ރާއްޖޭގެ ފަތުވާދޭ މަޖުލިހުގެ ބާރު އޮތީ ކަނޑުވާލާފަ: ނާޒިމް

ރާއްޖޭގެ ފަތުވާދޭ މަޖުލިހުގެ ބާރު އޮތީ ކަނޑުވާލާފަ: ނާޒިމް

Author
ހުސެއިން
27 ޖުލައި 2022 07:32
0

ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތްއޮތުން ނިމުމަކަށް އަންނަން ޖެހޭ ކަމަށާއި، ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުން ނިމުމަކަށް ގެންނަން ޖެހޭ ކަމުގައި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަދި އެމްއެމްޕީގެ ލީޑަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅު ވެއްޖެއެވެ.

ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިސްލާމީ ފަތުވާދޭ މަޖިލިހުގެ ބާރުކަނޑުވާލާ، ސިޔާސީ މީހުން ދީނީ ފަތުވާ ދެމުން ދިއުމުގެ ބަދަލުގައި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

ނާޒިމް މިހެން ވިދާޅުވެފައިވަނީ، މިއަހަރުގެ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ބޭއްވީ އިވެންޓަށްފަހު، ޔޯގާގެ ސައްޙަކަމާއި ގުޅޭގިތުން އުލްމުވެރިންނާ އަދި އެނޫން ބައެއް ފަރާތްތަކާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަށް ހައްލު ނުލިބި، ބޮޑެތި ދެބަސްވުންތަކެއް އުފެދިގެން ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

ޔޯގާގެ ސައްހަ ކަމާއި ގުޅެގޮތުން މުޖުތަމަޢުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައި ވާއިރު، ރާއްޖޭގެ އޮންނަ އިސްލާމީ ފަތުވާދޭ މަޖިލީހުން މިހާތަނަށް އެއްވެސް އެެޗެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ފަތުވާ މަޖިލިސް ފުރިހަމަށް އެކުލަލާގައި އެމަޖިލިސް ހަރަކާތްތެރި ވާކަމުގައި މައުލޫމާތެއްވެސް ލިބިފައެއް ނުވައެވެ.

ޔޯގާ ހަރަކާތުގެ ސައްޙަކަމާއި ގުޅޭގޮތުން ގިނަ ބައެއްގެ ޚިޔާލުތަފާތު ވެފައިވަނީ މިއަހަރުގެ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ރޭވި ބޮޑު އިވެންޓަށް ދީނީ ގިނަ އިލްމްވެރިން ދެކޮޅު ހަދަން ފެށި ހިސާބުންނެވެ. އަދި ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ އިވެންޓު ހުއްޓުވަން، ދީނީ ބައެއް އިލްމުވެރިން އިސްވެ ހިންގި ހަރަކާތައްފަހު ސަރުކާރުންވަނީ ޚާއްސަ ތަހުގީގެއް ފައްޓަވާ، ދީނީ އިލްމުވެރިން ހައްޔަރުވެސް ކޮށްފައެވެ.

ޔޯގާއަކީ ހަރާމްކަމެއްތޯ ނުވަތަ ހަލާލް ކަމެއްތޯ ކުރެވޭ ބަހުސްގައި މިހާތަނަށް އެންމެ ތަފްސީލީ ގޮތެއްގައި ރައުޔެއް ނެރުއްވާފައިވަނީ އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ ފަރާތުންނެވެ.

މިހަފްތާގެ އާދިއްތަ ދުވަހު އެޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުންނެރުއްވި ރައުޔުގައި ވިދާޅުވެފައިވަނީ ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުކޮށް އެނގޭކަމަށާއި، ޖުުމްހޫރު އިލްމުވެރިންގެ ރައުޔަކީ ޔޯގާ ހެދުމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމުގައެވެ.

"އިސްލާމީ ފިގުހުވެރިންގެ މީޒާނުގައި "ޔޯގާ" މިނަމުގައި އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން މިއަދު އާންމުކުރި ކަރުދާހުގައި ވަނީ ޔޯގާ އާއި ގުޅޭ މައިގަނޑު ތިން ރަޢުޔެއް އޮތްކަމަށެވެ. އޭގެތެރެއިން 2 ރަޢުޔަކީ ޔޯގާ ހަރާމްކަމަށްނިންމާފައިވާ ރަޢުޔުކަމަށާއި، އަނެއް ރައުޔުގައިވާ ޝަރުތުތަކާ އެކު ޔޯގާ ހަދާނަމަ ހަގީގަތުގައި ޔޯގާއަށް ނުވާނެކަމަށް ޢިލްމުވެރިންގެ މަޖިލީހުގެ ކަރުދާހުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.