ދައުލަތުގެ މަސްކުންފުނި މިފްކޯއަށް ކަޅުބިލަމަސް ގަންނަ ފަދައިން ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް ވަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. ދުވާފަރުގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ އިސްކަން ދެއްވާ އެއްކަމަކީ ބޮޑުކަންނެލީގެ މަސްވެރިންނަށް ދޫކޮށްލެއްވި ވައުދުތައް ފުއްދެވުން ކަމަށެވެ.
މިދިޔަ ހަފުތާގައި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން އިހުތިޖާޖެއް ވެސް ކުރިއެވެ. ރައީސް ވިދާޅުވީ، ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީއެއް ހުޅުމާލެއާއި ކަނޑުއޮތްގިރީގައި ގާއިމްކުރުމުގެ މަސައްކަތް މިހާރު ފައްޓަވައިފައިވާ ކަމަށެވެ. އެގޮތުން ފުޅާކޮށް ކުރިއަށްދާ މަސައްކަތްތަކުގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ ގޮތެއް ގާއިމްކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ވެވަޑައިގެންނެވި ވައުދުތައް އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ފުއްދައިދެއްވަން ބޭނުންފުޅުވާ ކަމަށެވެ. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ހުޅުމާލޭގައި ބޮޑުކަންނެލި ޕްރޮސެސްކުރުމަށް ގާއިމްކުރާ ފެސިލިޓީގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށިގެން ހަމަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