ޓެކްސްއަށް ބަދަލު ގެނައުން! އެންމެ ރަގަޅު ވަގުތުގައި ގެނެވޭ އެންމެ ރަގަޅު ބަދަލެއްތަ؟

ޓެކްސްއަށް ބަދަލު ގެނައުން! އެންމެ ރަގަޅު ވަގުތުގައި ގެނެވޭ އެންމެ ރަގަޅު ބަދަލެއްތަ؟

Author
ހުސެއިން
04 ޖުލައި 2022 09:05
0

ޓެކްސްގެ ނިޒާމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އިގްތިސާދުގެ މައި ތަނބެވެ. އެއީ ގައުމުގެ އިގްތިސާދުގެ ވިލުންތެރިކަން ހިފަހައްޓާލަދީ، ރައްޔިތުންނަށް ލިބޭ އާމްދަނީން ގައުމު ތަރައްގީ ކުރުމުގައި ރައްޔިތުންނާއި ސަރުކާރާ ގުޅުވާލަދޭ އިގްތިސާދީ އެންމެ މުހިންމު ވަސީލަތްވެސް މެއެވެ.

އެހެންކަމުން، ފުދުންތެރި އިގްތިސާދެއްގައި އަބަދުވެސް ޓެކްސް ރެޖީމުން އަދާކުރާ ދައުރު އޮންނަނީ ވަރަށްވެސް މުހިންމު ވެފައެވެ. މާނައަކީ، އާންމު ރައްޔިތުން ދައުލަތަށް ޓެކްސް ދައްކައިގެން، ސިޔާސަތު ރާވާ ފަރާތްތަކުން ގައުމު ހިންގަމުން ދާއިރު، ދައުލަތާއި ރައްޔިތުންގެ މެދުގައި މި އުސޫލުން އޮންނަ ގުޅުމަކީ ތިލަފަތް ހަމަ ގުޅުމަކަށް ވާން ޖެހޭނެއެވެ.

އެއީ ދައުލަތަށް ރައްޔިތުން ދައްކާ އާމްދަނީ އަކީ، ދެއްކޭވަރުގެ އާމްދަނީއަކަށް ވެފައި، ލިބޭ އެއްޗަކުން ސަރުކާރާ ދައުލަތަށްވެސް ދެކޮޅު ޖެއްސޭވަރު ވުމެވެ.

މިގޮތުން، ދުނިޔޭގައި ޓެކްސް މަދުން ނަގާ ގައުމުތަކާއި، ވަރަށް ބޮޑަށް ޓެކުހަށް ބަރޯސާވާ ގައުމުތައް ހުރިއިރު، ޓެކްސް ބްރެކެޓަށް ނުރަގަޅު ބަދަލު ގެނެސް، ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޓެކްސްއާއި ކުޅުމުގެ ހިތި ނަތީއާއި ކުރިމަތިލާން ޖެހިފައިވާ ގައުމުތައްވެސް އަދުގެ ދުނިޔޭގައި ފެންނާން އެބަހުއްޓެވެ.

މީގެ އެންމެ ފުރިހަމަ، ދިރިހުރި މިސާލެއްގެ ގޮތުގައި ފެންނާން އޮތީ، އިގްތިސާދީ ބޮޑު ކަރިސާއަކާއި ކުރިމަތިކާން ޖެހިފައިވާ ސްރީ ލަންކާއެވެ.

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގެ އެއް ސަބަބަކީ, ދައުލަތަށް ނަގަމުން އައި ޓެކްސް ކުއްލިއަކަށް މަދުކުރުން

ސްރީ ލަންކާއަށް މިއަދު ކުރިމަތި ވެފައިވާ އިގްތިސާދީ ކާރިސާއަކީ، 1948 ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބިގެން ދިއުމަށްފަހު އެގައުމަށް ކުރިމަތިވެފައި އިގްތިސާދީ އެންމެ ބޮޑު ކާރިސާއެވެ.

