ގދ. ގައްދޫގައި ބަންނަމުން ދިޔަ ފައިބަރު ދޯންޏެއްގައި އަލިފާން ރޯވެ އަދައިފިއެވެ.
ދޯނި ރޯވުމާއިއެކީ ކަމާ ބެހޭ އިދާރާތްތަކުގެ ފަރާތްތަކުން ވަނީ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް އަލިފާން ނިއްވާލެވުނީ، ދޯނީގެ ބޮޑުބައެއް އަދާހުލިވިފަހުންނެވެ.
މިއަދަކީ މޫސުންވެސް ގޯސް ދުވަހަކަށްވުމުން އަލިފާން ރޯވުމާއިއެކީ މުޅި ދޯނީގައި ވަނީ އަލިފާންގަނޑު ފެތުރި ބޭނުން ނުކުރެވޭ ވަރަށް އަދާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނީގެ 80 ޕަސެންޓް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދާފައެވެ.
ދޯނީގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާއިރު، އަލިފާން ރޯވެފައިވާ ދޯންޏަކީ ގާތްގަނޑަކަށް މަސައްކަތް ނިމިފައިވާ ދޯންޏެއްކަން ފާހަގަ ކޮށްލެވެއެވެ.

ގައްދޫއިން ޚަބަރު އޮންލައިނަށް މައުލޫމާތު ދިން މީހަކު ކިޔައިދިން ގޮތުގައި 80 ފޫޓުގެ މި ފައިބަރު ދޯނީގައި މިއަދު ރޯވެފައިވަނީ، ހަވީރުގެ ވަގުތެއްގައި ކަމުގައެވެ. ދޯނީގައި ރޯވެފައިވާކަމަށް ބެލެވެނީ ކަރަންޓް ޝޯޓޭޖެއް ވުމުގެ ސަބަބުންނެވެ. އަދި ދޯނީގައި ރޯވާން ފެށިއިރު، ދޯދީގައި އެވަގުތު ހުރީ އެ ދޯނި ބަނުމުގައި މަސައްކަތް ކުރަމުންދިޔަ ބޭރު މީހެއްކަމުން، ދޯނީގައި ރޯވާން ފެށިކަންވެސް ވެރިފަރާތަށް އެގިފައިވަނީ ބިދޭސީ މީހާ ގޮސް ދޯނީގެ ވެރިފަރާތައް އެންގުމުން ކަމުގައި މައުލޫމާތުދިން ފަރާތުން ކިޔައި ދީފައި ވެއެވެ. އަދި ވެރިފަރާތަށް ދޯންޏާއި ހަމައަށް އާދެވުނު އިރު ދނީގެ ބޮޑުބައެއްގައި ވަނީ ރޯވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ދޯނީގައި ރޯވުމާއެކު، ހަރުގޭގައި ހުރި ބައެއް ފައިބަރު ފީފާތައް ވަނީ ގޮވާފައެވެ. ރޯވި ދޯނީގެ ދިރުބާކޮޅަށް ބޮޑު ގެއްލުމެއް ލިބިފައިވާއިރު، ދޯނި އަލުން މަރާމާތު ކުރުމަށް ބޮޑު ޚަރަދެއް ހިގާނެކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