ބޮލިވުޑްގެ އެކްޓަރ ސައިފް އަލީ ޚާނާ ކައިވެނި ކޮށްފިނަމަ ކެރިއަރު ނިމުމަކަށް އަންނާނެ ކަމަށާއި، ކައިވެނި ނުކުރުމަށް މީހުން ބުނި ކަމަށް ކާމިޔާބު އެކްޓަރެސް ކަރީނާ ކަޕޫރު ޚާން ބުނެފިއެވެ.
ޒޫމް ޑިޖިޓަލްއަށް ދިން އިންޓަވިއު އެއްގައި ކަރީނާ ބުނީ މީހުން ދައްކާ ވާހަކައަށް އެހާ ބޮޑަށް އަޅައި ނުލާ ކަމަށެވެ. އެފަދަ ވާހަކަ އެއްކަންފަތުން އަހާފައި އަނެއްކަންފަތުން ބޭރު ކޮށްލަނީ ކަމަށް ކަރީނާ ވަނީ ބުނެފައެވެ.
އޭނާ ކައިވެނި ކުރަން އުޅުމުން ގާތް ބައެއް މީހުންވެސް ކައިވެނި ނުކުރުމަށް ބުނިކަމަށް ކަރީނާ ވަނީ ބުނެފައެވެ. އަދި ކައިވެނި ކޮށްފިނަމަ ކެރިއަރު ނިމިގެން ދާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
"އަހަރެން ބުނިން ކައިވެނި ކުރިއަސް ނުކުރިއަސް އަހަރެންނާ އެކުގައި މަސައްކަތް ކުރަން ބޭނުން މީހުން ކުރާނޭ. ކުރަން ބޭނުން ނޫން މީހުން ނުކުރާނީއޭ. މަސައްކަތެއް ނުލިބިއްޖެޔާ ގޭގައި އިންނާނީއޭ. ގޭގައި އިނދެގެންވެސް ކޮންމެސް ކަމެއް ކުރެވޭނެ. ކުރާނެ ކަންކަން ހުހެއް ނުވާނެ."
– ކަރީނާ
ކައިވެނި ކުރި ނަމަވެސް އޭނާގެ ތަރި ނުއޮއްސޭ ކަމަށް، މިހާރު ވެސް އެންމެ ކާމިޔާބު ތަރިންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ލިބޭ ބަތަލާ ވަނީ ބުނެފައެވެ. އަދި ކެރިއަރު އިތުރަށް ވަރުގަދަ ވެ ކާމިޔާބީތައް އިތުރު ވީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ދެ ކުދިން ލިބުނު ފަހުން ހަށިގަނޑަށް ކޮންމެވެސް ވަރަކަށް ބަދަލު ތަކެއް އައި ނަމަވެސް ކަރީނާ އަކީ އަދިވެސް އިންޑަސްޓްރީގައި އެންމެ ނަންހިނގާ އެއް ބަތަލާއެވެ. އަދި އެންމެ އަގުބޮޑު ބަތަލާއިންގެ ތެރޭގައި ވެސް ހިމެނޭ އެއް ބަތަލާވެސް މެއެވެ.
41 އަހަރުގެ ބަތަލާ އޭނާ އަށް ވުރެ 13 އަހަރު ދޮށީ ސައިފްއާ ކައިވެނި ކުރީ 2012 ވަނަ އަހަރުއެވެ. އެމީހުން ގެ ކައިވެންޏަށް މިހާރު 9 އަހަރު ވެފައިވާއިރު އެކައިވެންޏަށް ވަނީ 2 ފިރިހެން ކުދިން ވެސް ލިބިފައެވެ.
މިއީ ކަރީނާގެ އަލަތު ކައިވެނި ނަމަވެސް އެއީ ސައިފްގެ ދެވަނަ ކައިވެންޏެވެ. ސައިފް ވަނީ ކުރިން ކައިވެންޏެއް ކޮށްފައެވެ. އޭނާ ކައިވެނި ކުރީ ކުރީގެ ބަތަލާ އަމްރިތާ ސިންގް އާއެވެ. އެކައިވެނި ރޫޅުނީ 2004 ވަނަ އަހަރުއެވެ. ސައިފްއަށް ވުރެ އަމްރިތާ 13 އަހަރު ދޮއްޓެވެ.
އަމްރިތާ އާއި ސައިފްގެ ކައިވެނިން އޭނާއަށް ވަނީ ދެކުދިން ލިބިފައެވެ. މިހާރު ބޮލީވުޑްގައި އަރަމުން އަންނަ ބަތަލާ ސާރާ އަލީ ޚާނަކީ އެދެމީހުންގެ ދޮށީ ދަރިފުޅެވެ. ދެން ހުންނަނީ އިބްރާހިމެވެ. އޭނާ ވެސް އަންނަނީ ބޮލީވުޑަށް ތައާރަފް ވުމަށް ރަނގަޅު ފުރުސަތަކަށް ބަލަމުންނެވެ.