ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް ހޮވުމަކީ އެމްޑީޕީއަށްވެސް އަދި ޤައުމަށްވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ އެންމެ ރަގަޅު ގޮތަކީ 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހު ވާދަ ނުކުރުންކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެފައި ވަނިކޮށެވެ. ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް ރައީސް ނަޝީދާއި، ރައީސް ޞާލިހު މަސައްކަތް ކުރައްވާއިރު ޓިކެޓް ލިބުމުގެ ފުރުސަތު ބޮޑީ ރައީސް ޞާލިހަށް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ރައީސް ނަޝީދުގެ ވާހަކަތަކައި ގުޅިގެން ރޮޒޭނާ ވިދާޅުވީ ޤައުމަށްވެސް ރައްޔިތުންނަށްވެސް އެންމެ ފައިދާވަނީ ހެޔޮލަވާ ވެރިޔަކު ޤައުމަށް ލިބުންކަމަށެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން މިހާތަނަށް އިންތިޚާބުވި ވެރިންގެ ތެރެއިން އެންމެ އިހުލާސްތެރިކަމާއިއެކު ރައްޔިތުން އެދޭފަދަ ވެރިކަމެއް ކޮށްދެއްވީ ރައީސް ޞާލިހުކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް ހޮވުމަކީ އެމްޑީޕީއަށްވެސް އަދި ޤައުމަށްވެސް އޮތް އެންމެ ރަނގަޅު ގޮތް. ރަނގަޅު ހެޔޮ ލަފާ ވެރިޔަކު ލިބުމުން އެމީހަކަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް. ފެހި ޤާނޫނު އަސާސީއާއިއެކު އެންމެ އަމާން ވެރިކަމއއް ކޮށްދެއްވީ ރައީސް ޞާލިހު. ހަމަޖެހުމަށް ލޯބިކުރާ ވެރިއެއް ބޭނުމީ.
– ރޮޒޭނާ ވިދާޅުވިއެވެ.
ނަޝީދު ރޭ ވިދާޅުވީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ނިމިގެންދިޔަ 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިނިސްޓަރު ޝާހިދު ފާޅު ކުރެއްވި ކަމަށާ ނަމަވެސް އެ ފަހަރުގެ އިންތިހާބުގައި ނިކުންނަވަން އެންމެ ރަނގަޅު ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޝާހިދު އަރިހުގައި ވިދާޅުވެފައި ވާނެ ކަމަށް ނަޝީދު މިރޭ ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެއްވުން މަޑުޖައްސަވާ ލެއްވުމަށް ޝާހިދުގެ އަރިހުގައި އެދިވަޑައިގެންނެވި ނަމަވެސް ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް "ރުކުން" ހަމަ ބޭފުޅެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީން ތިންވަނަ ބޭފުޅަކަށްވެސް ފުރުސަތު ދިނުމާމެދުވެސް ވިސްނެވުން ރަނގަޅު ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ވާނެކަމަށްވެސް ރައީސް ނަޝީދު ވަނީ މިހާރު ކުރިޔަށްދާ އާސްކު ސްޕީކަރ ޕްރޮގްރާމްގައި ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އެއްވެސް އިންތިޚާބެއްގައި ވާދަކުރަނީ ބަލިވާނެކަމަށް ގަބޫލުކޮށްގެން ނޫންކަމަށެވެ. މިރޭވެސް ނަޝީދުވަނީ ބަރުލަމާނީ ނިޒާމަކުން ނޫނީ ވެރިކަންކު ކުރެވޭނެ ފަހިމަގެއް ނުލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު އަބަދުވެސް ތާއީދު ކުރައްވާނީ އެނިޒާމުގެ ތެރެއިން ވެރިކަން ކުރެއްވުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެންމެ މުހިއްމީ އެމްޑީޕީއަށް ވެރިކަން ލިބުންކަމަށާއި އަދި އެއީ މުޅި ރާއްޖެއަށްވެސް އޮތް އެންމެ ފައިދާ ހުރި ގޮތްކަމަށެވެ. މިހާރު ކުރިޔަށްދާ މަޝްރޫއުތައް ކުރިޔަށްގެންދަން ދެވަނަ ދައުރެއް ލިބެންޖެހޭކަންވެސް ރައީސް ފާހަގަކުރެވިއެވެ. އެހެންނަމަވެސް އެކަނި އެއްވެސް ޕާޓީއަކަށް އިންތިޙާބު ކާމިޔާބު ނުކުރެވޭނެކަމަށާއި އެކަން ކުރަންޖެހޭނީ ގިނަ ޕާޓީތަކެއް އެެކުވެގެންކަމަށް ރައީސް ވިދާޅުވީއެވެ.
One Response
ތިހެންއަތްލަމުންގޮސް ގޯސްޕޮއިންޓަކުއަތްނުޖައްސާތި