ނުރައްކާތެރި ދަރަޖައަކަށް ސްރީ ލަންކާގެ ހާލަތު ވެއްޓިގެން ދިއުމަށް މެދުވެރިވީ އެއް ސަބަބަކަށް ވެގެން ދިޔައީ، މިހާރުގެ ރައީސް ގޮޓަބަޔަރ ވެރިކަމަށް ވަޑައިގެންނެވުމަށްޓަކާ ވެވަަޑައިގެންނެވި ސިޔާސީ ވައުދުތައް ފުއްދެވުމުގެ ގޮތުން، ވެރިކަމުގެ ހުވާ ކުރެއްވުމާއިއެކު، ދައުތަލަށް ނަގަމުންއައި ޓެކްސް ދަށް ކުރެއްވި ކުރެއްވުމެވެ.

މިގޮތުން ގޮޓަބަޔަ 2019ވަނަ އަހަރު ސްރީ ލަންކާގެ ރައީސްކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު، އެއަހަރުގެ ޑިސެމްބަރުމަހު ވަނީ، ސަރުކާރުން ނަގަމުންދާ ޓެކްސްތައް ކުޑަ ކުރެއްވުމަށް ރިޔާސީ އިންތިޚާބުގައި ވެވަަޑައިގެންނެވި ވައުދު ފުއްދެވުމުގެ ގޮތުން، ގުޑް އެންޑް ސާވިސް ޓެކްސް (VAT- ވެލިއު އެޑެޑް ޓެކްސް) %15 އިން %8 އަށް ދަށް ކުރައްވާފައެވެ. ނަތީޖާއެއްގެ ގޮތުން، މި ބަދަލާއެކު ގައުމަށް ލިބެމުންދިޔަ އާމްދަނީގެ ބޮޑުބައެއް ވަނީ ގެއްލިގެން ދިޔައެވެ. އާމްދަނީ އެތައް ގުނައަކުން ދަށްވެގެ ދިޔަ ދިއުމާއި، ކޯވިޑާ ކާރިސާގެ ގޮންޖެހުންތަކާ އެކުވެގެން އައި އިގްތިސާދީ ކާރިސާ ވެގެން ގޮސްފައިވަނީ ސްރީ ލަންކާގެ އިގްތިސާދު ބަގުރޫޓްވާން މެދުވެރިވީ ހަގީގީ ސަބަބު ކަމުގައެވެ.

 

ޚަރަދުތައް ދެކޮޅު ޖެއްސުނަށް ޓެކްސް ބްރެކެޓަށް ބަދަލު ގެނައުން!

2011 ވަނަ އަހަރު ދިވެހިރާއްޖޭގައި މުޅިން އަލަށް ޓެކްސްއާބެހޭ ގާނޫނު ފާސް ކުރެވިގެން ދިޔައެވެ. މިގާނޫނު އޭރު ފާސް ކުރެވިގެން ދިޔައީ، ކުއްލި ގޮތަކަށް ކަމުގައި ދެންނެވިދާނެއެވެ.

ކުދި އަދި މެދުފަންތިއަށް ވަރަށް ބޮޑަށް އަމާޒުކުރެވިގެންދާ ޖީއެސްޓީ، އާންމުކޮށް ތައާރަފް ކުރުމަށްޓަކާ އޭރު ޓެކުހާބެހޭ މިގާނޫނު ފާސް ކުރެވިގެން ދިޔައިރު ގިނަ ބައެއްގެ ޝަކުވާއަކަށް ވެގެން ދިޔައީ މިފަދަ ޓެކުހެއް ތައާރަފް ކުރެވިގެން ދިޔައިރު، އާންމު ވިޔަފާރިތަކާއި އާންމު ރައްޔިތުން މިޓެކުހަށް ހޭލުންތެރި ނުވުމާއި، އަދި އޮޕަރޭޝަނަލް ކޯސްޓު އިތުރުވެގެން ދާދިއުމާއި، ތަކެތީގެ އަގަށް އަންނާނޭ ނުރަގަޅު ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، އާންމު ވިޔަފާރިތަކަށް ކުރިމަތިވާނޭ ބޮޑެތި ގޮންޖެހުންތަކެވެ.

އެހެންނަަމެވެސް، މިފަދަ ޓެކުހަކަށް އާންމު ރައްޔިތުންނާއި ވިޔަފާރިތައްވެސް ހޭލުންތެރި ކުރުވުމަކާ ނުލާ، އާންމު ވިޔަފާރިތަކަށް ކުރިމަތިވާނޭ ގޮންޖެހުންތައްވެސް އިންތިހާއަށް ހުރެމެ، ޓެކްސްގެ ގާނޫނު އޭރު ފާސްކުރެވި އަމަލް ކުރެވެން ފެށުމުގެ ނަތީޖާއެއްގެ ގޮތުން އޭގެ ނުރަގަޅު އަސަރު ކުދި އަދި މެދުފަންތީގެ އެތަކެއް ވިޔަފާރިތަކަށް ކޮށްފައި ވެއެވެ.

އެހެންނަމަވެސް، ގާނޫނުގެ ދަށުން މޯލްޑިވްސް އިންލެންޑް ރެވެނިއު ވުޖޫދުވެ، މިއަދާއި ހަމައަށް އަައިއިރު، އެ މުވައްސަސާއިން ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި މިއަދު މިވަނީ ފުރިހަމަ ޓެކްސް ރެޖީމެއް ގާއިމް ކުރެވިފައެވެ. އަދި މިއީ މިއަދު ދައުލަތަށް އާމްދަނީ ހޯދައިދޭ އެންމެ މުހިންމު ވަސީލަތްވެސް މެއެވެ.

މިގޮތުން، އާންމު އުސޫލުން ޓެކްސް (ޖީއެސްޓީ) ނަގަން ފެށިތާ 11 ވަރަކަށް އަހަރަށްފަހު، މިއަދު އަނެއްކާވެސް ސަރުކާން މިވަނީ، ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމުގެ ގޮތުން ޖީއެސްޓީގެ އިތުރުން ޓީޖީއެސްޓީވެސް ބޮޑު ކުރުމުގެ މަޝްވަރާތައް ފަށާފައެވެ.

ދިވެހިރާއްޖޭގައި ޓެކްސްގެ ގާނޫނު އެންމެ ފުރަތަމަ ފާސްކޮށްފައިވަނީ 2011 ވަނަ އަހަރު

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ދައްކަވާފައިވާ ހުއްޖަތަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގާއި، ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެން ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް މަގު ފަހި ކުރުމެވެ. އަދި ސަރުކާރުން މި މަޝްވަރާތައް ކަމާއި ގުޅުންހުރި ފަރާތްތަކާއެެކު މިހާރު ފަށާފައިވާއިރު، ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރު ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑު ކުރުމަށެވެ.

މިގޮތުން، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށެވެ.

ޓީޖީއެސްޓީއަކީ ރިސޯޓުތަކާއި ގެސްޓް ހައުސްތަކުން ދައުލަތަށް ދައްކާ ޓެކުހަކަށް ވާއިރު، ޓީޖީއެސްޓީއަކީ މުދަލާއި ޚިދުމަތުން އާންމު ރައްޔިތުން ދައުލަތަށް ދައްކަމުން އަންނަ ޓެކުހެކެވެ. އެހެންކަމުން މި ދެބާވަތުގެ ޓެކުސް ބްރެކްޓެ ފުޅާވަމުން ދާދިއުން ވެގެންދާނީ ހުރިހާ ގޮތަކުން ބެލި ކަމުގައި ވިނަމަވެސް، އާންމު ރައްޔިތު މީހާގެ ޖީބަށާއި އަދި އޭގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގެ މެދުފަންތީގެ ވިޔަފާރިތައް ކަމަށް ބެލެވޭ ގެސްޓްހައުސްތަކާއި ސަފާރީތަކަށް ބޮޑު އަސަރެއް ކުރާނޭ ބަދަލަކަށެވެ.

އަދި އަމުދުން އިގްތިސާދީ ގޮތުން ދަތި، ތަކެތީގެ އަގުތައްވެސް އިންތިހާއަށް އުފުލެމުންދާ ދަނޑިވަޅަކާއި ދިމާކޮށް މި ދެބާވަތުގެ ޓެކްސް ބޮޑުކޮށް ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ވިސްނުމަކީ، ހަގީގަތުގައިވެސް އޭގެ ނޭދެވޭ އަސަރު އާންމު ރައްޔިޔު މީހާގެ އިގްތިސާދީ ހާލަތުން ނުރަގަޅުކޮށް ފެނިގެން ހިގައިދާނޭ ބަދަލެއް ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

