ސަލްމާނު މިސްކިތް ސަރަޙައްދުގެ ޕާކިންގް ޒޯނުން ޖާގަ ވިއްކުމަށް އިޢުލާންކޮށްފިއެވެ.
ރައީސް ޔާމީން ސަރުކާރުން ޢިމާރާތްކުރި ސަލްމާން މިސްކިތް މިހާރު ނިމި ކުރިއަށްދަނީ އެސަރަހައްދު ސާފްކޮށް ރީތިކުރުމުގެ މަސައްކަތެވެ. އެމިސްކިތް ހުޅުވުން ލަސްވާތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ސަރުކާރުން ބުނެފައިވަނީ މިސްކިތް ހުޅުވުން ލަސްވަނީ ކޯވިޑް-19ގެ ސަބަބުންކަމަށެވެ.
ސަލްމާން މިސްކިތް ހުރި ސަރަހައްދުން 4 ފުރޮޅުލީ އުޅަނދުފަހަރަށް ޖާގަ ވިއްކުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާންކޮއްފައިވަނީ އެސަރަހައްދުން 57 ޖާގަ ވިއްކާނެކަމަށެވެ. ޕާކިންގް ސްލޮޓަށް އެދެން ޖެހެނީ ސިޓީ ކައުންސިލްގެ ވެބްސައިޓްގައި އެކަމަށް ހުޅުވާލައިފާ ވާ ޕޯޓަލްއަކުންނެވެ. އެޕޯޓަލް އިން ޖާގައަށް އެދެވޭނީމިމަހުގެ 22 ވަނަ ދުވަހުގެ މެންދުރު 13:00 އިން ފެށިގެންކަމަށް އިޢުލާންގައި ބަޔާންކޮށްފައިވެއެވެ.
އެސަރަޙައްދުން ޖާގަ ވިއްކަނީ ކޮންމެ ޖާގައެއް 3 ހާސް ރުފިޔާއަށްކަމަށްވެސް އިޢުލާނުގައިވެއެވެ. ޖާގަ ދޫކުރަން ނިންމާފައިވަނީ ކާރަށާއި، 300 ކިލޯއިން ދަށުގެ ޕިކަޕަށެވެ. ޕާކިންގ ޖާގައަށް އެދޭފަރާތަކުން ހުށަހަޅަންޖެހޭ މައުލޫމާތާއި މިކަމުގައި ޢަމަލުކުރާ އުސޫލު ޕޯޓަލްގައި ހިމެނިފައިވާނެކަމަސް ސިޓީ ކައުންސިލުން ބުނެއެވެ. ޕޯޓަލް މެދުވެރިކޮއް ޖާގަ ވިއްކާނީ އެދޭފަރާތްތަކުން ބޭނުންވާ ޖާގަ ނަގަމުންގޮސް ކަނޑައެޅިފައިވާ ޖާގަތައް ހުސްވަންދެންކަމަށާއި، ކޮންމެ ފަރާތަކަށްވެސް ގަނެވޭނީ އެއްޖާގަކަމަށްވެސް އިޢުލާނުގައިވެއެވެ.
ޕާކިންގް ޖާގަތައް ދޫކުރުމާބެހޭ އުސޫލުގައިވާގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޖާގަ ދޫނުކުރެވޭނެއެވެ. އަދި މާލޭ ސީޓި ކައުންސިލުން
ވިއްކާ ޖާގަތަކަށް އެދޭ ފަރާތްތަކަކީ މާލޭ ސިޓީގައި ދުއްވަން ރަޖިސްޓްރީކޮއްފައިވާ އުޅަނދުތައް ކަމަށް ވާންޖެހޭނެކަމަށް އުސޫލުގައި
ހިމަނާފައިވެއެވެ. އުސޫލުގައިވާގޮތުން ޕާކިންގް އަށް ދޫކުރާ ސްޓިކަރ ގެއްލިގެން އަލުން ހައްދާނަމަ 100 ރުފިޔާދައްކަންޖެހެއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، މީގެ ފަހުން ސިޓީ ކައުންސިލުން ވިއްކާ ޕާކިންގް ޖާގަތަކަށް އެދޭނީ ޕޯޓަލް މެދުވެރިކޮށްކަމަށެވެ. އެގޮތުން ޖާގަ ލިބެން ހުރިތަންތަން ޕޯޓަލް އިން އެނގެން ހުންނާނެކަމަށާއި، އޭގެތެރެއިން ބޭނުންވާ ޖާގައަށް އެދެވޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. ކޮންމެ އައު ޒޯނެއް ހުޅުވާލާއިރު އިޢުލާންވެސް ކުރާނެކަމަށާއި، މިވަގުތަށް ހުޅުވާލާފައިވަނީ ސަލްމާން މިސްކިތް ސަރަޙައްދުގެ ޖާގަ އެކަނިކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
ކޮމެންޓު ފޮނުވާ