަމަލު ތަކާއި ވާހަކަތަކުން އެކަން ދައްކާނެއެވެ.
ދެމެދުގައި ކަޑައްތު ނުކުރެވޭ ލައިންއެއް ބޭންދުން
ދެމެދުގައި ބައުޑްރީއެއް ނުވަތަ ހުރަސް ނުކުރެވޭނެ ލައިނެއް ބޭންދުމަކީ އެފަދަ މީހުންނަށް އެއްވެސް ވަރަކަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫނެވެ. މިފަދަ މީހުންނަކީ އަނެކާ އަކީ އެއްވެސް މީހެއް ނޫން ކަމަށް ދެކޭ މިހުނެވެ. އަދި ތިބާގެ ހުރިހާ ކަމަކަށް ބާރުފޯރުވޭ ކަމަށް ދައުވާ ކުރާ މީހުންވެސް މެއެވެ.
އަބަދުވެސް ފާޑުކިޔާނެ
މިފަދަ މިހުން ތިބާ ކުރާ ހުރިހާ ކަމަކަށް ފާޑު ކިޔާނެއެވެ. އެމީހުން ކޮމެންޓެއް ނުކުރާ ކަމެއް ތިބާ އަކަށް ނުކުރެވޭނެއެވެ. އެއީ ކިތަންމެ ރަނގަޅަށް ކުރި ކަމަކަށް ވިޔަސް ކޮންމެސް ފާޑެއް ކިއުމަކީ މިފަދަ މީހުންގެ ކަށީގައި ހަރުލާފައި ހުންނަނަ ކަމެކެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭ އިރުގައި މިކަންކަމަކީ އަންހެން މީހާގެ ފަރާތުން ބައެއް ފަހަރު އަދި ފިރިހެން މީހާގެ ފަރާތުން ބައެއް ފަހަރު ދިމާވާ ކަމެކެވެ. ނަމަވެސް ގުޅުމެއް ކުރިއަށް ގެންދިއުމަށް އެގުޅުމަކީ ދެމީހުން އެއްވަރަކަށް ހިއްސާވާ ދެމީހުންވެސް އެކަކު އަނެކަކަށް ރަނގަޅާއި ނުބައި ކިޔަދޭ ގުޅުމަކަށް ވުން މުހިންމެވެ. އެހެނެއް ކަމަކު ތިބާގެ ދިރިއުޅުން ބައިވެރިޔާގެ ކޮންޓްރޯލަށް ދޫކޮށްލުމަކީ އުފަލާއި ހިތްހަމަ ޖެހުމުން މަހުރޫމްވެދާނެ ގޮތެކެވެ.