ރަޝިއާއިން ޔޫކުރެއިންގައި ކުރަމުންދާ ހަގުރާމަ ދިގުލައިގެން ގޮސްފައިވާއިރު، އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަށް ގޮންޖަހާ، ސަރަހައްދީ ގައުމުތަކާއެކީ އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށްޓަކާ ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިން މިއަދު އިރާނަށް ވަޑައިގެންފިއެވެ.
ފާއިތުވެދިޔަ ފެބްރުއަރީމަހު ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށި ފަހުން ގައުމުން ބޭރަށް ކުރައްވާ ދެވަނަ ދަތުރުފުޅުގައި މިއަދު އިރާނަށް ވަޑައިގެންނެވުމަށްފަހު ޕުޓިންވަނީ އިރާނުގެ ރައީސް އިބުރާހިމް ރައީސީއާއި ބައްދަލު ކުރައްވާފައެވެ. އަދި އިރާނުގައި ތުރުކީގެ ރައީސް ތައްޔިބު އެރެދޮގާންއާއި ޕުޓިން ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި ސަރަހައްދީ މުހިންމު މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމުގެ އިތުރުން، ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން، ޔޫކުރެއިން އުފައްދާ ގޮދަން އެގައުމުން އެކްސްޕޯޓު ކުރުމަށް ޔޫއެންއިން ހުށަހަޅާފައިވާ ޕްރޮޕޯސަލްއާއި ގުޅޭގޮތުންވެސް ޕުޓިން މަޝްވަރާ ކުރައްވާނެއެވެ.
މީގެއިތުރުން ސީރިއާގައި ހިގަމުންދާ ހަމަނުޖެހުންތަކާއި ގުޅޭގޮތުންވެސް ޕުޓިންއާއި އިރާނުގެ ރައީސް އަދި އެރެދޮގާން މަޝްވަރާ ކުރައްވާނެއެވެ.
Watch: Russian President Vladimir Putin arrives in Iran for talks with Iranian Supreme Leader Ali Khamenei and Turkey’s President Recep Tayyip Erdogan.https://t.co/qYyEVffFa6 pic.twitter.com/KcI4OfEtpO
— Al Arabiya English (@AlArabiya_Eng) July 19, 2022
ހުލަނގުގެ ގައުމުތަކުން ރަޝިއާއާއި ދެކޮޅަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު، ޕުޓިން ގެންދަވަނީ ތެހެރާންއާއެކީ އޮންނަ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އިރާންއާއި ރަޝިއާއަކީވެސް ހުޅަނގުގެ ގައުމުތަކުގެ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުރިމަތިލާން ޖެހިފައިވާ ދެގައުމެވެ.
ފާއިތުވެދިޔަ ހަފްތާތަކުގައި ރަޝިއާގެ އޮފިޝަލުން ވަނީ، ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވޭ އިރާނުގެ ޑްރޯންތައް ބަލާ ދިރާސާ ކުރުމަށް ދެފަހަރެއްގެ މަތިން މެދުތެރޭ އިރާނުގައި އޮންނަ އެއަރފީލްޑަކަށް ޒިޔާރަތް ކޮށްފައެވެ.