މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް އެދި 57 މީހަކު ކުރިމަތިލާފައިވާކަމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހާމަކުރައްވައިފިއެވެ.
ޚާއްޞަ އިނާމަށް ނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް ކަނޑައެޅުމަށްޓަކައި، ފޯމުތައް ދިރާސާ ކުރެއްވުމުގެ މަސައްކަތް އެކޮމިޓީން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. ޚާއްޞަ އިނާމު މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ މައިގަނޑު 4 ގިންތިއަކުންނެވެ. ޚާއްޞަ އިނާމަށް މިއަހަރު ހުށަހެޅި 57 ފޯމު ހުށަހަޅާފައިވަނީ ކަނޑައަޅާފައިވާ 4 ގިންތީގެ ތެރެއިން 3 ގިންތިއަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ޢިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފު ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލުކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިސްރާބު ކުރުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް މިއަހަރު ރައީސުލްޖުމްހޫރިއްޔާ، ޚާއްޞަ އިނާމު ދެއްވާ ދެވަނަ ގިންތިއަކީ، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ. އަދި ތިންވަނަ ގިންތިއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.
ކޮމެންޓު ފޮނުވާ