ނަހުލާހުގެ ދިފާޢުގައި މާރިޔާ، ޓްރާސްޕޯޓް މިނިސްޓްރީ އާއިމެދު ރައްޔިތުންގެ ޝަކުވާއެއް ނެތް

ނަހުލާހުގެ ދިފާޢުގައި މާރިޔާ، ޓްރާސްޕޯޓް މިނިސްޓްރީ އާއިމެދު ރައްޔިތުންގެ ޝަކުވާއެއް ނެތް

Author
މުޙައްމަދު ޝަޒައިމް
15 ނޮވެމްބަރ 2020 08:15
0

ޓްރާސްޕޯޓް މިނިސްޓްރީން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއިމެދު ރައްޔިތުންގެ މާބޮޑު ޝަކުވާއެއް ނެތްކަމަށާއި، މިނިސްޓަރ ނަހުލާ ގެންދަވަނީ އަމާނާތްތެރި ކަމާއިއެކު މަސައްކަތަ ކުރައްވަމުން ކަމުގައި ވިދާޅުވެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ޓްރާސްޕޯޓް މިނިސްޓަރ ނަހުލާގެ ދިފާއުގައި ނިކުންނަވައިފިއެވެ.

މިސަރުކާރުގެ ކެބިނެޓްގެ ވަޒީރުކަން ލިބިވަޑައިގަތީ ޤާސިމްގެ އަނބިކަނބަލުންނަށް ވާތީނޫންކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވި ވިދާޅުވުމާއި ގުޅިގެން ބައެއް ބޭފުޅުން މިނިސްޓަރ ނަހުލާއަށް ނިސްބަތްކޮށް ސޯޝަލް މީޑިޔާގައި ދައްކަވަމުންދާ ވާހަތަކުގެ ރައްދުގައި މިނިސްޓަރ މާރިޔާ ވިދާޅުވީ، މިނިސްޓަރ ނަހުލާއަކީ އަމާނާތްތެރިކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ކުރައްވަމުންދާ ބޭފުޅެއްކަމަށެވެ.

އަދި މިނިސްޓަރ ނަހުލާއާއި، އެކަމަނާ ނިސްބަތްވާ މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް އަމަލެއް ހިނގާފައިވާ ނުވާއިރު، މަޖިލީހުންވެސް އެމަނާ ޒިންމާދާރުވެ ޖަވާބުދާރީވުމަށް އެދިވަޑައިގަތް ކޮންމެ ފަހަރަކު ޒިންމަދާރުކަމާއިއެކު ޖަވާބުދާރީވެ ވަޑައިގެންފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

ރޭ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އެހުންތެރިއަކު ވަނީ ޓްރާންސްޕޯޓް މިނިސްޓަރުކަން ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުންނަށް ވުމުންތޯ ސުވާލު ދަންނަވާފައެވެ. އެސުވާލަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާވަނީ ބޭނުންފުޅުވަނީ ވަރަށްކުރު ޖަވާބެއް ދެއްވުމަށްކަމަށް ވިދާޅުވެ ވަކި މީހެއްގެ އަންބަކަށް ވީތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކެބިނެޓަށް އައްޔަންކުރައްވާނެކަމަށް ޤަބޫލުފުޅު ނުކުރެވޭކަމަށް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ސިޔާސީ މައިދާނުން ފެނިވަޑައިގަތީ 2018 އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިންނެވެ. އެމްޑީޕީއާއެކު ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުން ޖޭޕީގެ ކެމްޕެއިންނަށް އެކަމަނާ ރަށްރަށަށް ވަޑައިގަތެވެ. އަދި ޖުމްހޫރީ ޕާޓިގެ ކޮންގްރެސްގައި އެޕާޓިގެ ކައުންސިލަށް ކުރިމަތިލައްވާ އިންތިޚާބުވެވަޑައިގަތެވެ.

އެމްޑީޕީން ރިޔާސީ ކެނޑިޑޭޓަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނެރެއްވިއިރު، ރަނިންމޭޓެއް ނެރެން ޖޭޕީއަށް ލިބުނު ފުރުޞަތުގައި މިނިސްޓަރ ނަހުލާ އަށް ރަނިންމޭޓްކަން ދެއްވުމަށް އުޅުއްވާކަމުގެ އަޑުތަކެއްވެސް އޭރު ފެތުރުނެވެ.

ގާސިމްގެ އަނބިކަބަނލުންގެތެރެއިން މިނިސްޓަރ ނަހުލާ ފިޔަވައި އެހެން ބޭކަނބަލަކު ސިޔާސީ މަގާމަކަށް މިހާތަނަށް ވަޑައިގެންފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.