 

ޖީއެސްޓީއަށް ބަދަލު ގެނައުމަށް ރަގަޅު ވަގުތެއްތަ؟

ޚާއްސަކޮށް ޖީއެސްޓީއަކީ، މުދަލާއި ޚިދުމަތުގެ އަގުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައުލަތަށް ދައްކަމުންދާ އާމްދަނީއެކެވެ. މި އުސޫލުން ބަލާއިރު، ދިވެހިރާއްޖޭގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރުތަކަކީ ވަރަށް ޟައީފު، ވަރަށް އާދައިގެން އާންމު ފަރުދުންނަށް ނިސްބަތްވާ ވިޔަފާރިތަކެވެ.

މި ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ މިންވަރު އިތުރުވެގެން ދާދިއުމުގެ ނަތީޖާއެއްގެ ގޮތުން، އާންމުކޮށް ވިއްކާ ގިނަ ތަކެއްޗާއި ބާވަތްތަކުގެ އަގަށް ޓެކްސް ބޮޑުވާ ނިސްބަތުން ބަދަލު އަންނާނެއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުން ޖީއެސްޓީގެ ގޮތުގައި ޓެކްސް ނަގަމުންދާ މިންވަރު އަންގައިދޭ ޗާޓެއް

ދުނިޔޭގެ ގައުމުތަކަށް ބަލާއިރު، ޖިއެސްޓީއަކީ ހުރިހާ ގައުމެއްގައިވެސް ދައުލަތުގެ އާމްދަނި ވަރަށް ބޮޑަށް ބަރޯސާވާ ވަސީލަތެކެވެ. އަދި ދުނިޔޭގެ އެންމެ ދަަށްކޮށް ޖިއެސްޓީ ނަގާގައުމުތަކަށް ބަލާއިރު، މި މިންގަޑު ހުރެފައިވަނީ %7ގައެވެ. މީގެތެރޭގައި ސިންގަޕޯރ ހިމެނެއެވެ. މުޅި ދުނިޔެއަށް ބަލާއިރު، ދުނިޔޭގެ އެވްރެޖް ޖީއެސްޓީ (VAT) ޓެކުހުގެ މިންވަރަކީ %19އެވެ. އިނގިރޭސިވިލާތުގައި %20 ޖީއެސްޓީގެ ގޮތުގައި ނަގާއިރު، ނިއުޒިލޭންޓުގައި %15، ޗައިނާގައި %13، އޮސްޓްރޭލިއާ އަދި ޖަޕާންގައި %10 ޖިއެސްޓީގެ ގޮތުގައި ނަގައެވެ.

އެހެންނަމަވެސް މި ގައުމުތަކަކީ ސޯޝަލް ސެކިއުރިޓީގެ ގޮތުގައި ބޮޑު ހޭދައެއް ކުރަމުންދާ ގައުމުތައް ކަންވެސް ފާޖަގަ ކޮށްލާން ޖެހެއެވެ. ސިންގަޕޯރގައި %7 ޖީއެސްޓީގެ ގޮތުގައި ނަގަމުން ދާއިރު، މި އަދަދު %9 އަށް ބޮޑު ކުރުމަށް ހަމަޖައްސާފައި ވާކަން އެގައުމުން އިއުލާން ކޮށްފައިވަނީ 2018ވަނަ އަހަރުއެވެ. އޭރު އިއުލާން ކޮށްފައިވަނީ 2021 ވަނަ އަހަރާއި 2025 ވަނަ އަހަރާ ދެމެދު މި މިންވަރަށް ޖީއެސްޓީ ބޮޑުކުރުމަށް ޕްލޭން ކޮށްފައިވާ ކަމުގައެވެ.

އަދި ސިންގަޕޯރއިން އެންމެ ފުރަތަމަ ޖީއެސްޓީގެ ގޮތުގައި %3 ނަގަން ފެށި ނަމަވެސް ޖީއެސްޓީ %5 އިތުރު ކޮށްފައިވަނީ، 2003 އިން 2005 އަށް، އަހަރަކު އިންސަތައެއް އިތުރު ކުރަމުންނެވެ. ސިންގަޕޯރއިން އެގައުމުން ނަގާ ޖީއެސްޓީ އިތުރު ކުރުމަށް ނިންމި މައިގަޑު ސަބަބަކީ އެގައުމުގެ އާބާދީ މުސްކުޅި ވަމުންދާ ދިއުމުގެ ނަތީޖާއެއްގެ ގޮތުން، މުސްކުޅި ވަމުންދާ އާބާދީއަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަމަށް އިތުރަށް ހޭދަ ކުރުމަށްޓަކައެވެ.

