ވަކި ރަށަކަށް ނިސްބަތްވީތީ ޙައްގުތައް ތަފާތުކޮށް ބާކީކޮށްގެން ނުވާނެ: ޢަލީ ޙުސައިން

ވަކި ރަށަކަށް ނިސްބަތްވީތީ ޙައްގުތައް ތަފާތުކޮށް ބާކީކޮށްގެން ނުވާނެ: ޢަލީ ޙުސައިން

Author
މުޙައްމަދު ޖިމީ
22 ޖުލައި 2022 11:34
0

ވަކި ރަށަކަށް ނިސްބަތްވީތީ ޙައްގުތައް ލިބިދިނުމުގައި ތަފާތުކޮށް ބާކީކޮށްގެން ނުވާނެ ނުވާނެކަމަށް ކެންދޫ ދާއިރާގެމެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. ޢަލީ ޙުސައިން މިހެން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ބޯހިޔާވަހިކަމަށް ހުޅުވާލި ގެދޮރުވެރިން ސްކީމާއި ގުޅިގެން ބަހުސް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

މާލޭގެ ރައްޔިތުންނަށް އެކަނި މާލެއިން ގޯތި ދޫކުރުމަށް ސަރުކާރުން ހުޅުވާލުމުން ގިނަބަޔަކު އަންނަނީ މާލެއާއި އަތޮޅުތެރެ ތަފާތުކުރަނީކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ. ނަމަވެސްމާލޭގެ ރައްޔިތުން އަންނަނީ އެކަން ދިފާޢުކުރަމުންނެވެ.

ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، އެމީހަކު އުފަންވާ ރަށަކީ އަދީ އެމީހެއްގެ މައިންބަފައިންނާޢި ފުރަތަމަ ރަޖިސްޓްރީ ކުރެވޭ ތަނަކީ އެ މީހަކު އަމިއްލަޔަށް ކަނޑައަޅާ އިޚުތިޔާރުކޮށް ނިންމާ ކަންކަމަށް ނުވާހިނދު، އެ މީހަކު ވަކި ރަށަކަށް ނިސްބަތްވީތީ ޙައްގުތައް ލިބިދިނުމުގައި ތަފާތުކޮށް ބާކީކޮށްގެން ނުވާނެކަމަށެވެ.

ބޯހިޔާވެހިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރުމަކީ އެންމެ ރަނގަޅު އަދި އެންމެ އިންސާފުވެރިކަމާއެކު ކުރެވިދާނޭކަމެއް ކަމުގަައި ނުފެންނަ ކަމަށް ވިދާޅުވެ އެކަން ބައްލަވައިދިނުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހަށް ވަނީ މައްސަލައެއްވެސް ހުށައަޅާފައެވެ.

ސަރުކާރުން ވަނީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅުން ދޫކުރާ 2000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެކަމާ ގުޅިގެން ސިރާޖު މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން "އެޗް8″ ކެޓަގަރީގައި ހިމެނޭ މާލޭ ރަށްވެހިންނާއި "އެޗް9″ ކެޓަގަރީގައި ހިމެނޭ މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް އެ ފްލެޓުތައް ދީފައި ވަނީ ފައިސާ ދައްކާ ގޮތަށް ކަމަށެވެ.

ސިރާޖު ވިދާޅުވީ މާލޭ ރައްޔިތުންނާއި އަދި ރާއްޖޭގެ އެންމެހައި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭން ޖެހޭނެ ކަމުގައި އޭނާ އަށް ގަބޫލު ކުރެއެވެ. އެހެންކަމުން 5000 އާއިލާއަށް 48 ބިލިއަން ރުފިޔާގެ ބިން އިންސާފުވެރި ކަމާއިއެކީ ބެހޭނެ ކަމަށް ނުދެކޭތީއާއި މިބިންތައް ބީލަމަށް ލައިގެން ވިއްކައިފިނަމަ އަންދާޒާ ކުރެވޭ ފައިސާގެ އަދަދަކީ ކޮބައިކަން މަޖިލީހުން ބަލައިދޭން އެދޭކަމަށް ސިރާޖު ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް އެއްވެސް އަގަކާ ނުލައި ބިން ދޫކުރަން ސަރުކާރުން ނިންމާފައިވާތީ ބައެއް މީހުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެގޮތުން ވަކި ރަށެއްގެ ބަޔަކަށް އެގޮތަށް ހިލޭ މާލޭން ބިން ދިނުމަކީ އިންސާފެއް ނޫން ކަމަށް އެ މީހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.