މާލެ ސިޓީ ކައުންސިލުން އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށް ނިންމައި އެކަން ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
އެ ޕޯޓަލް އިފުތިތާހުކުރީ އެ ކައުންސިލުން މާލޭގެ މީހުންނާއެކު ބޭއްވި ހާއްސަ ބައްދަލުވުމުގައެވެ. މި ޕޯޓަލް މެދުވެރިކޮށް މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ 80 އަށް ވުރެ ގިނަ ޚިދުމަތުގެ 90 ޕަސެންޓް ޚިދުމަތް އޮންލައިންކޮށް ހޯދޭނެއެވެ.
އޭގެ ތެރޭގައި ކުއްޖަކު އުފަންވުމުން އެދޭ ހިދުމަތްތަކާއި މަގު ބަންދުކުރަން އެދުމާއި ޕާކުތަކާއި މައިޒާންތައް ކުއްޔަށް ހިފުމާއި މިސްކިތްތަކަށް އެހީތެރިވުން ހިމެނެއެވެ. ޕޯޓަލަށް ވަދެވޭނީ އެ މީހެއްގެ އައިޑީކާޑު ނަމްބަރު ޖަހައިގެން ރަޖިސްޓަރީ ކުރުމުންނެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުން ޕޯޓަލް މެދުވެރިކޮށް ހިދުމަތް ދޭން ފަށާނީ އަންނަ މަހުގެ ތިނަކުން ފެށިގެން ކަމަށެވެ. އަދި ޕޯޓަލުން ހިދުމަތް ހޯދަން އުނދަގޫ ވެއްޖެ ނަމަ ހެލްޕު ޑެސްކުތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭސިޓީ ޖިޑިޓަލް ޕޯޓަލް މެދުވެރިކޮށް ކައުންސިލްގެ ހުރިހާ އާންމު ޚިދުމަތަކަށް އެދެވޭނެއެވެ. އެގޮތުން ކުއްޖާ އުފަންވުމަށް ފަހު އެދިލައްވާ ޚިދުމަތްތައް، މާލޭސިޓީގެ ގެއެއްގައި ރަޖިސްޓްރީވުމުގެ ޚިދުމަތްތައް، އިމާރާތާބެހޭ ޚިދުމަތްތައް، ބިމާބެހޭ ޚިދުމަތްތައް، މަގު ބަންދު ކުރުމާ މަގުމަތީގައި މަސައްކަތް ކުރުމަށް އެދޭ ޚިދުމަތްތައް، ޕާކުތައް ކުއްޔަށްހިފަން ބޭނުންވާ ޚިދުމަތްތައް، އަދި މިސްކިތްތަކަށް ޑޮނޭޓްކުރުމުގެ ޚިދުމަތަށް އެދެވޭނެއެވެ.
ޚިދުމަތަކަށް އެދުމަށްފަހު ޚިދުމަތް ކުރިއަށްދާގޮތް ޕޯޓަލްގެ މައި ސާވިސަސްއިން ބެލޭނެއެވެ. އެދިފައިވާ ޚިދުމަތުގެ އިތުރު މައުލޫމާތު ބެލުމަށް ޚިދުމަތަކަށް ފިތާލުމުން ފުރިހަމަ މައުލޫމާތު ފެންނާނެއެވެ. އެދިފައިވާ ޚިދުމަތާ ގުޅޭ ހުރިހާ ޑޮކިއުމަންޓެއް ޚިދުމަތެއްގެ އިތުރު މައުލޫމާތުގެ ތެރެއިން ފެންނާނެއެވެ.
ކޮމެންޓު ފޮނުވާ