އެހެންކަމުން، ދައުލަތަށް ނަގާ ޓެކްސް ބްރެކެޓަކަށް ބަދަލު ގެނައުމަކީ އަބަދުވެސް އާންމު ފަރުދުންވެސް ހިމެނޭ ގޮތުން މުޅި ގައުމުގެ އިގްތިސާދަށް ބޮޑު އަސަރެއް ކުރާނޭ ކަމަކަށް ވާއިރު، މިފަދަ ބަދަލަށް އެންމެ ރަގަޅު ވަގުތަކީ (މިފަދަ ބަލަކަށް އެންމެ ރަގަޅު ވަގަތެއް އެއްވެސް އިރަކު ނޯންނަ ނަމަވެސް) އަބަދުވެސް ގައުމުގެ އިގްތިސާދު ބޮޑުތަނުން އަރި އަޅާލާފައި ނޯންނަ ވަގުތުކަން މިފުރުސަތުގައި ފާހަގަ ކޮށްލާންޖެހެއެވެ.

އަދި އަމުދުން، މިއުސޫލުން ޓެކްސް ބްރެކެޓް އިތުރަށް ފުޅާ ކޮށްގެން ނަގާ އިތުރު އާމްދަނީ އަކީ، ބަޖެޓްގެ ދަރަންޏާއި، ބަޖެޓްގެ ރިކަރަންޓް ޚަރަދު ދެކޮޅު ޖެއްސުމަށް ނެގޭ އިތުރު އާމްދަނީއަކަށް ވެގެން ހިގައްޖެނަމަ، ޓެކް ބޮޑުކޮށްގެން މުޅި ގައުމުގެ އިގްތިސާދީ ދުޅަހެޔޮކަމަށް އޭގެ އެކަށީގެންވާ ފައިދާއެއް ނުކޮށް ދިއުމަކީ ވަރަށްވެސް އެކަށީގެންވާ ކަމެެކެވެ.

ޓީޖީއެސްޓީ ބޮޑުކުރުމުން އެންމެ ބޮޑަށް ނޭދެވޭ އަސަރު ކުރާނެކަމަށް ބެލެވެނީ ގެސްޓު ހައުސްތަކަށާއި ސަފާރީތަކަށް

އެހެންކަމުން، ރާއްޖެފަދަ ނާޒުކު އިގްތިސާދެއްއޮތް، މަދުން އާމްދަނީ ލިބޭ ގައުމަކަށް އެންމެ މުހިންމީ ޓެކްސް ބްރެކެޓް ފުޅާ ކުރުމުގެ ބަދަލުގައި، ދައުލަތަށް އާމްދަނީ ހޯދޭނޭ އިގްތިސާދީ އެހެން ވަސީލަތްތައް ހޯދުމެވެ. އިގްތިސާދީ އާސިނާއަތްތައް އީޖާދުކުރުވެ.

އަހަރުން އަހަރަށް ބޮޑުވަމުންދާ ދައުލަތުގެ ބަޖެޓް ދެކޮޅު ޖައްސާ، އިތުރު ވަމުންދާ ޚަރަދުތައް ފޫބެއްދުމަށްޓާކާ، ފަތުރިވެރިކަމުން ސިނާއަތު ފިޔަވާ، އިގްތިސާދީ އިތުރު އެހެން ސިނާއަތުތަކާއި ދޭތެރޭ ސަރުކާރުން ނުވިސްނާ، ޓެކްސް ބޮޑުކޮށް، ދައުލަތަށް އާމްދަނީ ހޯދޭނެ ހަމައެކަނި މައިގަޑު ވަސީލަތެއްގެ ގޮތުގައި ޓެކް ރެޖީމް ބަލައިގަތުމަކީ އެންމެ ރައްކާތެރި އިގްތިސާދީ ސިޔާސަތު ނޫންކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.