މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު 6 މީހަކު ފުލުހުން ހައްޔަރުކޮށްފއެވެ.
އަތޮޅުތެރޭގައި ހިންގި އޮޕަރޭޝަންތައް ހިންގާފައިވަނީ އައްޑޫސިޓީ ހުޅުމީދޫ، ތ. ވޭމަންޑޫ، ހދ.ކުރިނބީ، ނ. ޅޮހީގެ އިތުރުން ނ. މާފަރުގައެވެ. ފުލުހުން ބުނީ ޅޮހީގައި ހިންގި އޮޕަރޭޝަނަކީ ޅ. ހިންނަވަރުން ފުރައިގެންދާ ޑިންގީއަކުން ޅޮއްސަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. މަނަދޫގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 21 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމށް ފުލުހުން ބުނެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި މަހުގެ 14 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެރަށު ބަނދަރާ ޑިންގީ ގާތްކުރި ވަގުތު ފުލުހުން ޑިންގީއަށް އަރައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓާއި ކަރުދާސްކޮޅެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ..
ކުރިނބީގައި ހިންގި އޮޕަރޭޝަނަކީ އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށާއި، ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. މި މަހުގެ 14 ވަނަ ދުވަހު ކުރިނބީ ބަނދަރުމަތިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އޭނާގެ އަތުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ވޭމަންޑޫގައި ހިންގި އޮޕަރޭޝަނަކީ ރަށުތެރެ ޕެޓްރޯލުކުރަން އުޅުނު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި، އެ އޮޕަރޭޝަނުގައި މިމަހުގެ 13 ވަނަ ދުވަހު އެރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނިފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ. މި މައްސަލާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ތިން ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ހުޅުމީދޫގައި ހިންގި އޮޕަރޭޝަނަކީވެސް ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. މިމަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު މަގުމަތިން 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއަކާއި 1.5 ލީޓަރުގެ ފުޅިއެއް ފެނިފައިވާކަމަށާއި، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މާފަރުގައި ހިންގި އޮޕަރޭޝަނަކީ މާލެއިން މާފަރަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން އަންނަ މީހެއްގެ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މާފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކު ހައްޔަރުކޮށްފައިވާއިރު، މިމަހުގެ 10 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މިމައްސަލަތައް ފުލުހުން އިތުރަށް ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